Ads by Farudhun

ޚަބަރު

އަންނަ އަހަރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ޒަމާނީ ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރަނީ

އަންނަ އަހަރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ޒަމާނީ ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރަނީ

ގދ.ތިނަދޫ ރިހެބިލިޓޭޝަން ސެންޓަރ. ފޮޓޯ: ގޫގްލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ނޮވެމްބަރު 2026، 11:01

01 ނޮވެމްބަރު 2026، 11:01

މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް އިސްކަންދީގެން، ރާއްޖޭގެ އިތުރު ތިން ސަރަޙައްދެއްގައި ޒަމާނީ ފެންވަރުގެ ރިހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުމަށް 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، އިޖުތިމާޢީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން މިހާރު ޚިދުމަތް ދެމުންދާ މަރުކަޒުތަކުގެ އިތުރުން އަލަށް ޤާއިމުކުރާ ތިން ސެންޓަރަކީ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

 "މީގެ ސަބަބުން، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ޒުވާނުން އަލުން އަނބުރާ ތަޢުލީމާއި، ވަޒީފާ އަދި ޢާއިލީ ދިރިއުޅުމުގެ ތެރެއަށް ގެނައުމަށް، މި ސެންޓަރުތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ" 

ވަޒީރު ވިދާޅުވިއެވެ.

އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އަންނަ އަހަރު ރާވާފައިވާ އިތުރު ކަންކަމުގެ ތަފްޞީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެފަދަ ފަރާތްތަކަށް ވަޒީފާ އުފައްދައި، އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވައި އަމިއްލަ ފުދުންތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރެވޭނެއެވެ.

މީގެއިތުރުން، އަންނަ އަހަރުގެ ބަޖެޓާއެކު ޖެންޑަރ އީކުއަލިޓީ އެންޑް ސޯޝަލް އިންކްލޫޝަން (ޖެސީ) ބަޖެޓު ތަރުތީބުވެގެންދާނެ ކަމަށްވެސް ވަޒީރު ޒަރީރު ހާމަކުރެއްވިއެވެ. މިއީ މުޖުތަމަޢުގައި ހަމަހަމަކަން ޤާއިމުކުރުމަށާއި، ސިޔާސަތުތައް ތަންފީޒުކުރުމުގައި މިންތީގެ ހަމަހަމަކަމަށް ދެވޭ އިސްކަން އިތުރުކޮށް، އެކަން މޮނިޓަރކުރުމަށްޓަކައި އެކި މިންތިތަކަށް ދައުލަތުން ކުރާ ޚަރަދު ދެނެގަތުމަށް އެކުލަވާލެވޭ ބަޖެޓެކެވެ.

ސަރުކާރުގެ އަމާޒަކީ އިޖުތިމާޢީ ރައްކާތެރިކަން ފުޅާ ދާއިރާއެއްގައި ޤާއިމުކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުޖުތަމަޢުގައި ހަވާސާވެފައިވާ ފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450