ދުނިޔެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޙަސީނާގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޙަސީނާގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފި

ބަންގްލަދޭޝްގެ ކޯޓެއްގެ ބޭރުގައި ހަސީނާއަށ މަރުގެ އަދަބު ދިނުމަށް ގޮވާލާ ހަރުކޮށްފައި ހުރި ޕޯސްޓަރެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ނޮވެމްބަރު 2025، 03:34

17 ނޮވެމްބަރު 2025، 03:34

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ މައްޗަށް، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއްގެ ކުށް ސާބިތުވެ، މަރުގެ ޙުކުމް އިއްވައިފިއެވެ. 

މި ޙުކުމް އިއްވާފައިވަނީ ދާކާގައި ހުންނަ ޚާއްސަ ކޯޓަކުންނެވެ. 78 އަހަރުގެ ޙަސީނާގެ މައްޗަށް މި ޙުކުމް އިއްވާފައި މިވަނީ، އޭނާ މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭނާގެ ވެރިކަން ބަދަލުކޮށްލި ދަރިވަރުންގެ އިސްކޮށް ހިންގި ހަރަކާތްތަކުގެ ތެރޭގައި، ގިނަ ބަޔަކު މަރުވި އަދި ޒަޚަމްވި ހަމަލާތައް ދިނުމަށް އަމުރުކުރި ކަމުގެ ތުހުމަތު ސާބިތުވުމާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ވެރިކަމުން ދުރުކުރެވުނު ޝެއިޚް ޙަސީނާ، އޭނާގެ މައްޗަށް ހިންގި ޝަރީޢަތަށް ޙާޒިރުވުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، އޭނާ ގައުމަށް އައިސްފައެއް ނުވެއެވެ. 

ދާކާގައި ބޭއްވި މި ޝަރީޢަތުގެ އަޑު، ޤައުމީ ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާފައެއވެ. ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު ގުލާމް މުރުތަޒާ މަޒުމްދަރު ވިދާޅުވީ، "އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ހުރިހާ... ބައިތައް ފުރިހަމަވެފައިވާ" ކަމަށެވެ. ކޯޓުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ދަރިވަރުންގެ މުޒާހަރާތަކުގައި ދިން ހަމަލާތަކަކީ "ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ދިން" އަދި "ފުޅާ ދާއިރާއެއްގައި ހިންގި ނިޒާމީ" ޢަމަލުތަކެއް ކަމަށެވެ.

ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ، "އެހެންކަމުން، މަތީގައި ބަޔާންކުރެވުނު ގޮތަށް މުޒާހަރާގެ ބައިވެރިން މަރާލުމާއި ބޮޑެތި ޒަޚަމްތައް ދިނުމުގެ އަނިޔާވެރި ޢަމަލުތަކުގައި، ތުހުމަތުވާ ބޮޑުވަޒީރު ޝެއިޚް ޙަސީނާ ވަނީ ޗާޖު ނަންބަރު 1 ގެ ދަށުން، އޭނާގެ އަމުރުންނާއި އަދި ދުރައްކާތެރިވުމުގެ އަދި އަދަބު ދިނުމުގެ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގާފައި" ކަމަށެވެ.

 އަދި "ޗާޖު ނަންބަރު 2 ގެ ދަށުން، ޑްރޯން، ހެލިކޮޕްޓަރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމަށް އަމުރުކުރުމުގެ ސަބަބުން، ތުހުމަތުވާ ޝެއިޚް ޙަސީނާ ވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ހިންގާފައި" ކަމަށް ކޯޓުން އިތުރަށް ބުނެފައިވެއެވެ.

އެތައް މަހަކަށް ދެމިގެންދިޔަ ދިގު ޝަރީޢަތަކަށް ފަހު، ޚާއްސަ ޓްރައިބިއުނަލްއިން ވަނީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައެވެ. މި ޙުކުމް އިއްވުމާއެކު، ކޯޓު ރޫމްގައި ތިބި މީހުން އުފަލުން ހަޅޭއްލަވައި، އަތްތިލަބަޑި ޖަހައި އުފާފާޅުކުރި މަންޒަރު ލައިވް ފުޓޭޖްތަކުން ވަނީ ފެނިފައެވެ. 

 

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން