Ads by Stelco

ޚަބަރު

ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު ބޭނުންކުރި ދެ ގޮނޑި ރާއްޖެއާ ހަވާލުކޮށްފި

ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު ބޭނުންކުރި ދެ ގޮނޑި ރާއްޖެއާ ހަވާލުކޮށްފި

ގޮނޑި ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ނޮވެމްބަރު 2025، 06:18

17 ނޮވެމްބަރު 2025، 06:18

ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި 26 ޖުލައި 1965 ގައި ސޮއިކުރިއިރު ބޭނުންކުރެއްވި ތާރީޚީ ދެ ގޮނޑި، އިނގިރޭސިވިލާތުން ރަސްމީކޮށް ދިވެހި ސަރުކާރާ ޙަވާލުކޮށްފިއެވެ. 

މި ގޮނޑިތައް ރަސްމީކޮށް ޙަވާލުކޮށްދެއްވީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ޙަވާލުވެވަޑައިގަތީ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ އެ ގޮނޑިތަކުގެ ރަމްޒީ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ، މި ގޮނޑިތަކަކީ ދިވެހިރާއްޖެ މިނިވަން ސިޔާދަތީ ދަޢުލަތެއްގެ ގޮތުގައި އެޅި ފުރަތަމަ ފިޔަވަޅުގެ ވަޤުތުކޮޅުކަމުގައި ފާހަގަކުރެވޭ ތަކެއްޗެވެ. އަދި މިފަދަ މާނަފުން ހަދިޔާއަކުން ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭކަމުގައި ވިދާޅުވެ އިނގިރޭސިވިލާތުގެ ސަރުކާރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

 "މިއަދު މި ޙަވާލުކުރެވުނު ގޮނޑިކޮޅަކީ، މީގެ އެތަކެއް އަހަރުތަކެއް ކުރީން އިނގިރޭސީންގެ ހިމާޔަތުން ވީއްލި، ރާއްޖެ މިނިވަންވި ދުވަހުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މާލަމުގައި ހުރި 2 ގޮނޑިކޮޅު. މިފަދަ ޒަމާންވީ ތަރިކަތައް ހިމާޔަތްކޮށް، ރައްކާތެރިކޮށް އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދޭނެ އެބަޖެހޭ. މިއަދު އަޅުގަނޑުމެންނާ މި ގޮނޑިކޮޅުތައް ޙަވާލުކޮށްދެވިކަމަށްޓަަކައި ބްރިޓިޝް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް އަށަށް ޝުކުރު ދަންނަވަން." ޑރ. ޚަލީލް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ސަފީރު ނިކޮލަސް ލޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވައި، ތަފާތު އެކި ދާއިރާތަކުން ކުރިއަށްދާ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ޚާރިޖީ ވުޒާރާގެ އިސްވެރިންނާއި، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ މުވައްޒަފުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިންގެ ތަރިކަ ހިމާޔަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. ސަރުކާރުން މިހާރު ދަނީ ތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމުގެ އިތުރުން އެއަށް ޙައްޤު ޢިއްޒަތްދީ، ތަރިކަ ބެލެހެއްޓުމުގެ މަސައްކަތަށް ފަންޑުކުރެވޭނެ ގޮތްތަކެއް މަގުފަހިކުރުމުގެ ޕްލޭންތައް އެކުލަވާލަމުންނެވެ. މި ތާރީޚީ ގޮނޑިތައް ރާއްޖެއަށް ލިބުމަކީ މި މަސައްކަތަށް ލިބުނު އިތުރު ހިތްވަރެކެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން