ވިޔަފާރި / ޚަބަރު
ހިޔާ، ވިނަރެސް ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކުރުމަށް ރައީސް މުޢިއްޒު އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިޔާ ފްލެޓާއި ވިނަރެސް ހައުސިންގ މަޝްރޫޢުއާ ގުޅިގެން އާއްމު ރައްޔިތުން ނަގާފައިވާ ލޯނުތަކަށް ލުއި ދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. މިކަމަށް އަންގަވާފައިވަނީ މި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލްއިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ، އިޖުތިމާޢީ އަދި ކުޑަ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވާތީ، މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ރައީސް މުޢިއްޒު ވަނީ، ހިޔާ ފްލެޓްތަކުގެ ފިނިޝިންގ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %12 އިން %10 އަށް ކުޑަ ކުރުމަށް އަންގަވާފައެވެ. އަދި ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމަށް ވެސް ބީއެމްއެލްއަށް ވަނީ ދަންނަވާފައެވެ.
މީގެ އިތުރުން، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %9 އިން %8 އަށް ކުޑަ ކުރުން، އެއީ ކުރެވިދާނެ ކަމެއް ކަމަށް ބީއެމްއެލްއިން މަޢުލޫމާތު ލިބިފައިވާތީ، އުސޫލުގެ ތެރެއިން މި ބަދަލު ގެނެސް ދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން
— Dr Mohamed Muizzu (@MMuizzu) November 16, 2025
* ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި،
* ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ،
ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢު ތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނު ތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް…
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، އިޖުތިމާޢީ ބޯހިޔާވަހިކަމާ ގުޅޭގޮތުން ދެއްވި ވަޢުދުފުޅާ އެއްގޮތަށް ގިނަ ލުއިތަކެއް ވަނީ ދެއްވާފައެވެ. އެގޮތުން، ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި، ގޯތީގެ ކުލިތައްވެސް ވަނީ ކުޑަކުރައްވާފައެވެ. އަތޮޅުތަކުގައި ހުރި ހައުސިންގ ޔުނިޓްތަކުގެ މަހު ކުލި 3330 ރުފިޔާއަށް ކުޑަކުރައްވާފައިވާއިރު، ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 6300 ރުފިޔާއިން 3984 ރުފިޔާއަށް ވަނީ ކުޑަކުރައްވާފައެވެ.
ވިނަރެސް ސްކީމުން ދޫކުރި ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު %50 އަށް ކުޑަކޮށް، ކުލީގެ އަދަދު އެވަރެޖްކޮށް 4200 ރުފިޔާ ކުޑަވާ ގޮތަށް ވެސް ރައީސް ވަނީ ބަދަލުކޮށްދެއްވާފައެވެ. މީގެއިތުރުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހައުސިންގ ޔުނިޓުތަކުގެ ކުލިން %20 ކުޑަ ކޮށްދެއްވުމަކީ ވެސް ރައީސް މުޢިއްޒުގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ދެއްވާފައިވާ ލުއިފަސޭހައެކެވެ. މި ލުއިތަކާއެކު، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ކުޑަވެ، އިގްތިސާދީ ގޮތުން ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.