Ads by Stelco

ޚަބަރު

"އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް އިމިގްރޭޝަނުން ފަށައިފި

"އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް އިމިގްރޭޝަނުން ފަށައިފި

ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ނޮވެމްބަރު 2025، 08:10

17 ނޮވެމްބަރު 2025، 08:10

މޯލްޑިވްސް އިމިގްރޭޝަނުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ޤާނޫނާއި ޤަވާއިދަށް ޢަމަލުކުރަމުންދާ މިންވަރު ކަށަވަރު ކުރުމަށްޓަކައި، "އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް އިފްތިތާޙްކޮށްފިއެވެ. 

މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙްއެވެ.

މި ޕްރޮގްރާމަކީ އިމިގްރޭޝަނުން ކުރިއަށް ގެންދާ "މައިގްރެންޓް މޮނިޓަރިން އެންޑް ކޮމްޕްލައެންސް" ޕްރޮގްރާމުގެ ދަށުން ހިންގާ ހަރަކާތެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ހަރަކާތްތައް ބަލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މަސައްކަތް ކުރަމުންދަނީ ޤަވާއިދާ އެއްގޮތަށްތޯ ޔަޤީންކުރުމެވެ. 

މާލޭ ސަރަޙައްދުގައި ކުރިއަށްދާ މި ޕްރޮގްރާމުގައި އިމިގްރޭޝަން އޮފިސަރުން ހަރަކާތްތެރިވާނީ ސައިކަލުތަކުގައި ޕެޓްރޯލް ކުރާ އުސޫލުންނެވެ. މީގެ ސަބަބުން މުޅި މާލޭ ސަރަޙައްދު ފުރިހަމައަށް ބެލެހެއްޓިގެންދާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ތެރެއިން މީގެ ކުރިން ވަކި ސަރަޙައްދުތަކެއްގައި ހަރަކާތްތެރިވަމުން ދިޔަ އޮފިސަރުންނަށް، މުޅި މާލޭ ސަރަޙައްދު ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އިމިގްރޭޝަނުން ވިދާޅުވީ، މި ޚާއްސަ ޕްރޮގްރާމް ފެށި ނަމަވެސް، ރައްޔިތުންގެ ފަރާތުން އިމިގްރޭޝަން ވޮޗަށް ލިބޭ މަޢުލޫމާތާއި، އެނޫންވެސް ގޮތްގޮތުން ލިބޭ މައުލޫމާތުތަކަށް ފުލުހުންނާ ގުޅިގެން ކުރިންވެސް ހިންގަމުން އައި އުސޫލުން ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް ކާމިޔާބު ކުރުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ އިސްކަމެއް ދެމުންނެވެ. އެގޮތުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް 191،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު އެއްކޮށްފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަޢުލޫމާތު ހިއްސާ ނުކުރާ ފަރާތްތަކަށް އިތުރު ފުރުސަތެއް ނުދީ ޑިޕޯޓްކޮށްލާނެކަމުގެ އިންޒާރު ދެއްވާފައެވެ. "އޮޕަރޭޝަން ހަމަމަގު" އަކީ ސަރުކާރުގެ މި މަޤްޞަދުތައް ހާސިލުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ޕްރޮގްރާމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން