ދުނިޔެ

އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ޣައްޒާގެ މައްސަލައާ ގުޅޭގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ޤަރާރަށް މިއަދު ވޯޓަށް އަހަނީ

އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ޣައްޒާގެ މައްސަލައާ ގުޅޭގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ޤަރާރަށް މިއަދު ވޯޓަށް އަހަނީ

އދ.ގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ނޮވެމްބަރު 2025، 07:46

17 ނޮވެމްބަރު 2025، 07:46

އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ޣައްޒާގެ މައްސަލައާ ގުޅޭގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ޤަރާރަށް ވޯޓަށް އެހުން މިއަދަށް ތާވަލުކޮށްފިއެވެ.

މި ޤަރާރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ސުލްހައިގެ ޕްލޭނަށް ތާއީދުކޮށް، ޚާއްސަކޮށް ޣައްޒާގައި ބައިނަލްއަޤްވާމީ ބާރެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ. އެމެރިކާއިން އިންޒާރު ދެމުންދަނީ މި ޤަރާރު ފާސްނުކުރެވިއްޖެނަމަ އަލުން ހަނގުރާމަ ފެށުމަށެވެ.

މަޖިލީހުގެ ތެރޭގައި އެތައް ފަހަރެއްގެ މަތިން މަޝްވަރާކޮށް ބަދަލުތައް ގެނެސްފައިވާ މި ޤަރާރުގައި، އިސްރާއިލާ ޙަމާސް ޖަމާއަތާ ދެމެދު އޮކްޓޯބަރު 10 ވަނަ ދުވަހު ހެދި ހަނގުރާމަ ހުއްޓާލުމުގެ މުޢާހަދާއަށް ތާއީދުކުރެއެވެ. ވޯޓަށް އެހުން ތާވަލުކުރެވިފައިވަނީ ނިއުޔޯކް ގަޑިން މިއަދު 17:00 އަށެވެ.

ޤަރާރުގެ އެންމެ ފަހުގެ ނަސްޚާގައި، އިސްރާއިލާއި މިޞްރު އަދި އަލަށް ތަމްރީނުކުރެވޭ ފަލަސްތީނުގެ ފުލުހުންނާ ގުޅިގެން މަސައްކަތްކުރާނެ "ބައިނަލްއަޤްވާމީ ޞުލްޙަ ޤާއިމުކުރުމުގެ ބާރެއް" އުފެއްދުމަށް ހިމަނާފައިވެއެވެ. މި ބާރުގެ މަސައްކަތަކީ ބޯޑަރު ސަރަހައްދުތައް ރައްކާތެރިކޮށް، ޣައްޒާ ސެކްޓަރުން ހަތިޔާރު ނެގުމުގައި އެހީތެރިވުމެވެ. އަދި މި ބާރުން "ރަސްމީ ނޫން ހަތިޔާރުއެޅި ޖަމާއަތްތަކުގެ ހަތިޔާރު ދާއިމީ ގޮތެއްގައި ނެގުމަށާއި"، ރައްޔިތުން ރައްކާތެރިކުރުމަށާއި އިންސާނީ އެހީގެ ކޮރިޑޯތައް ޤާއިމުކުރުމަށް މަސައްކަތްކުރާނެއެވެ.

މި ޤަރާރުގައި "ޞުލްޙައިގެ މަޖިލީހެއް" އުފެއްދުމަށް ވެސް ހުއްދަދެއެވެ. 

ބެލެވޭ ގޮތުން މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ޓްރަމްޕްއެވެ. މި މަޖިލީހުގެ ދައުރު 2027 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދާނެއެވެ. ކުރީގެ ނަސްޚާތަކާ ޚިލާފަށް، މި ޤަރާރުގައި މުސްތަޤްބަލުގައި ފަލަސްތީނުގެ ދައުލަތެއް ޤާއިމުވުމުގެ ފުރުސަތަށް އިޝާރާތްކޮށްފައިވެއެވެ. ނަމަވެސް، މި ބަޔަށް އިސްރާއިލުން ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، "ފަލަސްތީނުގެ ދައުލަތަކަށް އަޅުގަނޑުމެން ދެކޮޅު ހަދާ ގޮތް ބަދަލެއް ނުވާނެ" ކަމަށެވެ.

ރަޝިޔާއިން ވެސް ވަނީ މި ޤަރާރާ ވާދަކުރާ އެހެން ޤަރާރެއް ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް ބަހާފައެވެ. ރަޝިޔާއިން ދެކޭ ގޮތުގައި އެމެރިކާގެ ޤަރާރުން ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް އެކަށީގެންވާ ވަރަށް ތާއީދެއް ނުދެއެވެ.

ރަޝިޔާގެ ޤަރާރުގައި ސަލާމަތީ މަޖިލީހުން "ދެ ދައުލަތުގެ ޙައްލުގެ ތަޞައްވުރަށް ދެމެހެއްޓެނިވި ގޮތެއްގައި ތަޢައްހުދުވުން" ހާމަކުރުމަށް އެދިފައިވެއެވެ. ރަޝިޔާގެ ޤަރާރުގައި މި ވަގުތަށް ޞުލްޙައިގެ މަޖިލީހެއް ނުވަތަ ބައިނަލްއަޤްވާމީ ބާރެއް ޣައްޒާގައި ޤާއިމުކުރުމަށް ހިމަނާފައެއް ނުވެއެވެ. ބަދަލުގައި، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއަށް މިކަމާ ގުޅޭ "ޚިޔާލުތައް" ހުށަހެޅުމަށް ގޮވާލާފައިވެއެވެ.

އެމެރިކާއިން މި ޤަރާރަށް ތާއީދު ހޯދުމަށް ވަރުގަދަ މަސައްކަތެއް ކުރަމުންދާއިރު، ސަލާމަތީ މަޖިލީހުގެ މެންބަރުންގެ މެދުގައި "ބައިބައިވުން އުފެއްދުމުގެ އެއްވެސް މަސައްކަތަކަށް" ވަނީ ފާޑުކިޔާފައެވެ. އ.ދ. އަށް ކަނޑައަޅުއްވާފައިވާ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް ވިދާޅުވީ، "މި ޤަރާރަށް ތާއީދު ނުކުރުމަކީ ޙަމާސް ޓެރަރިސްޓުންގެ ވެރިކަން ދެމިގެންދިއުމަށް ނުވަތަ އިސްރާއިލާ އެކު އަލުން ހަނގުރާމައަކަށް ދިއުމަށް ވޯޓު ދިނުން" ކަމަށެވެ.

އެމެރިކާއިން ބުނެފައިވަނީ ޢަރަބި އަދި މުސްލިމް ގިނަ ޤައުމުތަކެއްގެ ތާއީދު ލިބިފައިވާ ކަމަށެވެ. ޤަޠަރު، މިޞްރު، ޔޫއޭއީ، ސަޢޫދީޢަރަބިއްޔާ، އިންޑޮނޭޝިޔާ، ޕާކިސްތާން، އުރުދުން އަދި ތުރުކީން ތާއީދުކުރާ ކަމަށް ބުނެ ޝާއިއުކޮށްފައިވާ ބަޔާނެއްގައި ވަނީ ސޮއިކޮށްފައެވެ.

ފްރާންސް ޕްރެސް އެޖެންސީއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރަޝިޔާގެ ފާޑުކިޔުންތަކާއި އެހެން ބައެއް ޤައުމުތަކުގެ ދެފުށް ނުފެންނަ ގޮތްތަކާއެކު ވެސް، އެމެރިކާގެ ޤަރާރު ފާސްވާނެ ކަމަށް ގިނަ ސަފީރުން ޤަބޫލުކުރެއެވެ. 

އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ ރިޗާޑް ގްވާން ވިދާޅުވީ، ރަޝިޔާއަށް އެނގޭނީ ޢަރަބި ޤައުމުތަކުން ތާއީދުކުރާ ޤަރާރަކަށް ވިޓޯ ނުކުރާނެކަމަށެވެ. އޭނާ ލަފާކުރައްވާ ގޮތުގައި ރަޝިޔާއާއި ޗައިނާ ވޯޓު ދިނުމުން އިމްތިނާޢުވެ، އެމެރިކާއަށް މި ޕްލޭން ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ބަލަން ތިބޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން