ދުނިޔެ

ޣައްޒާގެ އިތުރު ސަރަހައްދުތައް ހިފާނެކަމުގެ އިންޒާރު ދީފި

ޣައްޒާގެ އިތުރު ސަރަހައްދުތައް ހިފާނެކަމުގެ އިންޒާރު ދީފި

އިސްރާއިލްގެ ސިފައިންގެ ޗީފް އޮފް ސްޓާފް އިޔާލް ޒާމީރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ނޮވެމްބަރު 2025، 11:35

16 ނޮވެމްބަރު 2025، 11:35

އިސްރާއިލްގެ ސިފައިންގެ ޗީފް އޮފް ސްޓާފް އިޔާލް ޒާމީރު، ޣައްޒާގެ އިތުރު ސަރަހައްދުތައް ހިފާނެކަމުގެ އިންޒާރު ދީފިއެވެ. 

އޭނާ ބުނެފައި ވަނީ އިސްރާއިލްގެ ސިފައިން ތިބެން ޖެހޭނީ "އިތުރު ބޮޑު ހަމަލާއަކަށް އަވަހަށް ބަދަލުވުމަށް ތައްޔާރަށް" ކަމުގައެވެ.

އާދިއްތަ ދުވަހު ރަފަޙްގައި ދެކުނުގެ ބްރިގޭޑްތަކުގެ ކޮމާންޑަރުންނާ އެކު ކުރި ދަތުރެއްގައި ވާހަކަ ދައްކަމުން ޒާމީރު ބުނީ، އިސްރާއިލްގެ ސިފައިން ދަނީ 'ޔެލޯ ލައިން' އަށް ވާސިލްވުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އޭނާ އިތުރަށް ބުނީ، "އަހަރެމެންނަށް ޣައްޒާގެ 50 އިންސައްތައަށް ވުރެ ބޮޑު ސަރަހައްދެއްގެ އޮޕަރޭޝަނަލް ކޮންޓްރޯލް ލިބިފައިވާއިރު، އެ ސަރަހައްދުތަކުގެ އާންމު ރައްޔިތުންގެ ކޮންޓްރޯލް އަހަރެމެންނަކަށް ނުލިބޭ" ކަމަށެވެ.

ޗީފް އޮފް ސްޓާފް ބުނީ، ބަދަލުވަމުންދާ މި ޙާލަތުގެ ސަބަބުން ސިފައިން ޖެހޭނީ އަވަސް އޮޕަރޭޝަނަކަށް ފުރިހަމައަށް ތައްޔާރަށް ތިބެން ކަމަށެވެ. އެއީ "ކޮންމެހެން ބޭނުންވެއްޖެނަމަ، ޣައްޒާގެ އެތެރޭގެ ސަރަހައްދުތަކުގެ އޮޕަރޭޝަނަލް ކޮންޓްރޯލް ހޯދުމަށް" ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އަދި ސިފައިން މަސައްކަތް ކުރަމުން ދަނީ "ބިރުވެރިކަން ނައްތާލައި، ދިފާޢީ ޙާލަތުން ހަމަލާ ދިނުމުގެ ޙާލަތަށް ބަދަލުވުމަށް ދާއިމީ ތައްޔާރީއެއްގައި" ތިބުމަށް ކަމަށް ވެސް ޒާމީރު ފާހަގަ ކޮށްފައިވެއެވެ.

އޭނާ ބުނީ، ޙަމާސްއަށް އަލުން ބާރު ލިބިގަތުން ހުއްޓުވުމަށް ސިފައިން މަސައްކަތް ކުރަމުންދާ ކަމަށެވެެ.

ޒާމީރު އިޝާރާތް ކުރެއްވީ ދެކުނުގެ ކޮމާންޑުން "ޙަމާސްގެ އަސްކަރީ ބިނާތައް ނައްތާލައި ހަނގުރާމަވެރިން ނައްތާލުމަށް މަސައްކަތް ކުރަމުންދާނެ" ކަމަށެވެ. އަދި އޭނާ ބުނެފައިވަނީ، ސިފައިން ދެކޮޅު ހަދާނެ ކަމަށާއި، "އެއްބަސްވުމަކުން ނުވަތަ އަސްކަރީ ވަސީލަތްތަކުން ވިޔަސް، ބޯޑަރުގެ އަނެއް ފަރާތަށް ޙަމާސްގެ ވެރިކަން އަލުން އައުމަށް" ފުރުސަތު ނުދޭނެ ކަމަށެވެ.

އިސްރާއިލުން ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި 69،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 170،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުދިންނެވެ. އަދި ޣައްޒާގެ 90 އިންސައްތައަށް ވުރެ ގިނަ އިމާރާތްތައް ވަނީ ހަލާކުވެފައެވެ.

އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ހަމަލާ ހުއްޓާލުމަށް އެއްބަސްވެފައި ވީނަމަވެސް، އިސްރާއިލުން ދަނީ ޣައްޒާއަށް ބޮން އަޅައި، ބާކީ ހުރި ގެތައް ނައްތާލަމުންނެވެ. މިކަމުގެ ސަބަބުން ސަތޭކަޔަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެ އަދި ޒަޚަމްވެފައި ވާއިރު، ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ވެސް ވަނީ ވަދެވުން ހަނިކުރެވިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން