ދުނިޔެ
އިސްރާއިލަކީ މެދުއިރުމަތީ ސަރަހައްދަށް އޮތް އެންމެ ބޮޑު ނުރައްކާ: އޮކްސްފޯޑް ޔޫނިއަން
އޮކްސްފޯޑް ޔޫނިއަން ގެ ބައްދަލުވުމެއް ކުރިއަށްދަނީ
ބްރިޓިޝް ޑިބޭޓިންގ އެސޯސިއޭޝަން، އޮކްސްފޯޑް ޔޫނިއަންއިން, މެދުއިރުމަތީ ސަރަހައްދުގެ ހަމަޖެހުމަށް އީރާނަށް ވުރެ ބޮޑު ނުރައްކަލަކަށް އިސްރާއިލު ވެފައިވާކަމަށް ބުނާ ޤަރާރެއް ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފިއެވެ.
މި ޤަރާރު ފާސްކުރީ 265 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ. މި ޤަރާރާ ދެކޮޅަށް 113 ވޯޓު ދީފައިވެއެވެ. މި ޖަމުޢިއްޔާއަކީ ބްރިޓެއިންގެ އެންމެ ދުވަސްވީ ޑިބޭޓިންގ ޖަމުޢިއްޔާތަކުގެ ތެރޭގައި ހިމެނޭ ޖަމުޢިއްޔާއެކެވެ.
މިދިޔަ އަހަރު ވެސް މި ޖަމިޢިއްޔާއިން ވަނީ އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލީ ތަފާތުކުރުމުގެ ސިޔާސަތުތައް ހިންގައި، ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގާކަމަށް ބުނާ ޤަރާރެއް ފާސްކޮށްފައެވެ.
ބްރިޓިޝް ނޫސް "ދަ ޓެލެގްރާފް" އިން ރިޕޯޓުކުރި ގޮތުގައި، މިދިޔަ ހަފްތާގައި ބޭއްވި މި ބަހުސްގައި ކުރީގެ ފަލަސްތީނުގެ ބޮޑު ވަޒީރު މުހައްމަދު އިޝްތައްޔާ އާއި އ.ދ.ގެ ކަންކަން ބަލަހައްޓާ ކަމަށް ބުނާ ޖަމުޢިއްޔާއެއްގެ ޑިރެކްޓަރު، ހިލޭލް ނޮއިރް ވަނީ ބައިވެރިވެފައެވެ.
ބަހުސްގައި އިޝްތައްޔާ ވަނީ އިސްރާއިލަކީ އީރާނަށް ވުރެ ސަރަހައްދީ ބޮޑު ނުރައްކަލެއް ކަމަށް ބުނާ ޤަރާރަށް ތާއީދުކުރައްވާފައެވެ. އޭނާ އިސްރާއިލް ސިފަކުރެއްވީ އިސްތިޢުމާރީ ބާރުތަކުން އުފެއްދި، ބިމުގެ ދަހިވެތިކަން ބޮޑު ދައުލަތެއްގެ ގޮތުގައެވެ.
އިޝްތައްޔާ ވިދާޅުވީ އިސްރާއިލަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޚްތިރާމު ނުކުރާ، އެކަހެރި ދައުލަތެއް ކަމަށާއި، ނިއުކްލިއަރ ގާބިލިއްޔަތު ހުރި އަދި ނަސްލީ ތަފާތުކުރުމުގެ ސިޔާސަތުތައް ހިންގާ އިސްރާއިލުން މެދުއިރުމަތީގެ ސަރަހައްދު ދާއިމީ ގޮތެއްގައި ހަނގުރާމަތަކުގެ ތެރެއަށް ހުށަހަޅަމުންދާ ކަމަށެވެ.
ފަލަސްތީނުގެ މި ސިޔާސީ ބޭފުޅާ އިތުރަށް ވިދާޅުވީ، އިސްރާއިލްގެ ބައެއް ސިޔާސީ ބޭފުޅުން ދެކޭ ގޮތުގައި އެމީހުންގެ ޤައުމުގެ ސަރަހައްދު ނީލު ކޯރުން ފުރާތު ކޯރަށް ދެމިގެންދާން ޖެހޭ ކަމަށެވެ.
"މި ސަރަހައްދުގައި ހަމަނުޖެހުން އުފައްދާ އެންމެ ބޮޑު މަސްދަރަކީ އިޒްރޭލު ކަމަށް އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރަން ޖެހޭނެ." އޭނާ ވިދާޅުވިއެވެ.
އޮކްސްފޯޑް ޔޫނިއަންގެ ޤަރާރާ ދެކޮޅު ނޮއިރް ވަނީ އިޝްތައްޔާގެ ވާހަކަތަކަށް ފާޑުކިޔާ، އެއީ ޙަޤީޤަތް ބަދަލުކުރުން ކަމަށް ސިފަކޮށްފައެވެ. އޭނާ ބުނީ ސަރަހައްދީ ހަމަޖެހުން މިންކުރެވޭނީ ހަނގުރާމަ ފަށާ ފަރާތްތަކުން ކަމަށެވެ.
ނޮއިރް ބުނީ އިސްރާއިލުން ޢަރަބި ޤައުމުތަކުގައި ޓެރަރިސްޓް ވަކީލުންނަށް ހަތިޔާރު ނުދޭ ކަމަށާއި، އެކަން ކުރަނީ އީރާނުގެ ނިޒާމުން ކަމަށެވެ. ނޮއިރް ދައުވާކުރީ މެދުއިރުމަތީގެ ގިނަ ޢަރަބި ޤައުމުތަކަކީ އެމީހުންގެ ސަލާމަތަށްޓަކައި އިސްރާއިލަށް ސިއްރިޔާތުގައި ނުވަތަ ފާޅުގައި ބަރޯސާވާ ޤައުމުތަކެއް ކަމަށެވެ.