ޚަބަރު
ކުދި ތަންތަން ދޫކޮށްލާފައި ބޮޑެތި ތަންތަނަށް ބަދަލުވުމަށް މި ސްކީމުން ފުރުސަތެއް ނުދެން: ވަޒީރު
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް---
މިހާރު ލިބިފައިވާ ބޯހިޔާވަހިކަން ކުޑަކަމުން އެއަށްވުރެ ބޮޑު ތަނެއް ހޯދުމުގެ މަޤުސަދުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ ޕްރޮގްރާމް، "ބޯހިޔާވަހިކަން އެންމެނަށް" ސްކީމްގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު ނުދޭން ނިންމާފައިވާކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިޢުލާންކުރުމަށް އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތަށްފަހު "ފަރުދުން"އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.
މީގައި އެންމެ ބޮޑު އިސްކަމެއް ދީފައި މިވަނީ ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ބޯހިޔާވަހިކަމެއް ދިނުމަށް. ވަކިވަކި ފަރުދުންގެ ބޯހިޔާވަހިކަމެއް ނެތުމަށްވުރެ ބޮޑަށް އެ އާއިލާގެ ބޯހިޔާވަހިކަމެއް ނެތް ކަމުގައި ވާނަމަ އެ ފަރާތްތަކަށް އިސްކަން ދިނުމަށް.
ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، އެންމެނަށް ބޯހިޔާވަހިކަން ހޯދައި ނުދެވެނީސް، ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތަކަށް މިހާރު ލިބިފައިވާ ތަންތަން ދޫކޮށްލާފައި އެހެން ތަންތަނަށް ބަދަލުވުމުގެ ފުރުސަތު ދިނުމަކީ އެންމެ ރަނަގަޅު ގޮތް ކަމަށް ނުވާނެތީ އެ ފުރުސަތު ނުދޭން ނިންމާފައިވާކަމަށެވެ.
އަދި މި އުޅެނީ މާލޭ ސަރަޙައްދުގައި ބޯހިޔާވަހިކަމެއް ނެތް އެތައް އާއިލާއަކަށް ބޯހިޔާވަހިކަމެއް ނުދެވިގެން. އެހެންކަމުން އެ ހުރިހާ ފަރާތްތަކަކަށް ބޯހިޔާވަހިކަމެއް ނުދެވެނީސް ތަންތަން ލިބިފައިވާ ފަރާތްތަކަށް އެހެން ތަންތަނަށް އެޕްލައިކޮށްގެން މޫވް ކުރުމުގެ ފުރުސަތު ދީފިނަމަ އެކަމުން ވަރަށް ބޮޑެތި ކޮމްޕްލިކޭޝަންތަކެއް އުފެދޭނެ.
ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
މިކަމަށް މިސާލު ޖައްސަވަމުން ވަޒީރު ވިދާޅުވީ، ހިޔާ ފްލެޓުތަކަކީ 600 އަކަފޫޓު ހަމަނުވާ ފްލެޓުތަކެއް ކަމަށާއި އެ ހުރިހާ ފަރާތްތަކަށް އަލަށް މި ތަޢާރަފްކުރި ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ފުރުސަތު ދިނުމަކީ އޭގައި އެންމެ އިންސާފުވެރި ގޮތް ކަމުގައި ނުވާނެކަމަށެވެ.
@farudhun “Boahiyaavahikan emmenah" siyaasathu ifthithaahu kurumuge rasmiyyaathugai Minister Farudhunnah dhevvi haassa interview.
♬ original sound - Farudhun
އާދީއްތަ ދުވަހުގެރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، "ބޯހިޔާވަހިކަން އެންމެންނަށް" މިއީ ހަމައެކަނި ބޭނުންކޮށްލެވޭ ޝިއާރެއް ނޫން ކަމަށާއި، އެއީ އިޙްލާސްތެރި ރައީސެއްގެ ވަޢުދެއް ކަމަށެވެ. އަދި އެއީ އެއްވެސް އާއިލާއެއް ބާކީނުކުރާނެ ކަމުގެ ވަޢުދެއް ކަމަށާއި، އެއީ ނޭންގިހުއްޓާ ކުލި ބޮޑުވެގެން ދިރިއުޅޭ ތަނަކުން ނިކުމެ އެހެން ތަނަކަށް ދާންޖެހޭނެކަމުގެ ބިރެއްނޯންނާނެ ކަމުގެ ހުވަފެނެއް ކަމަށެވެ.
އެހެންކަމުން، ބޯހިޔާވަހިކަން އެންމެންނަށް، މި ސިޔާސަތަކީ ރައީސްގެ ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވާދެއްވުމަށް އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށާއި، މި ސިޔާސަތުގެ ދަށުން ރިއަލް އެސްޓޭޓް މާކެޓުން ބޯހިޔާވަހިކަން ގަތުމުގެ ފުރުސަތު ތަނަވަސްކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން، އަމިއްލަ ބޯހިޔާވަހިކަމެއްގެ އުންމީދުގައި ތިބި އެތައް ރައްޔިތުންނަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.