ޚަބަރު
ދިވެހިރާއްޖޭގެ “ޤައުމީ ދިރާސާ ކައުންސިލް” އެކުލަވައިލައިފި!
“ޤައުމީ ދިރާސާ ކައުންސިލް” އެކުލަވައިލުން. ފޮޓޯ: ވަގުތު
ދިވެހިރާއްޖޭގެ “ޤައުމީ ދިރާސާ ކައުންސިލް” އެކުލަވައިލައިފިއެވެ.
މި ކައުންސިލަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރު ތަރައްޤީ ކުރުމާބެހޭ ވުޒާރާ މެދުވެރިކޮށް އެކުލަވައިލި ކައުންސިލެކެވެ. މިހާރު ވަނީ އެކައުންސިލަށް މެމްބަރުންވެސް އައްޔަނުކޮށްފައެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި “ޤައުމީ ދިރާސާ ކައުންސިލް”ގެ މެންބަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެވުޒާރާގެ ޕީއޭ ޢާއިޝަތު ޙިކްމާއެވެ.
“ޤައުމީ ދިރާސާ ކައުންސިލް”އަށް ޖުމްލަ 9 މެންބަރުން މިއަދު ވަނީ އައްޔަންކުރެވިފައެވެ. އެ މެންބަރުންނަކީ:
- މަތީ ތަޢުލީމާ މަސައްކަތްތެރިކަމާ ހުނަރު ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އައްޔަންކުރައްވާ ފަރާތް(ކައުންސިލް ޗެއަރ): ސްޓޭޓް މިނިސްޓްރ، އަޙްމަދު ޝަފީޢު ،
- މަތީ ތަޢުލީމާ މަސައްކަތްތެރިކަމާ ހުނަރު ތަރައްޤީކުރުމާ ބެހޭ ވުޒާރާ: ނައިބު ވަޒީރު، އައިމިނަތު ޝަޝީ
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ): ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. ރަޙީމާ އަބްދުލްރަޙީމް
- ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް): ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. ވިސާލް މޫސާ
- ސީޑީއީ ކޮންސަލްޓިން: އިންޖީނިއަރ، ޑރ.ނަޝްވާން މަތީން
- މޯލްޑިވިސް މެރިން ރިސާޗް އިންސްޓިޓިއުޓް: ޑިރެކްޓަރ، މުޙައްމަދު ޝިމާލް،ލޮޓީ ފައިލްސް: ނާޢީލް އަބްދުލް ރަޙްމާން
- ވިލާ ކޮލެޖް: ޑެޕިއުޓީ ވައިސް ރެކްޓަރ، ޑރ.މުޙައްމަދު ޢާދިލް
- މާލީ ވުޒާރާ: ޗީފް އެކައުންޓްސް އެގްޒެކިއުޓިވް، މުޙައްމަދު މާއިޒް މުނާޒް
ޤައުމީ ދިރާސާ ކައުންސިލް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އެ މަނިކުފާނުގެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގާއި ވެވަޑައިނެވި ވަޢުދުފުޅެކެވެ. އެގޮތުން އުފެއްދި މި ކައުންސިލަކީ ދިވެހިރާއްޖޭގައި ޢިލްމީ ދިރާސަކުރުމާއި، އޭގެ އަލީގައި ފިކުރީ މުދާ އުފެއްދުމުގެ މަސައްކަތްތަށް ހިންގައި ބެލެހެއްޓުމަށް އެކުލަވައިލާ ކައުންސިލެކެވެ.
މި ކައުންސިލްގެ މެމްބަރުންނަކީ "ޤައުމީ ދިރާސާ ފަންޑު" ހިންގައި ބެލެހެއްޓުމަށް އައްޔަންކުރެވިފައިވާ މެމްބަރުންނެވެ.
އެކައުންސިލްގެ މެމްބަރުންގެ މައިގަނޑު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، ފަންޑުން ޚަރަދުކޮށްގެން ދިރާސާކުރާނެ ދާއިރާތައް ކަނޑައެޅުމާއި، އެ ދާއިރާތަކަށް ކަނޑައެޅުމުގެ އުޞޫލުތައް ކަނޑައެޅުމާއި، ފަންޑުން ފައިސާ ދޫކުރާނެ ހަމަތަކެއް ޤާޢިމްކޮށް، އެ ހަމަތައް ތަންފީޒުކުރުން ހިމެނެއެވެ.