ދުނިޔެ

ދިއްލީގައި ހިނގި ޖާނުން ފިދާވުމުގެ ހާދިސާއާ ގުޅިގެން ކަޝްމީރުގެ ރައްޔިތަކު ހައްޔަރުކޮށްފި

ދިއްލީގައި ހިނގި ޖާނުން ފިދާވުމުގެ ހާދިސާއާ ގުޅިގެން ކަޝްމީރުގެ ރައްޔިތަކު ހައްޔަރުކޮށްފި

ނިއުދިއްލީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގައި ގޮވި ކާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ނޮވެމްބަރު 2025، 09:29

16 ނޮވެމްބަރު 2025، 09:29

އިންޑިއާގެ ނިއުދިއްލީގައި ހިނގި ޖާނުން ފިދާވުމުގެ ހާދިސާއާ ގުޅިގެން ކަޝްމީރުގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ. 

މައްސަލަ ތަހުޤީޤު ކުރާ އިންޑިއާގެ އޮފިސަރުން ވަނީ  މިދިޔަ ހަފްތާގައި ނިއުދިއްލީއަށް ސިހުމެއް ގެނުވައި، ދިން ނުރައްކާތެރި ޖާނުން ފިދާވުމުގެ ހަމަލާގައި ބައިވެެރިވި އެކަކު އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

 މި ހާދިސާގައި 12 މީހުން މަރުވެ، 32 މީހުން ޒަހަމްވެފައިވެއެވެ.

އިންޑިއާގެ ު ޓެރަރިޒަމް ނައްތާލުމުގެ ޤާނޫނު ތަންފީޒުކުރާ އެޖެންސީ ކަމަށްވާ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން އާދީއްތަ ދުވަހު އިއުލާންކޮށްފައިވާ ގޮތުގައި، އެމީހުން ވަނީ އަމީރު ރަޝީދު އަލީ ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައެވެ. 

މި ހަމަލާގައި ބޭނުންކުރި ކާރު ރަޖިސްޓްރީކޮށްފައިވަނީ އޭނާގެ ނަމުގައި ކަމަށް އެންއައިއޭއިން ބުނެއެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ދިއްލީގައި ދިގު ތަހުޤީޤެއް ހިންގުމަށް ފަހުގައެވެ.

ޖައްމޫ އެންޑް ކަޝްމީރުގެ ޕަމްޕޯރުގެ ރައްޔިތެއް ކަމަށްވާ މި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ވަނީ، ޓެރަރިސްޓް ހަމަލާއެއް ދިނުމަށް، ޓެރަރިސްޓެއް ކަމަށް ބުނާ ޢުމަރު އުން ނަބީ އަށް އެއްބާރުލުން ދިނުމުގެ ތުހުމަތުކޮށްފައެވެ.

 އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މި އެއްބާރުލުންދިން މީހާ ދިއްލީއަށް ދަތުރުކޮށްފައިވަނީ މި ހަމަލާ ދިނުމަށް ބޭނުންކުރި ގޮވާ ތަކެތި އުފުލުމަށް ބޭނުންކުރި އުޅަނދު ގަތުމަށް ފަސޭހަ ކޮށްދިނުމަށް ކަމަށް ބެލެވެއެވެ. ނަބީއަށް ނިސްބަތްވާ އަނެއް އެހެން ވެސް ފުލުހުން ވަނީ ހިފާފައިވާ ކަމަށާއި، އެ އުޅަނދު މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކެބިނެޓުން މިދިޔަ ހަފްތާގައި މި ގޮވުން ސިފަކޮށްފައިވަނީ "ޤައުމާ ދެކޮޅު ބާރުތަކުން ހިންގި ނުބައި ޓެރަރިސްޓް ހާދިސާ" އެއްގެ ގޮތުގައެވެ. މި ހަމަލާގެ ފަހުން، އިންޑިއާ ސަރުކާރުން ވަނީ ތުހުމަތުކުރާ ފަރާތްތަކަށް އިޝާރާތް ކުރުމުގައި އާދަޔާ ޚިލާފަށް ސަމާލުކަން ދީފައި ކަމަށާއި، ވާދަވެރި ޕާކިސްތާނުގެ ނަން ނުނެގި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

 މޯދީ މޭ މަހު ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ތަނުގައި ދޭ ކޮންމެ "ޓެރަރިސްޓް" ހަމަލާއެއް ވެސް ބަލާނީ "ހަނގުރާމައެއްގެ އަމަލެއް" ގެ ގޮތުގައި ކަމަށެވެ. މީގެ ސަބަބުން ޕާކިސްތާނާ އެކު އަނެއްކާވެސް ކުރިމަތިލުމެއް އުފެދިދާނެ ކަމުގެ އިންޒާރުތައް ބޮޑުވެފައިވާތީ، ތުހުމަތުކުރެވޭ ފަރާތްތަކަށް އިންޑިއާއިން ތުހުމަތުކުރުން ވަނީ ހަނިވެފައެވެ.

މި ހާދިސާތަކާ ގުޅިގެން، އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ މައި ސިޓީ ކަމަށްވާ ސްރީނަގަރުގެ ފުލުހުންގެ ސްޓޭޝަނެއްގައި ހުކުރު ދުވަހުގެ ރޭ ފަހުކޮޅު ހިފާފައިވާ ގޮވާ ތަކެތީގެ ބަޑިގުދަނެއް ގޮވުމުގެ ސަބަބުން ނުވަ މީހުން މަރުވެ، 30 މީހުން ޒަހަމްވެފައިވެއެވެ.

 ސަރަހައްދީ ފުލުހުން ވަނީ މި ގޮވުމަކީ އެކްސިޑެންޓެއް ކަމަށް ކަނޑައަޅާފައި ކަމަށާއި، މި ހާދިސާގައި ހަތިޔާރު އެޅި އެއްވެސް ޖަމާއަތެއްގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް ބުނެފައެވެ. މި ހާދިސާގައި ފުލުހުންގެ އޮފިސަރުންނާއި އިސްވެރިން ވެސް މަރުވެފައިވެއެވެ.

ސްރީނަގަރުގައި ގޮވުމުގެ ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުތުރުގެ ގިނަ ސްޓޭޓްތަކެއްގައި ރެއިޑްތައް ހިންގަމުން ދަނިކޮށެވެ. ކަޝްމީރުގެ ފުލުހުން ބުނެފައިވަނީ، ކެމިކަލް، އިލެކްޓްރޯނިކް ސަރކިޓް އަދި ރިމޯޓް ކޮންޓްރޯލް ފަދަ އައިއީޑީ (އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް) ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ވެސް ހިމެނޭ ގޮތަށް، "ގިނަ އަދަދެއްގެ ހަތިޔާރު، ބަޑިބޭސް އަދި ގޮވާ ތަކެތި" ހޯދާފައިވާ ކަމަށެވެ. 

އިންޑިއާގެ ތަހުޤީޤީ އޮފިޝަލުން ބުނެފައިވަނީ، އިތުރު މައުލޫމާތު ހޯދުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ހާދިސާގައި އިތުރު މީހަކު ބައިވެރިވެފައިވާނަމަ، އެމީހުން ދެނެގަނެވޭނެ ކަމަށެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން