Ads by Stelco

ޚަބަރު

މި ބަޖެޓަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ހުށަހެޅި އެންމެ ފުރިހަމަ ބަޖެޓު: މަޖިލިހުގެ ރައީސް

މި ބަޖެޓަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ހުށަހެޅި އެންމެ ފުރިހަމަ ބަޖެޓު: މަޖިލިހުގެ ރައީސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ

farudhun logo

ފަރުދުން

17 ނޮވެމްބަރު 2025، 03:34

17 ނޮވެމްބަރު 2025، 03:34

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭން އެދޭ ސަރުކާރަކުން ހުށަހަޅާނެ އެންމެ ފުރިހަމަ ބަޖެޓު ކަމަށް މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ޕީ.އެސް.އެމް. ނިއުސްގެ ފަރާތުން ގެނެސްދޭ "ހަފްތާ 104" ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ސަރުކާރުން 2025ވަނަ އަހަރު އަދި 2026ވަނަ އަހަރު ހުށަހެޅުއްވި ބަޖެޓުގައި ވަކިވަކި މަޝްރޫޢުތަކުގެ ތަފްޞީލުތައް ހިމަނާފައި ނެތުމުން އިދިކޮޅު ފަރާތްތަކުން ފާޑުކިޔާފައިވެއެވެ. ނަމަވެސް އެ ވާހަކަތަކަށް ރައްދުދެއްވައި މަޖިލިހުގެ ރައީސް ވިދާޅުވީ، މި ދެ އަހަރު ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭ ގޮތަށް ހުށަހަޅުއްވާފައިވާ ފުރިހަމަ ބަޖެޓެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުތަކުން ބަޖެޓު ހުށަހަޅާއިރު ވަކިވަކި މަޝްރޫޢުތައް ހިމަނާފައި ހުންނަނީ އެ ދާއިރާއެއްގެ މެންބަރު ބޭނުންވެގެން ރަމްޒީ ގޮތެއްގައި ކަމަށެވެ. އެ މަޝްރޫޢުތަކަށް ކަނޑައަޅާފައި އޮންނަ ޢަދަދަކީ މަޝްރޫޢު ކުރިއަށްގެންދިއުމަށް އެކަށީގެންވާ ޢަދަދުތަކެއް ނޫން ކަމަށާއި، އޭގެ ސަބަބުން މަޝްރޫޢުތައް ހުއްޓި، ނާކާމިޔާބު ވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވި ގޮތުގައި، އިސްވެދިޔަ ސަރުކާރުތަކާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށްޓަކައި ވަޢުދުވެފައިވާ ކަންކަން ފުއްދުމަށެވެ. އެ ގޮތުން، ރައީސް މުޢިއްޒުގެ ސަރުކާރުން މިހައިތަނަށް ހުށަހެޅި ބަޖެޓަކީ ވެސް ވަޢުދުތައް ފުއްދޭ ގޮތަށް ތަރުތީބުކޮށްގެން ހުށަހަޅާފައިވާ ދެ ބަޖެޓު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑު ޤަބޫލުކުރަނީ މި ދެ އަހަރު މި ހުށަހެޅި ބަޖެޓަކީ އެއީ ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންވާ ސަރުކާރަކުން ހުށަހަޅަން އެންމެ ރަނގަޅު ބަޖެޓު. އެއްގޮތަކަށް ވެސް ޤާނޫނާ ޚިލާފަކަށް ނޫން. ޤާނޫނާ އެއްގޮތަށް ބަޖެޓް ހުށަހަޅުއްވަނީ، އެ ބަޖެޓް އަޅުގަނޑުމެން ފާސްކުރަނީ ވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން. އަދި އެ ބަޖެޓް އެ ގޮތަށް ފާސްކުރުމުން ލިބޭ ފައިދާއަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ބާރު ސްޕީޑުގައި ގެންދިއުމުގެ ފުރުޞްތު ސަރުކާރަށް ފަހިވެގެން ދިޔުން.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ

މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިތުރަށް ވިދާޅުވީ، ސަރުކާރުން ހުށަހަޅާ ބަޖެޓަކީ ޤާނޫނާ ޚިލާފު ބަޖެޓެއް ކަމަށް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް، އެ ކަމުގެ ހެއްކެއް އެއްވެސް މެންބަރަކަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާ ބަޖެޓާއި ބިލުތައް ތަޅުމާ ހަމައަށް ދަނީ މަޖިލިހުގެ ޤާނޫނީ ޓީމުން ބަލައި، ޤާނޫނާ ފުށުއަރާ ކަންކަން އޭގައި ހިމެނިފައި ނެތްކަން ޔަޤީންކުރުމަށް ފަހުގައި ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައްޔިތުން ރައީސް ޑރ. މުޢިއްޒާ ވެރިކަން ޙަވާލުކުރުމަށް ފަހު މަޖިލިހުގެ ސުޕަރ މެޖޯރިޓީ އެ މަނިކުފާނުގެ ޕާޓީއަށް ދިނީ، ފަސޭހަކަމާ އެކު ސަރުކާރު ހިންގުމުގެ ފުރުޞަތު ދިނުމަށް ކަމަށާއި، އެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އެ މަނިކުފާނު އަދާކުރައްވާނެ ކަމަށް ވެސް ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން