ޚަބަރު
ގޭންގު ކުށްތަށް ހުއްޓުވުމަށް ފާއިތުވި ދެ ދުވަސްތެރޭ 500އަށް ވުރެ ގިނަ ސަރަޙައްދު ޗެކްކޮށްފި
ކްރައިމް ސީންއަކަށް ފުލުހުން ހާޒިރުވެ / ފޮޓޯ: އޭޕީ
ގޭންގު ކުށްތަށް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާއިތުވި ދެ ދުވަސްތެރޭގައި މާލޭގެ 501 ސަރަޙައްދު ޗެކްކޮށްފައިވާނެކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 13 އަދި 14ވަނަ ދުވަހު އެ އިދާރާގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ވަނީ 501 ސަރަޙައްދެއް ބަލައި، 129 ފަހަރެއްގެ މަތިން އެކި ފަރާތްތަކާ ސުވާލުކޮށްފައެވެ.
އަދި މި މަސައްކަތުގެ ތެރެއިން، 10 އުޅަނދެއް ޗެކް ކޮށް 4 އުޅަނދެއް ޓޯވްކޮށްފައިވާކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 10 އުޅަނދެއް ޗެކޮށްކޮފައިވާއިރު 4 އުޅަނދެއް ޓޯވކޮށްފައިވެއެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލްކޮށް ބަލަހައްޓާފައިވެއެވެ. އެގޮތުން 840 މިނިޓް ފުޓްޕެޓްރޯލް ކޮށްފައިވެއެވެ. pic.twitter.com/rz4n09YSd3
— Maldives Police (@PoliceMv) November 15, 2025
ގޭންގު ކުށްތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ގެނައި އިސްލާޙުތަކަށް މި އަހަރުގެ އޮގަސްޓު މަހު ވަނީ ޢަމަލުކުރަން ފަށާފައެވެ.
ގޭންގު ކުށްތަކުގެ އިތުރުން، ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ވެސް ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަންތަކެއް މި މަހުގެ 13 ވަނަ ދުވަހު ފަށާފައެވެ.
މި އޮޕަރޭޝަނަށް އިޝާރާތްކުރައްވައި ހުކުރު ދުވަހުގެރޭ ބޭއްވި "ދިވެހީންގެރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ދީނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު ދެވޭގޮތަށް ޤާނޫނު އިސްލާޙު ކުރައްވާނެކަމަށެވެ. އަދި ބުރާސްފަތި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ މިހާތަނަށް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށާއި، ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.