Ads by Stelco

ޚަބަރު

ފަސްޓް ލޭޑީ ސާޖިދާ ޖަޕާނު އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރުންނާ ބައްދަލުކުރައްވައިފި

ފަސްޓް ލޭޑީ ސާޖިދާ ޖަޕާނު އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރުންނާ ބައްދަލުކުރައްވައިފި

ފަސްޓް ލޭޑީ ސާޖިދާ ޖަޕާނު އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރުންނާ ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ނޮވެމްބަރު 2025، 04:08

18 ނޮވެމްބަރު 2025، 04:08

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ޖަޕާނު އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ޕްރޮގްރާމެއް ކަމަށްވާ ޖަޕާނު އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރުން (ޖޭ.އޯ.ސީ.ވީ) ގެ ޓީމަކާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގެގައެވެ.

މި ބައްދަލުކުރެއްވުމުގައި ޖޭ.އޯ.ސީ.ވީ ގެ ވަފުދާއެކު ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާނުގެ ސަފީރު، އިޝިގާމީ ރޫމިކޯ އާއި، ޖަޕާނު އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ޑިރެކްޓަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުކުރެއްވުމުގައި، ޖޭ.އޯ.ސީ.ވީ ގެ ވޮލަންޓިއަރުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި މަސައްކަތްކުރަމުންދާ ތަފާތު ތަޖުރިބާތައް ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ސުކޫލްތަކުގައި ކިޔަވައިދިނުމާއި، މުޖުތަމަޢުތަކާ ގާތުން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ހާއްސަކޮށް، ސިއްޙަތާއި ކަސްރަތުގެ ދާއިރާ، އޭގެ ތެރޭގައި ހޭންޑްބޯޅަ، ބޭސްބޯޅަ، އަދި އެތުލެޓިކްސް ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް އެބޭފުޅުން ދެއްވާފައިވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޖޭ.އޯ.ސީ.ވީ އިން މިއުޒިކާއި، އަތްތެރި މަސައްކަތްތަކާއި ކެއްކުން ފަދަ ހުނަރުތައް ދަސްކޮށްދީ، ރަށްރަށުގެ ޘަޤާފީ ގުޅުންތަކާއި ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވަމުންދާކަން ވެސް ހާމަކުރެއްވިއެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޖޭ.އޯ.ސީ.ވީ ގެ ޚިދުމަތްތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ރަށްރަށުގެ މުޖުތަމަޢުތަކަށް ފައިދާ ކުރާ އަގުހުރި މަސައްކަތްތަކެއް ކަމުގައި ވިދާޅުވިއެވެ.

ޖޭ.އޯ.ސީ.ވީ އިން ރާއްޖޭގައި މަސައްކަތްކުރަން ފަށާފައިވަނީ 1982 ވަނަ އަހަރުގައެވެ. އެއިރުން ފެށިގެން މިހާތަނަށް 350 އަށް ވުރެ ގިނަ ވޮލަންޓިއަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ޚިދުމަތްކޮށްފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން