ވިޔަފާރި / ޚަބަރު
ވީއައިއޭގެ އައު ޓާރމިނަލުން އޮސްޓްރިއަން އެއާރލައިންސްއަށް ޚިދުމަތް ދޭން ފަށައިފި
ވީއައިއޭގެ އައު ޓާރމިނަލުން އޮސްޓްރިއަން އެއާރލައިންސްއަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުން / ފޮޓޯ: އެމްއޭސީއެލް
ފަރުދުން
16 ނޮވެމްބަރު 2025، 06:10
16 ނޮވެމްބަރު 2025، 06:10
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާރމިނަލުން އޮސްޓްރިއާގެ ޤައުމީ އެއާރލައިން، އޮސްޓްރިއަން އެއާރލައިންސްއަށް ޚިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން އޮސްޓްރިއަން އެއާރލައިންސްއަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އެ ޓާރމިނަލްގައި އިއްޔެ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެއާރ ނެވިގޭޝަން އެންޑް އޭރޯޑްރޯމްސްގެ ޑިރެކްޓަރު، ފާތިމަތު ރާމިޒާއެވެ.
އެ ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާރލައިންސްގެ ސްޓޭޝަން މެނޭޖަރު، ރޮބާރޓް ހާވީ އާއި އޮސްޓްރިއަން އެއާލައިންސްގެ އޮފިޝަލުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިއްޔެގެ ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާރލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ވަނީ ހުޅުވައިފައެވެ. އަދި އައު ޓާރމިނަލަށް އައި އެ އެއާރލައިންގެ ފުރަތަމަ ފްލައިޓް، OS021 އިން ރާއްޖެ އައި 321 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުޚަބާއެއް ކިޔައިފައެވެ.
އޮސްޓްރިއަން އެއާރލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 1995 ގައެވެ.
އޮސްޓްރިއަން އެއާލައިންސްއަކީ 26 ޖުލައި 2025ގައި ހުޅުވި އައު ޓާރމިނަލުން ޚިދުމަތް ދޭން ފެށި 23 ވަނަ އެއާރލައިނެވެ.