Ads by Stelco

ޚަބަރު

މަޤާމަކަށް ހޮވުމުން ގުޅުންތައް މަތިން ހަނދާން ނައްތާލައިގެން ނުވާނެ: ބޮޗޭ

މަޤާމަކަށް ހޮވުމުން ގުޅުންތައް މަތިން ހަނދާން ނައްތާލައިގެން ނުވާނެ: ބޮޗޭ

ރައްޔިތުންގެ މަޖިލިހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު (ބޮޗޭ) "ނުރަސްމީ ޕޮޑްކާސްޓް"ގައި ވާހަކަފުޅު ދައްކަވަނީ.

farudhun logo

ފަރުދުން

16 ނޮވެމްބަރު 2025، 03:57

16 ނޮވެމްބަރު 2025، 03:57

ސިޔާސީ ނުވަތަ އެ ނޫން ވެސް މަޤާމަކަށް ހޮވުމުން، ތިމާގެ ގުޅުންތައް މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް، ރައްޔިތުންގެ މަޖިލިހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު، ޢަބްދުﷲ ރިފާޢު (ބޮޗޭ) ވިދާޅުވެއްޖެއެވެ. ބޮޗޭ މިހެން ވިދާޅުވީ، "ފަރުދުން"ގެ "ނުރަސްމީ ޕޮޑްކާސްޓް"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބޮޗޭ ވިދާޅުވީ، ބައެއް ބޭފުޅުން ބޮޑެތި މަޤާމުތަކަށް ހޮވުމަށް ފަހުގައި، އެ ބޭފުޅުންނާ ގުޅަން އުނދަގޫވެ، ބައްދަލުވާން ދަތިވާ ކަމަށެވެ. ނަމަވެސް، މަޤާމުތަކަށް ހޮވުމަކީ ކުރީގެ ދިރިއުޅުން ދޫކޮށްލައި، ކުރީގެ ގުޅުންތައް ކަނޑާލަން ޖެހޭ ސަބަބެއް ނޫން ކަމަށް ބޮޗޭ ވަނީ ކިޔައިދެއްވާފައެވެ.

ބައެއް ބޭފުޅުންނަށް ދިމާވާ ކަމެއް އެއީ ލިބޭ މަޤާމެއްގެ ޙައިޘިއްޔަތުން ތަންކޮޅެއް ގުޅަން އުނދަގޫވެ، އެ މީހަކާ ބައްދަލުވާން އުނދަގޫވެ، މިކަހަލަ [ކަންތައްތައް]. ދެން ބިޒީވާނެ. އެންމެން ވެސް ބިޒީ. އަޅުގަނޑު ވެސް ބިޒީ. އެހެން ނަމަވެސް އަޅުގަނޑު ޤަބޫލުކުރާ އެއްޗެއް ނޫނޭ ބިޒީވެގެން ގޮސް ހަފްތާއެއް ވަރު ދާއިރުގައި މުހިންމު މީހަކު ބައްދަލުކުރަން އެދިގެން، އެ މީހަކާ ބައްދަލުނުވުން.

ރައްޔިތުންގެ މަޖިލިހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު، ޢަބްދުﷲ ރިފާޢު (ބޮޗޭ)

ބޮޗޭ އިތުރަށް ވިދާޅުވީ، މަޖިލިސް މެންބަރުކަން ފަދަ މަޤާމަކަށް އިންތިޚާބުވަނީ އެތައް ރައްޔިތުންނެއްގެ ވޯޓާއި، އެތައް ބައެއްގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. ވުމާ އެކު، މަޤާމަށް އިންތިޚާބުވުމަށް ފަހުގައި ވެސް އެ ފަރާތްތަކަށް އިޙުތިރާމު އަދާކުރަން ޖެހޭ ކަމަށް ބޮޗޭ ވިދާޅުވިއެވެ. ބޮޗޭ އިތުރަށް ވިދާޅުވީ، ކެމްޕޭނުގައި މަދަދުވެރިވި ފަރާތްތަކަށް އިޙުތިރާމުކުރުމުގެ އިތުރުން، މެންބަރުކަމަށް އިންތިޚާބުވުމަށް ފަހު އެއްވެސް މީހަކާ ނަފްރަތު ބާއްވައިގެން ނުވާނެ ކަމަށެވެ. ވޯޓު ދިން މީހަކު ކަމުގައި ވިޔަސް އަދި ނޫން ކަމުގައި ވިޔަސް، އެ މީހަކީ ތިމާގެ ދާއިރާގެ ރައްޔިތެއްގެ ގޮތުގައި ބަލައިގަނެ، އެ މީހަކާ މެދު ހެޔޮކޮށް ދެކެން ޖެހޭ ކަމަށް ބޮޗޭ ވިދާޅުވިއެވެ.

މިއީ ވަކި ސިޔާސީ ޕާޓީއަކަށް ލިބޭ ގޮނޑިއެއް ނޫން. މިއީ ރައްޔިތުންނަށް ޚިދުމަތްކުރަން އަންނަ ގޮނޑި. އެހެންވީމާ އެހައި ޙިސާބުން ކޮންމެ ރައްޔިތަކީ ވެސް އަޅުގަނޑުމެންގެ އެ ޚިދުމަތުގައި ޝާމިލުވާނެ މީހަކަށް ވާން ޖެހޭ. އެހެންވީމާ، ކޮންމެ ރައްޔިތެއްގެ އަޑު ވެސް އަޅުގަނޑުމެން އަހަން ޖެހޭނެ. އެ ރައްޔިތެއްގެ ޚިޔާލާއި ފިކުރު އަޅުގަނޑުމެންގެ މަސައްކަތުގެ ތެރެއަށް އެބަ ވައްދަން ޖެހޭ.

ރައްޔިތުންގެ މަޖިލިހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު، ޢަބްދުﷲ ރިފާޢު (ބޮޗޭ)

ބޮޗޭ ވިދާޅުވީ، އޭނާގެ ކިބައިން މީހުން އެންމެ ބަލައިގަންނަ އެއް ޞިފައަކީ، މީހުންނާ ގުޅިގެން އުޅުއްވުން ކަމަށެވެ. މި ގޮތުން، މަޖިލިހަށް އިންތިޚާބުވުމަކީ ބޮޗޭގެ ޙަޔާތަށް މާ ބޮޑު ބަދަލެއް ގެނުވި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ރަސްމީ ގަޑީގައި ބެގީ ޖައްސަވައި ޓައި ތުރުކުރެއްވިޔަސް، އެ ނޫން ވަޤުތުތަކުގައި މީހުންނާ ގާތުގައި އުޅުއްވާ ކަމަށް ބޮޗޭ ވިދާޅުވިއެވެ.

ދެން ބައެއް މީހުން ބުނާނެ ވަރަށް ކޮރަޕްޓު މީހެކޭ... ދެން ސިޔާސީ ދާއިރާއަށް ނުކުތީމަ ވަރަށް ބައިވަރު ޓެގުތަކެއް އަބަދު ވެސް އެޅިގެން ދާނެ. [...] އެކަމަކު އަޅުގަނޑު ދަންނަ މީހަކު ވިއްޔާ އެނގޭނެ މިއިން އެއްވެސް ކަމަކީ ޙަޤީޤަތެއް ނޫން ކަން. އަޅުގަނޑު މިޘާލަކަށް ސިޔާސީ ދާއިރާގައި އުޅޭތާ މިހާރު މި 15 އަހަރާ ގާތްވެގެން ދިޔައީ. އަޅުގަނޑުގެ ޢާންމު ދިރިއުޅުމަކަށް ނުހުންނާނެ މާ ބޮޑު ބަދަލުތަކެއް އައިއްސައެއް. އަޅުގަނޑު އުޅޭހެން އުޅޭނީ، ރަސްމީ ވަޤުތުގައި ރަސްމީކަން މަތީގައި... ރަސްމީ ނޫނިއްޔާ އަޅުގަނޑު ހުންނާނީ މި ކަހަލަ ގޮތަކަށް.

ރައްޔިތުންގެ މަޖިލިހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު، ޢަބްދުﷲ ރިފާޢު (ބޮޗޭ)

ބޮޗޭގެ ވާހަކަފުޅުން، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމާއި، އިސް މަޤާމަކަށް ޢައްޔަންވުމުން ބޮޑާވެރިވުމާ ދުރުހެލިވުމުގެ އަހަންމިއްޔަތު ހާމަވެގެން ދިޔައެވެ. ބޮޗޭގެ ވާހަކަފުޅު އިތުރަށް އަޑުއައްސަވަން އެދޭނަމަ، "ނުރަސްމީ ޕޮޑްކާސްޓް"ގެ ތިންވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑު ބައްލަވާލައްވާށެވެ:

Ads by MSS

މި ލިޔުން ކިޔާލުމުން