ކުޅިވަރު
ޖަރުމަނާއި ނެދަލޭންޑްސް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
ޖަރުމަނުގެ ފޯވާޑް ނިކް ވޮލްޓުމޭޑް---
މިއަންނަ އަހަރު އެމެރިކާ ބައްރުގައި ބާއްވާ ވޯލްޑް ކަޕަށް ޖަރުމަނާއި ނެދަލޭންޑްސްއިން ކޮލިފައިވެއްޖެއެވެ.
2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނުން ވޯލްޑް ކަޕަށް ކޮލިފައިވީ ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް-އޭގައި ހޯމަ ދުވަހުގެރޭ ސްލޮވޭކިޔާއާ ދެކޮޅަށް ކުޅުނު މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރުމަށްފަހުއެވެ.
މި މެޗުގައި ޖަރުމަނަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ، ލަގްޒަމްބޯގް މެޗުގައި ޖަރުމަނު މޮޅުކޮށްދިން ނިކް ވޮލްޓުމޭޑްއެވެ. އޭނާ ވަނީ ޖަރުމަނު އެންމެ ފަހުން ކުޅުނު ތިން މެޗުގައި 4 ގޯލު ކާމިޔާބުކޮށްފައެވެ.
ސްލޮވެކިއާ މެޗުގައި ޖަރުމަނުގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ ސާރޖް ނަބްރީ، ލެރޯއީ ސާނޭ، ރިޑްލް ބަކޫ އަދި އައްސާން އޯޑްރާގޯއެވެ. މީގެތެރެއިން ސާނޭ ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ.
ހަތަރު ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނުން މި މެޗު ކާމިޔާބު ކުރުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް-އޭގައި ކުޅުނު ހަ މެޗުން ޖުމްލަ 15 ޕޮއިންޓާއެކު އެއްވަނަ މަޤާމު ލިބިފައެވެ.
ނެދަލޭންޑްސްއިން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރީ 4-0އިން ލިތުއޭނިއާގެ މައްޗަށް ކުރިހޯދައިގެންނެވެ.
ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް-ޖީގައި ކުޅުނު މި މެޗުން ނެދަލޭންޑްސް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު އަށް މެޗުން ޖުމްލަ 20 ޕޮއިންޓާއެކު އެއްވަނަ މަޤާމު ލިބިފައެވެ.
ކޮލިފައިން ބުރުގައި ނެދަލޭންޑްސް އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ހަ މެޗުން އެ ޓީމު މޮޅުވެފައިވާއިރު ދެ މެޗުން ވަނީ އެއްވަރުވެފައެވެ.
ނެދަލޭންޑްސްގެ ޔޯހަން ކްރައިފް އެރީނާގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި އެ ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ މެންޗެސްޓަރ ސިޓީގައި މި ސީޒަންގައި ވިދަމުން އަންނަ ތިޖާނީ ރެއިނާސް އާއި ކޯޑީ ގަކްޕޯ އާއި ޒަވީ ސިމޯންސްގެ އިތުރުން ޑޮންޔެލް މެލަންއެވެ.