ކުޅިވަރު

ބިލީ ޖީން ކިންގް ކަޕް: އޭޝިއާ/އޯޝޭނިއާ ގްރޫޕް-3ގެ ރިހި މެޑަލް ރާއްޖެއަށް

ބިލީ ޖީން ކިންގް ކަޕް: އޭޝިއާ/އޯޝޭނިއާ ގްރޫޕް-3ގެ ރިހި މެޑަލް ރާއްޖެއަށް

ބިލީ ޖީން ކިންގް ކަޕްގެ އޭޝިއާ/އޯޝޭނިއާ ގްރޫޕް-3ގެ ސިންގަލްސް މެޗު ނަބާ ވަނީ 2-1 ސެޓުން ކާމިޔާބުކޮށްފައި، ފޮޓޯ: ޓެނިސް އެސޯސިއޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 ނޮވެމްބަރު 2025، 10:33

16 ނޮވެމްބަރު 2025، 10:33

ވިއެޓްނާމްގެ ތިއެޓްގައި ކުރިޔަށްދިޔަ ބިލީ ޖީން ކިންގް ކަޕް 2025ގައި، ގްރޫޕް ތިނެއްގެ އޭޝިއާ/އޯޝޭނިއާ ޒޯން-ބީގެ ރަނަރަޕް ޓީމުގެ މަޤާމު ރާއްޖޭގެ ޒުވާން ޓެނިސް ޓީމުން ހޯދައިފިއެވެ. 

ރާއްޖޭގެ ޓީމުން ފައިނަލުގައި ބައްދަލުކުރީ ލާއޯސްއާއެވެ. ނޯވާ ވޯލްޑް ޓެނިސް ގާޑަންގައި ކުޅުނު މި މެޗު ލާއޯސް ކާމިޔާބުކުރީ 2-1އިންނެވެ.

ފައިނަލްގެ ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ ނަބާ ނިޝާން ނިކުތީ ސިއާނާ މެކްޑޮނާލްޑްއާ ދެކޮޅަށެވެ. ދެ ގަޑިއިރާ 54 މިނެޓަށް ދިގުދެމިގެން ދިޔަ މި މެޗުގެ ފުރަތަމަ ގޭމް 6-2އިން ގެއްލުނު ނަމަވެސް، ނަބާ ވަނީ ފަހު ދެ ގޭމު 7-6 އަދި 7-6އިން ކާމިޔާބުކޮށް، 2-1އިން ސިއާނާ ބަލިކޮށްފައެވެ.

ފައިނަލްގެ ދެވަނަ ސިންގަލްސްގައި ރާއްޖޭގެ އާރާ އާސާލް އާޒިމް ވާދަކުރީ ލާއޯސްގެ މެލޭލެކް ޑެލިލާ ޕަތުމައްކުރޮނެންއާއެވެ. އެ މެޗު 6-2 އަދި 6-3އިން ކާމިޔާބު ކުރީ ލާއޯސްގެ ކުޅުންތެރިޔާއެވެ.

ލާއޯސްއިން ޒޯންގެ ޗެމްޕިއަންކަން ކަށަވަރުކުރީ ޑަބަލްސް މެޗު ފަސާހެކަމާއެކު 2 ސެޓުން ކާމިޔާބުކޮށްގެންނެވެ. އެ މެޗުގެ ގޭމުތައް އެ ޓީމުން ގެންދިޔައީ 6-0 އަދި 6-1އިންނެވެ.

ބިލީ ޖީން ކިންގް ކަޕްގައި ވާދަކުރި ރާއްޖޭގެ ޓީމް / ފޮޓޯ: ޓެނިސް އެސޯސިއޭޝަން


ބިލީ ޖީން ކިންގް ކަޕުގައި ޒޯންގެ ފައިނަލާއި ހަމައަށް ދަތުރުކުރުމަކީ ރާއްޖޭގެ ޓެނިސް ޓީމުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ. ގުރޫޕްގެ އެއްވަނަ ހޯދާ ގްރޫޕް 2 އަށް ކޮލިފައިވުމުގެ އަޒުމުގައި ވިއެޓްނާމަށް ދިޔަ ޤައުމީ އަންހެން ޓެނިސް ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ފައިނަލާ ހަމައަށް މި ކުޅުންތެރިންނަށް ދެވުމަކީ ތާރީޚީ ކާމިޔާބީއެއް ކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ.

ބިލީ ޖީން ކިންގް ކަޕްގެ ފައިނަލްސްއަށް ދަތުރުކުރެވެނީ، ރޭންކިންއަށް ބަލައިގެން ތާވަލުކޮށްފައިވާ މެޗުތަކަކަށްފަހުއެވެ. އެގޮތުން ފުރަތަމަ ކުޅެން ޖެހެނީ ގްރޫޕް 4ގައެވެ. އެ ގްރޫޕުން އެންމެ ރަގަޅު ޓީމުތަކަށް ގްރޫޕް 3އަށް ދެވޭއިރު، މިހެން ފުރޭނިގެން ގޮސް، ޕްލޭ-އޮފް ބުރަކަށް ފަހު އަންހެން ވޯލްޑް ކަޕްގެ ފައިނަލްސްއަށް ކޮލިފައި ވަނީ ކޮލިފިކޭޝަން ބުރަކަށް ފަހުއެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރީ ނަބާ އާއި އާރާގެ އިތުރުން ނަޔާރާ އުސާމާ ޢަލީ އާއި ޢާއިޝަތު ކަރިން ސައިޒާންއެވެ. ރާއްޖޭ ޓީމުގެ ކެޕްޓަނަކީ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިނަތު އިރުފާ މާހިރެވެ. ރާއްޖޭގެ ޓީމަށް އިރުޝާދު ދިނީ ޤައުމީ ޓެނިސް ޓީމުގެ ކޯޗު އީރާނުގެ ޢަލީ ރިޒާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން