ދުނިޔެ

މާބަނޑު މީހުންނަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ވީޑިއޯތަކެއް ލީކުކޮށް ވިއްކާ ބޮޑު ސައިބަރ ކުށުގެ ނެޓްވޯކެއް !

މާބަނޑު މީހުންނަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ވީޑިއޯތަކެއް ލީކުކޮށް ވިއްކާ ބޮޑު ސައިބަރ ކުށުގެ ނެޓްވޯކެއް !

2024 ވަނަ އަހަރު ހޮސްޕިޓަލްއެއްގެ ސީސީޓީވީ ލީކްވީ ފޮޓޯ ތަކުްނ ފޮޓޯއެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ނޮވެމްބަރު 2025، 01:25

17 ނޮވެމްބަރު 2025، 01:25

އިންޑިއާގައި ބޮޑު ސައިބަރ ކުށުގެ އޮޕަރޭޝަނެއް ފުލުހުން ފަޅާ އަރުވައިފިއެވެ. މި އޮޕަރޭޝަނުގައި އާންމުންގެ ސީ.ސީ.ޓީ.ވީ ކެމެރާތައް ހެކްކޮށް، އަމިއްލަ މަންޒަރުތައް އޮންލައިންކޮށްފައިވެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ މާބަނޑު މީހުންނަށް ފަރުވާދޭ ހޮސްޕިޓަލެއްގެ އަމިއްލަ ވީޑިއޯތަކެއް އިންޓަރނެޓަށް ލީކުވުމާ ގުޅިގެންނެވެ.

ލީކުވި ވީޑިއޯތަކުގެ ތެރޭގައި މާބަނޑު އަންހެނުންނަށް ބަލާ ފަރުވާދޭ މަންޒަރުތަކާއި އިންޖެކްޝަން ޖަހާ މަންޒަރުތައް ހިމެނެއެވެ. މި ވީޑިއޯތައް އިންޓަރނެޓަށް ހުށަހަޅާފައިވަނީ ޓެލެގްރާމް ޗެނަލްތަކަށް މެންބަރުން ދަމައިގަތުމުގެ ގޮތުންނެވެ. އެ ޗެނަލްތަކުގައި މި ވީޑިއޯތަކުގެ ދިގު ވަރޝަންތައް ވިއްކަމުން ގޮސްފައިވެއެވެ. މި ހާދިސާގައި ހިމެނޭ ހޮސްޕިޓަލުން ވަނީ މުވައްޒަފުންގެ ރައްކާތެރިކަމަށް ކެމެރާތައް ހަރުކޮށްފައެވެ. ނަމަވެސް، ވީޑިއޯތައް ލީކުވުމާ ގުޅިގެން، ހޮސްޕިޓަލުން ވަނީ ސަރޖިކަލް ކޮޓަރިތަކާއި ފަރުވާ ދޭ ކޮޓަރިތަކުން ކެމެރާތައް ނަގާފައެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް ބަލިމީހަކު ފުލުހުންނަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. އަންހެނުންގެ އަމިއްލަ ސިއްރުތައް ހާމަވެދާނެތީ އެފަދަ ބިރެއް އޮތުމަކީ އެކަންކަމަށް ހުރަހެކެވެ.

ފުލުހުންގެ ތަހުގީގުން ދައްކާ ގޮތުގައި، މި ވީޑިއޯ ލީކުވުމަކީ މިއަށްވުރެ ބޮޑު ނެޓްވޯކެއްގެ ބައެކެވެ. ރިޕޯޓުތައް ބުނާ ގޮތުން، ހެކަރުން ވަނީ ގައުމުގެ އެކި ހިސާބުތަކުން ގާތްގަނޑަކަށް 50,000 ސީ.ސީ.ޓީ.ވީ ކެމެރާއަށް ވަދެގަނެފައެވެ. މި ކެމެރާތައް ހަރުކޮށްފައިވަނީ ހޮސްޕިޓަލުތަކާއި، ސްކޫލުތަކާއި، އޮފީސްތަކާއި، ކޮލެޖުތަކާއި، އަމިއްލަ އިމާރާތްތަކުގެ އިތުރުން ނިދާ ކޮޓަރިތަކުގައެވެ. ގިނަ ކެމެރާތަކުގެ ޕާސްވޯޑް ފެންނަން ހުރުމާއި، ކެމެރާ ހަރުކުރުމަށްފަހު ޑިފޯލްޓް ޕާސްވޯޑް ބަދަލުނުކުރުމުގެ ސަބަބުން މި ކެމެރާތަކަށް ވަދެގަތުން ވަރަށް ފަސޭހަވެފައިވެއެވެ.

ފުލުހުން ބުނާ ގޮތުގައި، ހެކަރުން ވަނީ ވަގަށް ނަގާފައިވާ ވީޑިއޯތައް 800 ރޫޕީސް އާއި 2000 ރޫޕީސް އާ ދެމެދުގެ ކުޑަ އަގެއްގައި ވިއްކާފައެވެ. އަދި ބައެއް ޓެލެގްރާމް ޗެނަލްތަކުން ވަނީ މަހުން މަހަށް ފައިސާ ދައްކައިގެން ސީ.ސީ.ޓީ.ވީ ކެމެރާތަކަށް ސީދާކޮށް ވަނުމުގެ ފުރުސަތުވެސް ދީފައެވެ. ފެބްރުއަރީ މަހުން ފެށިގެން އެކި އަވަށުން ޖުމްލަ 8 މީހަކު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވެއެވެ. އެ މީހުންނަށް ވަނީ އަމިއްލަ ސިއްރުތަކަށް އަރައިގަތުމާއި، ނުރަނގަޅު މާއްދާތައް ފެތުރުމާއި، ސައިބަރ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.

ސައިބަރ ސެކިއުރިޓީގެ މާހިރުން އިންޒާރުދީ ބުނާ ގޮތުގައި، ގިނަ ކެމެރާ ސިސްޓަމްތައް ރަނގަޅަށް ރައްކާތެރިނުކޮށް ހަރުކުރުމުގެ ސަބަބުން ސީ.ސީ.ޓީ.ވީ ނާޖާއިޒުކޮށް ބޭނުންކުރުން އިތުރުވަމުންދެއެވެ. އެމީހުން ބުނާ ގޮތުގައި، ކެމެރާއެއް އިންޓަރނެޓާ ގުޅާލެވުމުން، ޕާސްވޯޑް ޑީފޯލްޓްގަ ހުރެއްޖެނަމަ ހެކަރުންނަށް ވަރަށް ފަސޭހައިން ވަދެގަނެވޭނެއެވެ. ގިނަ ބަޔަކަށް އަދި އިދާރާތަކަށް މިފަދަ ނުރައްކާތަކުގެ ހޭލުންތެރިކަން ނެތުމުގެ ސަބަބުން، އެފަރާތްތަކުން އެމީހުންގެ ސިސްޓަމްތައް އަޕްޑޭޓްކޮށް ރައްކާތެރިއެއް ނުކުރެއެވެ. މާހިރުން ޤަބޫލުކުރާ ގޮތުގައި، ވަރުގަދަ ޕާސްވޯޑް ބޭނުންކުރުމާއި، ސިސްޓަމްތައް ގަވާއިދުން ބެލެހެއްޓުމާއި، މޮނިޓަރިންގ ރަނގަޅުކުރުމަކީ މިފަދަ ހާދިސާތައް ހުއްޓުވުމަށް މުހިންމު ކަންކަމެވެ.

އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިފަދަ ކަންކަމުގެ ސަބަބުން އަންހެނުންނަށް ވަރަށް ބޮޑަށް އަސަރު ކުރެއެވެ. މުޖުތަމަޢީ ގޮތުން ކުރިމަތިވާ ނުރުހުންތަކާއި ފާޑުކިޔުންތަކުގެ ބިރުގެ ސަބަބުން ގިނަ އަންހެނުންނަށް ކުރިމަތިލުމަށް ހުރަސްއެޅެއެވެ. އަދި މުޖުތަމަޢުން ކުށުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އިނގިލި ދިއްކުރުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އެމީހުން ވަނީ ހޮސްޕިޓަލުތަކާއި އެހެނިހެން މުއައްސަސާތަކުން ފަރުވާދޭ ސަރަހައްދުތަކުގައި ބަހައްޓާ ކެމެރާތަކުގެ ރައްކާތެރިކަމުގެ ޒިންމާ ނެގުމަށްވެސް ގޮވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން