ޚަބަރު
ބޯހިޔާވަހިކަން އެންމެނަށް: ހުރިހާ ދިވެހީން ޝާމިލްވެފައިވާ ސިޔާސަތެއް
ހުޅުމާލެ
"ބޯހިޔާވަހިކަން އެންމެންނަށް" މި ނަމުގައި އާދީއްތަ ދުވަހުގެރޭ އިފްތިތާޙްކުރި ސިޔާސަތަކީ އެންމެހާ ދިވެހިން ޝާމިލް ކޮށްފައިވާ ސިޔާސަތެކެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާޙުކޮށްފައިވާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ޢުސޫލުތައް ވެސް ވަނީ އާންމުކޮށްފައެވެ. އަދި ފްލެޓް ދޫކުރުމުގެ އުސޫލާއި ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލުވެސް ވަނީ ޢާއްމުކޮށްފައެވެ. މައިގަނޑު 2 ކެޓަގަރީއަކަށް ބަހާލައިގެން މި ސްކީމްތަކުން ފުރުޞަތު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ކެޓަގަރީ 1: މާލެ ރަށްވެހިން
- އުފަންވީއްސުރެ މާލެގައި ރަޖިސްޓްރީގައި ޖެހިފައިވާ ފަރާތްތައް
- މާލޭ ރަށްވެހިންގެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތައް
- ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީ ޖެހިފައިވާ ފަރާތްތައް
ކެޓަގަރީ 2: މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިން
- މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުން (15 އަހަރު ގުނާނެ ގޮތް ތަފްޞީލުކޮށް އުޞޫލުގައި ހިމަނާފައިވޭ
ފްލެޓް ދޫކުރުން – އަސާސީ ޝަރުތުތައް
- ދިވެހިރައްޔިތެއް ކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- 400 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން
- ރިއަލް އެސްޓޭޓް މާކެޓުން ހައުސިންގ ޔުނިޓެއް ގަނެފައި ނުވުން ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިޔުން
- ތިމާއަށް ނުވަތަ ފިރިމީހާ / އަނބިމީހާއަށް ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމެއް ލިބިފައި ނެތުން
އަދި ފްލެޓް ދޫކުރުމަށް 4 މޮޑެލްއެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރެއިން ފުރަތަމަ މޮޑެލްއަކީ "އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް" ނުވަތަ މާލީގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުޞޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހި ކުރުމަށް ފުރުޞަތު ދިނުމެވެ.
ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިންގ ފައިނޭންސް ފެސިލިޓީއަކަށް ޝަރުފު ހަމަވާ ފަރާތަކަށްވުމާއި ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ނުވަތަ މިލްކުކުރުމަށް އެދޭ ފަރާތަކަށްވުން ހިމެނެއެވެ.
ދެވަނަ މޮޑެލްއަކީ ރެންޓް-ޓު-އޯން މޮޑެލްއެވެ. ނުވަތަ މެދު ފަންތީގެ ޢާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ހާއްސަކޮށްގެންެ ހިންގޭ މޮޑެލްއެވެ. މި ސްކީމަށް ކުރިމަތިލާ މީހުންނަށް މަހަކު ލިބޭ އާމްދަނީ 60،000އަށްވުރެ މަތިވެގެން ނުވާނެއެވެ.
އަދި ތިންވަނަ މޮޑެލް އަކީ އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްވާނެ މޮޑެލްއެވެ.
މީގެއިތުރުން، އެންމެ ފަޤީރު ޙާލަތުގައިވާ ދިރިއުޅޭނެ ތަނެއް ނެތް ޢާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމެންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެހޭނެހެން ހަތަރުވަނަ މޮޑެލް އެއްވެސް ވަނީ ހިމަނައިފައެވެ.
ޕޮއިންޓް ދިނުމުގެ އުސޫލު ސަރުކާރުން އާންމުންކޮށްފައިވާއިރު، ސަރުކާރުން ބުނެފައިވަނީ ޕޮއިންޓް ދިނުމުގެ އުސޫލު އެކުލަވާލާފަވާނީ، ދިރިއުޅުމުގެ ޙާލަތު ވީހާވެސް ތަފްސީލް ދެނެގަނެވޭނެ އުސޫލަކަށްކަމަށެވެ.
ޕޮއިންޓް ދޭ އުސޫލު:
- މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތަށް
- އެޢާއިލާއެއްގެ ގޯތިގެދޮރުގެ މިލްކުވެރިކަމަށް
- ގޭބިސީގެ ޖުމްލަ އާމްދަނީއަށް
- އާއިލާގެ ބެލުމުގެ ދަށުގައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި މައިން ބަފައިންނަށް
- ޢާއިލާގެ ޙާލަތު
ސަރުކާރުން ޕޮއިންޓްދޭ އުސޫލު ކަނޑައަޅާފަވާއިރު، ދަރިން ނުލިބޭ މީހުންނަށް ޕޮއިންޓްދޭނެ އުސޫލެއްވެސް ވަނީ ކަނޑައަޅާފައިވާ ކަން ފާހަގަކޮށްލަންޖެހެއެވެ.
ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތަފްސީލުތައް ގެޒެޓްގައި ޝާއިޢުކުރެވޭނެއެވެ.