ދުނިޔެ

ސޫރިޔާގެ ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް

ސޫރިޔާގެ ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް

ސޫރިޔާގެ ޚާރިޖީ ވަޒީރު އަސަދު އަލް-ޝައިބާނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ނޮވެމްބަރު 2025، 03:57

16 ނޮވެމްބަރު 2025، 03:57

ސޫރިޔާގެ ޚާރިޖީ ވަޒީރު އަސަދު އަލް-ޝައިބާނީ މިއަދު (އާދިއްތަ) ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް ސޫރިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

މިއީ ރައީސް އަޙްމަދު އަލް-ޝަރަޢު ގެ ސަރުކާރުގެ ވަޒީރަކު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ސޫރިޔާގެ ޚާރިޖީ ވުޒާރާގެ މީޑިއާ އިދާރާއިން އިއްޔެ (ހޮނިހިރު) ބުނި ގޮތުގައި، ޝައިބާނީ ޗައިނާގެ ޕީޕަލްސް ރިޕަބްލިކްއަށް ވަޑައިގަންނަވާނީ އެ ޤައުމުގެ ގިނަ އަދަދެއްގެ އޮފިޝަލުންނާ އެކު މަޝްވަރާކުރުމަށް ކަމަށް ސޫރިޔާގެ ނިއުސް އެޖެންސީ (ސާނާ) އިން ރިޕޯޓުކޮށްފައިވެއެވެ. މިދިޔަ އޮކްޓޯބަރު މަހު، ޝައިބާނީ ވަނީ ޗައިނާގެ ދައުވަތަކަށް ނޮވެމްބަރު މަހުގެ ކުރީކޮޅު ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވާފައިވާ ކަން ސޫރިޔާގެ އަލް-އިޚްބާރިއްޔާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އިއުލާނުކުރައްވާފައެވެ.

 "އަޅުގަނޑުމެން ވަނީ، ވެރިކަމުން ބޭރުކުރެވުނު ބައްޝާރު އަލް-އަސަދު ގެ ނިޒާމަށް ސިޔާސީ ގޮތުން ތާއީދުކޮށް އަދި އެ ނިޒާމުގެ ފައިދާއަށް ވީޓޯ ބޭނުންކުރަމުން ދިޔަ ޗައިނާއާ އެކު އޮތް ގުޅުން އަލުން ރަނގަޅުކޮށްފައެވެ." އެ ދުވަހު ޝައިބާނީ ވިދާޅުވިއެވެ. އަދި މި މަރުޙަލާގައި ސޫރިޔާ އަލުން ބިނާކުރުމަށް ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ. 

މި ދަތުރުފުޅު ޝައިބާނީ މިކުރައްވަނީ ދެ ޤައުމުގެ ގުޅުމުގެ މަގު ބަދަލުވަމުންދާ ދަނޑިވަޅެއްގައެވެ. ޚާއްޞަކޮށް، ޗައިނާ އަކީ ކުރީގެ ނިޒާމަށް ތާއީދުކުރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެރިކަމުން ބޭރުކުރެވުނު ރައީސް ބައްޝާރު އަލް-އަސަދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުމުގެ ފެންވަރު ސްޓްރެޓީޖިކް ޕާޓްނަރޝިޕަކަށް މަތިކޮށްފައިވެއެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަސަދުގެ ވެރިކަން ވެއްޓުމާ ހަމައިން، ރައީސް އަލް-ޝަރަޢު ގެ ވެރިކަމުގެ ދަށުން ސޫރިޔާއިން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައި އެޤައުމުގެެ ދައުރު ފުޅާކޮށް، ދުނިޔޭގެ އެކި ޤައުމުތަކާ އެކު ދެ ފަރާތުން އިޙްތިރާމުކުރުމާއި އާންމު މަޞްލަޙަތުތަކުގެ މައްޗަށް ބިނާކޮށް ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން