Ads by Stelco

ޚަބަރު

ރާއްޖޭގެ ތާރީޚު ދެކެފައިނުވާ މިންވަރަށް އަންނަ އަހަރުގެ ބަޖެޓުގައި ތަރައްޤީ އެބައޮތް: މެންބަރު ޢަބްދުއްސައްތާރު

ރާއްޖޭގެ ތާރީޚު ދެކެފައިނުވާ މިންވަރަށް އަންނަ އަހަރުގެ ބަޖެޓުގައި ތަރައްޤީ އެބައޮތް: މެންބަރު ޢަބްދުއްސައްތާރު

ރައްޔިތުންގެ މަޖިލިހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު

farudhun logo

ފަރުދުން

16 ނޮވެމްބަރު 2025، 02:55

16 ނޮވެމްބަރު 2025، 02:55

އަންނަ އަހަރަށް އަންދާޒާކޮށް ސަރުކާރުން  މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓަކީ ރާއްޖޭގެ އެކި ކަަންކޮޅުތަކުގައި ފެށިފައި ހުރި ތަރައްޤީގެ އެންމެހައި މަޝްރޫޢުތަކަށް ފެންދީ، ތަރައްޤީގެ އާރޯކަން ރާއްޖެއަށް ގެނެސްދޭނެ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލިހުގައި އަދު ވާހަކަފުޅު ދައްކަވަމުން ޢަބްދުއްސައްތާރު ވިދާޅުވީ، އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މި ބަޖެޓަކީ ފާއިތުވި ފަސް އަހަރު ދުވަހު އެމް.ޑީ.ޕީ. ސަރުކާރުން ފަށައި ނުނިންމައި ހުރި މަޝްރޫޢުތައް ނިންމުމަށް ކާނާދީ ފެންއަޅައިދޭނެ ބަޖެޓު ކަމަށެވެ. އަދި ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ފަށާފައިވާ 1،800 އެއްހައި މަޝްރޫޢު ނިންމުމަށް ފެންދޭނެ ބަޖެޓަކީ ވެސް މި ބަޖެޓު ކަމަށް ޢަބްދުއްސައްތާރު ވިދާޅުވިއެވެ. 

ޢަބްދުއްސައްތާރު އިތުރަށް ވިދާޅުވީ، މި ބަޖެޓަކީ ރާއްޖޭގައި ޙައްލުނުކުރެވި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ފައިސާ ހަމަޖައްސައިދޭ ބަޖެޓު ކަމަށެވެ. ބަޖެޓު ފާސްވެ ބަޖެޓު ތަންފީޒުކުރަން ފެށުމާ އެކު، ގިނަ މައްސަލަތަކެއް ޙައްލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ޢަބްދުއްސައްތާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޙިސާބުގެ ނަންބަރުތަކުން ދޮގެއް ނުނެރެވޭނެ. މި ބަޖެޓުގެ ނަންބަރުތަކަށް ބަލާއިރުގައި ދިވެހިރާއްޖޭގެ ތާރީޚު ނުދެކޭ މިންވަރަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގައި، ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށްޓަކައި، އެއިން ކޮންމެ މައްސަލައަކާ ގުޅޭ ގޮތުން ބަޖެޓުގައި ނަންބަރުތައް ފެންނަން އެބަހުރި. އަޅައިނުލައި ދޫކޮށްލާފައި އޮތް ތެލެސީމިއާ ކުދިންނަށް އެލަވެންސް ލިބިގެންދާނީ މި ބަޖެޓުގެ ތެރެއިން. އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ބޮޑުވި އެލަވެންސް ލިބިގެންދާނީ މި ބަޖެޓުގެ ތެރެއިން. އެހެންވީމާ މި ބަޖެޓުގައި އެބަހުރި ދިވެހިރާއްޖޭގައި އަޅައިނުލައި ދޫކޮށްލެވިފައި ހުރި ކަންކަމަށް އެޑްރެސްކުރެވިފައި.

ރައްޔިތުންގެ މަޖިލިހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު

މެންބަރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2026ވަނަ އަހަރު ދައްކަންޖެހޭ ބޮޑު ދަރަނި އަދާކުރާނެ ގޮތަކާމެދު ސަރުކާރުން ވިސްނާފައިނުވާ ކަމަށް އިދިކޮޅުން ބުނި ނަމަވެސް ބަޖެޓުން ހާމަވަނީ އަންނަ އަހަރު ދައްކަންޖެހޭ ދަރަނި އަދާކުރެވޭނެ ގޮތްތައް ސަރުކާރުން ހޯދާފައިވާ ކަމެވެ. 

އިދިކޮޅު ފަރާތްތަކުން ސަރުކާރުން މަޝްރޫޢެއް ނުހިންގާކަމަށް ކުރާ ތުހުމަތުތަކަށް ރައްދުދެއްވައި ޢަބްދުއްސައްތާރު ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ރަށްރަށުގައި މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި ރަށްރަށަށް ދަތުރުކުރެއްވުމުން އިދިކޮޅު މެންބަރުންނަށް ވެސް އެ ޙަޤީޤަތް ފެންނާނެ ކަމަށެވެ.

ހަނަފަސް ހިކި ޞަޙަރާއެއްގައި ދަނޑުވެރިޔަކު އޮށްތައް ރުވާލީމާ ގަސްތައް ހެދިގެން އަންނަ މަންޒަރު ފެންނަހެން އަޅުގަނޑުމެން ޤައުމުގައި ތަރައްޤީގެ މަޝްރޫޢުތައް ހިނގާތަން މި ބަޖެޓާ އެކު ފެނިގެންދާނެ"

ރައްޔިތުންގެ މަޖިލިހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު

ނިންމަވައިލައްވަމުން ޢަބްދުއްސައްތާރު ވިދާޅުވީ، ބަޖެޓާ އެކު އަސާސީ ޚިދުމަތްތައް ޤާއިމުކުރެވި ޖުމްލަކޮށް ތަރައްޤީގެ އައު ހަރުފަތެއް 2026ވަނަ އަހަރު ރާއްޖެ ކަޑައްތުކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން