ޚަބަރު
ފުވައްމުލަކަށް ދޫކުރާ ފެން މިންގަނޑަށް ފެތޭކަމަށް ހާމަކޮށްފި
ފުވައްމުލަކު ސިޓީ / ފޮޓޯ: ޕީއެސްއެމް
ފަރުދުން
17 ނޮވެމްބަރު 2025، 08:03
17 ނޮވެމްބަރު 2025، 08:03
ފުވައްމުލަކު ސިޓީގެ ފެނުގެ ވިއުގައަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު، އެ ސިޓީގެ ގޭގެއަށް މިހާރު ދޫކުރަމުންދާ ފެނަކީ މިންގަނޑަށް ފެތޭ ފެނެއް ކަމުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮޓޯރިޓީން ހާމަކޮށްފިއެވެ.
އެ އޮތޯރިޓީން މިކަން ހާމަކުރުމަށް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާން ނެރެފައި މިވަނީ ފުވައްމުލައް ސިޓީ ކައުންސިލުން ފެނަކައިން ދޫކުރާ ބޯ ފެނުގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާފައި ވަނިކޮށެވެ.
މިވަގުތު ފުވައްމުލަކު ސިޓީއަށް ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ފެނަކީ މި އޮތޯރިޓީގެ ސަޕްލައި ވޯޓަރ މިންގަނޑުތަކަށް ފެތޭ ފެނެއްކަމުގައި ދެންނެވީމެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮޓޯރިޓީން ނެރުނު ބަޔާނުގައި ވެއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިންވެސް މީގެ ކުރިން ވިދާޅުވެފައިވަނީ، ފެނަކަ ފުވައްމުލައް ބްރާންޗުން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަޙައްދުތަކުން ފެން ނަގާ ތަޙުލީލުކޮށްފައިވާ ކަމަށެވެ. އަދި މި ތަޙުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން، މި ފެނަކީ ޞިއްޙަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއްކަމަށް އެމްއެފްޑީއޭއިން ހާމަކުރިއެވެ.
ފުވައްމުލަކުގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވެ ސަޕްލައި ފެނުގެ ޚިދުމަތް މެދުކެނޑުނީ ހޯމަ ދުވަހުއެވެ. މި މުއްދަތުގެ ތެރޭގައި ރައްކާތެރި ބޯފެން ކަށަވަރުކުރުމަށްޓަކައި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.