ޚަބަރު
ވީއައިއޭގެ އައު ޓާރމިނަލުން އެއާރ އޭޝިއާގެ ފްލައިޓުތަކަށް ޚިދުމަތް ދޭން ފަށައިފި
ވީއޭއައި ޓާމިނަލް 1 އިން އެއާއޭޝިއާ މެލޭޝިޔާ އަދި ތައި އެއާއޭޝިއާ އަށް ޚިދުމަތް ދޭން ފެށުން
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާރމިނަލް، ޓާމިނަލް 1 އިން ލޯ-ކޯސްޓް ދެ އެއާލައިން ކަމަށްވާ، އެއާރ އޭޝިއާ މެލޭޝިޔާ އަދި ތައި އެއާރ އޭޝިއާއަށް ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
މި ދެ އެއާރލައިނަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ހޯމަ ދުވަހު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި އެއާރ އޭޝިއާ ގުރޫޕުގެ ސްޓޭޝަން މެނޭޖަރު އިބްރާހިމް އަބްދުލް ކަރީމްގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދެ އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާފައިވެއެވެ. އަދި އެއާރ އޭޝިއާ މެލޭޝިޔާ އިން ފުރި 135 ފަސިންޖަރުނާއި ތައި އެއާރ އޭޝިއާއިން ފުރި 144 ފަސިންޖަރުންނަށް ހަދިޔާ ދިނުމުގެ ކަންތައް ވެސް ކުރިއަށް ގެންދިޔައެވެ.
މީގެ އިތުރުން، ޓާމިނަލް 1 އަށް ކައިރި ކުރި އެއާރ އޭޝިއާ މެލޭޝިޔާގެ ފުރަތަމަ ފްލައިޓް، AK074 އިން ރާއްޖެ އައި 164 ފަސިންޖަރުންނާއި ތައި އެއާރ އޭޝިއާގެ ފުރަތަމަ ފްލައިޓް، FD175 އިން ރާއްޖެ އައި 138 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެއާރ އޭޝިއާ މެލޭޝިއާއިން ރާއްޖެއަށް ދަތުރުތައް ފެށީ 22 އޮކްޓޫބަރު 2015 ގައެވެ. އަދި ތައި އެއާރ އޭޝިއާއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 11 އޮގަސްޓް 2017 ގައެވެ. މި ދެ އެއާރލައިނަކީ ވެސް ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ލޯ-ކޯސްޓް އެއާލައިންތަކެކެވެ.
26 ޖުލައި 2025ގައި ހުޅުވުނު ޓާމިނަލް 1 އިން މި ދެ އެއާރލައިންއަށް ހިދުމަތް ދޭން ފެށުމާއެކު، މި ޓާރމިނަލްއިން ޚިދުމަތް ދޭ އެއާރލައިންތަކުގެ ޖުމްލަ އަދަދު ވަނީ 25 އަށް އަރާފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.