ޚަބަރު
ދާރުއްސަލާމް ވަޤުފް ޢިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީއާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި
ދާރުއްސަލާމް ވަޤުފް ޢިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީއާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރުން.
ފަރުދުން
17 ނޮވެމްބަރު 2025، 03:34
17 ނޮވެމްބަރު 2025، 03:34
ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤުފް ޢިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓަރަކްޝަން (އާރް.ސީ.ސީ.)އާ ޙަވާލުކޮށް، އެއްބަސްވުމުގައި އަދު ސޮއިކޮށްފިއެވެ.
މި ކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އާރް.ސީ.ސީ.ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދު އެވެ.
12 ފަންގިފިލައަށް ނެގުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤުފް ޢިމާރާތަކީ ޒަމާނީ ވަސީލަތްތަކާ އެކު ޤާއިމުކުރެވޭ ބިނާއެކެވެ. ޢިމާރާތުގެ ބޭސްމަންޓުގައި ޚާއްޞަ ޕާކިންގ ސަރަޙައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު، ގްރައުންޑް ފްލޯގައި ހުންނާނީ ރިސެޕްޝަން ސަރަޙައްދާއި އިތުރު ޕާކިންގ ވަސީލަތްތަކެވެ. ދާރުއްސަލާމް ވަޤުފް ޢިމާރާތުގެ ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވާއިރު، ތިންވަނަ ފަންގިފިލައިން ބާރަވަނަ ފަންގިފިލައަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީންގ ރޫމްތައް ޤާއިމު ކުރެވޭނެއެވެ. ޢިމާރާތުގެ ދެވަނަ އަދި އެގާރަވަނަ ބުރީގައި ގިނަ ބޭނުންތަކަށް ފުދޭ ޒަމާނީ ހޯލެއް (މަލްޓި-ޕަރޕަސް ހޯލެއް) ހެދުމަށް ހަމަޖެހިފައިވާއިރު، ޢިމާރާތުގެ އެންމެ މަތީ ފަންގިފިލައަކީ ހުޅުވާލެވިފައިވާ ޓެރަސްއެކެވެ.
މި ޢިމާރާތުގެ ޚާއްޞަ ކަންތައްތަކުގެ ތެރެއިން، ޢިމާރާތުގައި ޑޭ ކެއާރ ސެންޓަރެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މާޢުލޫމާތު ދޭ ގޮތުގައި، ދާރުއްސަލާމް ޢިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދަތިކަމަކާ ނުލައި ވަދެ ނުކުމެ ހެދޭނެ އިންތިޒާމު ވެސް ޤާއިމު ކުރެވިގެން ދާނެއެވެ.
ދެ އަހަރު ދުވަސް ނުވަތަ 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 244,508,842.00 ރުފިޔާއެވެ. މި މަޝްރޫޢު ނިންމުމަށް ފަހު 5 އަހަރު ދުވަހަށް ޢިމާރާތުގެ މެއިންޓެނަންސް މަސައްކަތް އެ ކުންފުނިން ކުރާ ގޮތަށް ވެސް ހަމަޖެހިފައިވެއެވެ.
މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގގެ ދަށުން ފައިނޭންސް ކުރާ މަޝްރޫޢެއްކަން ވެސް ފާހަގަކޮށްލެވެއެވެ.
މި މަޝްރޫޢު ނިމުމާ އެކު، އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ޔަޤީނެވެ. އެ ގޮތުން، މި ޢިމާރާތުން އަހަރަކު 52 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު، އާމްދަނީގެ 20 އިންސަައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު، އާމްދަނީގެ 80 އިންސައްތަ އިސްލާމިކް ވަޤުފް ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިއާސީ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫޢެކެވެ. ދާރުއްސަލާމްގެ އިތުރުން މާލޭގައި ޢިމާރާތް ކުރާ ދާރުލްއަރްޤަމް ވަޤުފް ޢިމާރާތުގެ މަސައްކަތް ވެސް ވަނީ އާރް.ސީ.ސީ.އާ ޙަވާލުކޮށްފައެވެ.
މީގެ އިތުރުން، އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އަދި ގއ. ވިލިނގިލީގައި ވަޤުފް މަޝްރޫޢު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ އެކު، މި މަޝްރޫޢުތައް ވެސް މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވިފައެވެ. މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެކެވެ.