ޚަބަރު
އުންމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން: ފަސްޓް ލޭޑީ
2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ބޭއްވި ޚަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
16 ނޮވެމްބަރު 2025، 07:20
16 ނޮވެމްބަރު 2025، 07:20
އުއްމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން ކަމަށާއި، އަންހެނުންނަށް ފުރިހަމަ ގަދަރާއި އިޙްތިރާމް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެ ކަމަނާ މިހެން ވިދާޅުވީ، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ހޮނިހިރު ދުވަހުގެރޭ ބޭއްވި ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މާތްވެގެންވާ އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަތިވެރި މަޤާމަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވިދާޅުވީ، ދީނުގައި ވެސް އަންހެނުންގެ ކުރިއެރުމާއި އަންހެނުން ބާރުވެރިކުރުވުމުގެ މަޢުޟޫއަށް އިސްކަންދެއްވާފައިވާ ކަމަށެވެ. އެގޮތުން އެއްވެސް ކަމެއްގައި އަންހެނަކަށްވީތީ ނިކަމެތިކަމެއް ނުވަތަ ބޭއިންސާފެއް މާތްވެގެންވާ އިސްލާމްދީނުގައި ލައްވާފައި ނެތްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
ހެޔޮ އަމަލުކުރުން ކަމުގައިވިޔަސް، ނުބައި އަމަލުކުރުން ކަމުގައިވިޔަސް، ޖަޒާ ލިބުމުގައިވެސް އޮތީ އަދުލުވެރިކަން. ހަމައެހެންމެ މުދާ މިލްކު ކުރުމާއި ވިޔަފާރިކުރުންފަދަ އެހެނިހެން މުޢާމަލާތްތަކުގައިވެސް އަންހެނަކަށްވީތީ ހުރަސްއެޅޭ ނުވަތަ އުނިވާކަމެއްނެތް. އަޅުގަނޑުމެން މުސްލިމުން އިސްލާމްދީން ފުންކޮށް ބަލައި ވިސްނުމުން ކަށަވަރުވަނީ އަންހެނުންނަށް މާތްﷲ އެކަލާނގެ ދީނުގައި ދެއްވާފައިވާ މަތިވެރި މަޤާމު. ޢަދުލު އިންސާފު، ޢިއްޒަތާއި ގަދަރު.
ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
މީގެ އިތުރުން އަންހެނުންނަކީ އުއްމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލުކަމަށާއި، އެގޮތުން މަންމައިންނަކީ ކޮންމެ އިންސާނެއްގެވެސް އެންމެ ފުރަތަމަ މުދައްރިސްކަމަށާއި، ކޮންމެ އިންސާނެއްގެވެސް އެންމެ ފުރަތަމަ އެހީތެރިޔާކަމަށް ވުމީ މީގެ ދަލީލެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އެހެންކަމުން ދުނިޔަވީ ވާޖިބުތައް އަދާކުރަމުންދާއިރު މަންމައެއްގެ ވާޖިބު އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެކަމަށް އެ ކަމަނާ ވިދާޅުވިއެވެ. ހަމައެއާއެކު މަންމައަކަށްވުމުގެ އެދުމާއި އުއްމީދުގައި އަދި ހެޔޮ ދުޢާގައި ތިއްބެވި އެންމެހާ ބޭފުޅުންނަށްވެސް ފުރިހަމަ އިޙްސާންތެރިކަމާއި ހެޔޮ ދުޢާ ދެމެހެއްޓުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
2024 ވަނަ އަހަރާއި 2025 ވަނަ އަހަރު، 14 ބޭކަނބަލަކަށާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާއަކަށް ރެހެންދި އެވޯޑު ލިބިފައިވެއެވެ. މިރޭގެ ހަފުލާގައި އެފަރާތްތަކަށް އެވޯޑާއި ބްރޫޗް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ރެހެންދި އެވޯޑަކީ، ޤައުމީ ޚިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކޮށް، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި، އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދެއްވާ ޚާއްޞަ އެވޯޑެކެވެ.