ޚަބަރު
ވިނަރެސް ޓަވަރުތަކުގެ 94 ޕާކިންގ ޖާގަ ބީލަމުގެ އުޞޫލުން ވިއްކަނީ
ވިނަރެސް ޓަވަރުތައް.
ފަރުދުން
17 ނޮވެމްބަރު 2025، 04:38
17 ނޮވެމްބަރު 2025، 04:38
ވިނަރެސް ޓަވަރުތަކުގައި ޤާއިމުކޮށްފައިވާ ކާރު ޕާކިންގ ޖާގަތަކުގެ ތެރެއިން 94 ޖާގަ ބީލަމުގެ އުޞޫލުން ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ.)އިން ހުޅުވާލައިފިއެވެ.
އެޗް.ޑީ.ސީ.އިން މިއަދު ޝާއިޢުކުރި އިޢުލާނެއްގައި ބުނީ، އެ ކޯޕަރޭޝަނުން 2024 ނޮވެމްބަރު 25ގައި ވިނަރެސް ޓަވަރުތަކުގައި ޤާއިމުކޮށްފައިވާ ކާރު ޕާކިންގ ޖާގަ ބީލަމުގެ އުޞޫލުން ދޫކުރުމާ ގުޅޭގޮތުން ކުރި އިޢުލާނު ބާޠިލުކޮށްފައިވާ ކަމަށެވެ.
އެއަށް ފަހު، އުޞޫލުތައް މުރާޖަޢާކުރުމަށް ފަހު ޕާކިންގ ޖާގަތައް މިއަދު އަލުން ވިއްކަން ހުޅުވައިލިކަމަށް ވެސް އެ އިޢުލާނުގައި ވެއެވެ.
ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމާއި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަން ހުޅުވާލާނީ ނޮވެމްބަރު 20ވަނަ ދުވަހުގެ ހެނދުނު 8:30އިން ފެށިގެންނެވެ. މި ކަމުގެ އެންމެ ފަހު ތާރީޚަކީ، ޑިސެމްބަރު 4ވަނަ ދުވަހުގެ 15:30އެވެ.
އެޗް.ޑީ.ސީ.އިން ބުނީ، ފޯމު ދޫކުރާނީ، މަޢުލޫމާތާއި ލިޔެކިޔުންތަކަށް ބަލައި، އޭގެ ތެރެއިން ޝަރުޠުހަމަވާ މީހުނަށް އެކަނި ކަމަށެވެ. ބީލަން ފޯމު ދޫކުރަން ހުޅުވާލަނީ ޑިސެމްބަރު 16އިން ޑިސެމްބަރު 18ގެ ނިޔަލަށް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ ޑިސެމްބަރު 22ވަނަ ދުވަހެވެ. ބީލަން ހުށަހެޅޭނީ އެ ދުވަހުގެ 9:00އިން 12:00އަށެވެ. ބީލަން ހުޅުވުން އޮންނާނީ އެ ދުވަހުގެ 13:00އިން 15:00އަށް ކަމަށް އެޗް.ޑީ.ސީ.އިން ވަނީ ހާމަކޮށްފައެވެ.
ޕާކިންގ ޖާގަތައް ބީލަމުގެ އުޞޫލުން ވިއްކަން ހުޅުވާލިއިރު، ވިނަރެސް ޓަވަރުތަކުގެ ބޭރުން ބީލަމުގެ އުޞޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކާރު ޕާކިންގ ޖާގަތައް ފަހުގެ ތާރީޚެއްގައި އިޢުލާނުކުރާނެ ކަމަށް އެޗް.ޑީ.ސީ.އިން ޢާންމުކުރި އިޢުލާނުގައި ވެއެވެ.