ދުނިޔެ
ސަޢުދީގައި އުމުރާވެރިން ދަތުރުކުރި ބަހަކާއި ތެޔޮ ޓޭންކަރެއް ޖެހި، 45 މީހުން މަރުވެއްޖެ
މިއަދު ހިނގި އެކްސިޑެންޓްގެ މަންޒަރެއް
ސަޢުދީ އަރަބިއްޔާގެ މަދީނާ ކައިރީގައި އުމުރާވެރިން ދަތުރުކުރި ބަހަކާއި ޑީޒަލް ޓޭންކަރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 45 މީހުން ނިޔާވި، އެކަކު ސަލާމަތްވެ ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާ ހިނގީ ބަސް އަލިފާނުގެ ތެރެއަށް ހޫށައެޅުމުގެ ސަބަބުންނެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން 42 މީހުންނަކީ އިންޑިއާގެ ރައްޔިތުން ކަމަށް ބެލެވޭ ކަމަށް ސަޢުދީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކީ އިންޑިއާގެ ހައިދަރުއާބާދުގެ މީހުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އުމުރާގެ އަޅުކަން ފުރިހަމަކުރުމަށްފަހު މައްކާއިން މަދީނާއަށް ދަތުރުކުރަމުން ދަނިކޮށް، މަދީނާ ކައިރީގައިވާ މުފްރިޙާތު ސަރަޙައްދުގައި ބަހާއި ޑީޒަލް ޓޭންކަރެއް ޖެހި، ބަހުގައި އަލިފާން ރޯވިއެވެ. މި ހާދިސާ ހިނގީ ރާއްޖޭ ގަޑިން ދަންވަރު 1:00 ހާއިރެވެ. ގަލްފު ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގި ވަގުތު ބަހުގައި ތިބި ގިނަ މީހުން ތިބީ ނިދާފައި ކަމުން، އަލިފާން ރޯވުމާއެކު ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑަވިއެވެ.
އިންޑިއާގެ ޖިއްދާގައި ހުންނަ ކޮންސިއުލޭޓުން ވަނީ ހާދިސާގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިވުމަށް 24 ގަޑި އިރު ހުޅުވާލާފައިވާ ކޮންޓްރޯލް ރޫމެއް ގާއިމުކޮށްފައެވެ. އާއިލާތަކަށް ގުޅޭނެ ޓޯލް ފްރީ ހެލްޕްލައިން ނަންބަރަކީ 8002440003 އެވެ.
ސަޢުދީގައި ހިނގި މި ނުރައްކާތެރި ހާދިސާގައި މީހުންނަށް އެހީތެރިވުމަށް އިންޑިއާގެ ކޮމިއުނިޓީ ވޮލަންޓިއަރުން ވަނީ ހޮސްޕިޓަލުތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ. ރިޔާދުގެ އެމްބަސީ އާއި ޖިއްދާގެ ކޮންސިއުލޭޓުން ވަނީ ސަޢުދީގެ ޙައްޖު އަދި އުމުރާ މިނިސްޓްރީއާއި، އެކި ސަރަޙައްދުތަކުގެ އޮފިޝަލުންނާއި، އުމުރާ އޮޕަރޭޓަރުންނާ ގުޅިގެން މަސައްކަތްކުރަމުންދާ ކަން ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން، އިންޑިއާގެ ތެލަންގާނާ ސަރުކާރާއެކުވެސް ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިވުމަށް ގާތުން މަސައްކަތްކުރަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.