ޚަބަރު
ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް އިވެންޓުގައި ރަންމެޑެލް ހޯދި ދިވެހި ކުޅުންތެރިންނަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް އިވެންޓުގައި ރަން މެޑަމް ކާމިޔާބުކުރި ކުދިން
ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ ޑަބަލްސް އިވެންޓުގައި ވާދަކޮށް ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ނަބާހާ ޢަބްދުއްރައްޒާޤު ހުސައިން އަދި ޒަޔާން ޝަހީދު ޒަކީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް2025ގެ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު އާއި ހުސައިން ޒަޔާން ޝަހީދު ޒަކީ ވަނީ ރަން މެޑަލް ހޯދާފައި.
— Dr Mohamed Muizzu (@MMuizzu) November 17, 2025
މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ… pic.twitter.com/V3D0ccEQ6d
ރައީސް ވިދާޅުވީ މިޝަރަފުވެރި ކާމިޔާބީތައް ރާއްޖެއަށް ހޯދައިދިން ހުނަރުވެރި ދެ އެތުލީޓުންނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން ހޯދި ދެވަނަ ރަން މެޑަލް ކަންވެސް ފާހަގަކުރައްވާފައެވެ. ޒެމްބިއާ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާ އާއި ނަބީހާ ޢަބްދުއްރައްޒާޤުގެ ޕެއާއިން ވަނީ ރިހި މެޑަލްވެސް ހޯދާފައެވެ.
މިމުބާރާތް ކުރިއަށް ދިޔައީ ޒެމްބިއާގެ ވެރިރަށް ލޫސަކާއެވެ. މި މުބާރާތުގެ މިކްސްޑް ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ޒަޔާންގެ ޕެއަރ ވާދަކޮށްފަވަނީ މިސްރުގެ އިއްޒަތު ކަރީމް މަހްމޫދާއި ނޫރު އަހްމަދު ޔޫސްރީގެ ޕެއާއާ ދެކޮޅަށެވެ. މިމެޗު ރާއްޖޭގެ އެތުލީޓުން ނަގާފަވަނީ ސީދާ ދެ ސެޓުންނެވެ. މިމެޗުގެ ސެޓްތައް ރާއްޖޭގެ ޕެއަރއިން ކާމިޔާބުކުރީ 21-18 އަދި 22-20 ންނެވެ.
އަދި މިބާރާތުގެ އަންހެން ޑަބަލްސް ފައިނަލުގައި ނަބީހާ އާއި ނަބާހާގެ ޕެއަރ ވާދަކޮށް ރިހި މެޑަލް ކަށަވަރުކުރިއިރު ރާއްޖޭގެ ޕެއަރއާއި ދެކޮޅަށް މިމެޗުގަ ނުކުތީ ދެކުނު އެފްރިކާގައި ދެވަނަ އަށް ސީޑްކޮށްފައިވާ އެތުލީޓުންކަމަށްވާ އޭމީ އާކަމަން އާއި ޖޯހަނީޓާ ޝޯޓްޒްއެވެ. މިމެޗު އިދިކޮޅުން ކާމިޔާބުކުރީ ސީދާ ދެ ސެޓުން، 21-16 އަދި 21-14 ގެ ތަފާތަކުންނެވެ.
މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން ހޯދި ދެވަނަ ރަން މެޑަލް އެވެ. އަދި ބީޑަބްލިއުއެފްގެ ސީރީޒް މުބާރަތަކުން ރާއްޖޭގެ އެތުލެޓީން ހޯދި ފަސްވަނަ ރަން މެޑަލް އެވެ.