ދުނިޔެ

އިސްރާއިލުން ހުޅަނގު އައްސޭރީގައި ވަރުގަދަ ހަމަލާތަކެއްދީ އަޤްޞާގެ ޚަޠީބުގެ މައްޗަށް ދަޢުވާކުރާނެ ކަމަށް ބުނެފި

އިސްރާއިލުން ހުޅަނގު އައްސޭރީގައި ވަރުގަދަ ހަމަލާތަކެއްދީ އަޤްޞާގެ ޚަޠީބުގެ މައްޗަށް ދަޢުވާކުރާނެ ކަމަށް ބުނެފި

މަސްޖިދުލް އަޤްޞާގެ ޚަޠީބު ޢިކްރިމާ ޞަބްރީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ނޮވެމްބަރު 2025، 05:37

18 ނޮވެމްބަރު 2025، 05:37

 ހުޅަނގު އައްސޭރީގައި އިސްރާއިލުން ވަރުގަދަ ހަމަލާތަކެއް ދީ، މަސްޖިދުލް އަޤްޞާގެ ޚަޠީބު ޢިކްރިމާ ޞަބްރީގެ މައްޗަށް އިސްރާއީލުގެ ކޯޓަކުން ދަޢުވާކުރާނެ ކަމަށް ބުނެފިއެވެ. 

 ޚަޠީބު ޞަބްރީގެ މައްޗަށް ދަޢުވާކުރަނީ އިސްރާއީލުން ސިފަކުރާ ގޮތުގައި، "ޓެރަރިޒަމަށް ހިތްވަރުދިނުމުގެ" ކުށުގައެވެ. މީގެ އިތުރުން، ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި މުސްތަޢުމިރުންނާއި އިސްރާއީލުގެ ސިފައިންގެ ފަރާތުން ދަނީ ހަމަލާތައް ދީ އެތައް ދުއްތުރާތަކެއް ޖައްސަމުންނެވެ.

ޤުދުސްގައި ހުންނަ އިސްރާއީލުގެ ކޯޓުން ވަނީ ޝެއިޚް ޢިކްރިމާ ޞަބްރީގެ މައްޗަށް އައު ޝަރީޢަތެއް މިއަދު ފެށުމަށް ނިންމާފައެވެ. މި ދަޢުވާތައް އިސްރާއީލުގެ ޕްރޮސިކިއުޝަން އޮފީހުން ހުށަހަޅާފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ދަޢުވާގައި ހިމެނޭ މައިގަނޑު ތިން ކަމަކީ، 2022 ވަނަ އަހަރު ޝަޢްފާތު އަދި ޖެނިން ކޭމްޕްގައި ޝަހީދުވި ދެ ޒުވާނުން ކަމަށްވާ ޢުދައި އައްތަމީމީ އާއި ރާއިދު ޚާޒިމްގެ ޖަނާޒާގަޔާއި އެދެޝަހީދުންގެ ޝަހާދަތުގެ ހިތާމައިގައި ބައިވެރިވުމާއި، މަސްޖިދުލް އަޤްޞާގައި ދެއްވި ޚުޠުބާއެއްގައި ފަލަސްޠީނުގެ ލީޑަރު އިސްމާޢީލް ހަނިއްޔާގެ ހަނދާންކުރުމެވެ.

އަނެއްކޮޅުން، ހުޅަނގު އައްސޭރީގައި ވަނީ އިސްރާއީލީ މުސްތަޢުމިރުންގެ ވަރުގަދަ ހަމަލާތަކެއް ފެށިފައެވެ. ބައިތުލަޙްމުގެ ހުޅަނގު ދެކުނުގައިވާ އަލްޖަބްޢާ ވިލެޖަށް ގިނަ އަދަދެއްގެ މުސްތަޢުމިރުން ވަދެ، ފަލަސްޠީނުގެ ރައްޔިތުންގެ ގެތަކަށް ހަމަލާދީ، އުޅަނދުތަކުގައި ވަނީ އަލިފާން ޖަހާފައެވެ. މީގެ އިތުރުން، ބައިތުލަޙްމާއި ޢާއިދާ ކޭމްޕް ހިމެނޭހެން އެކި ސަރަޙައްދުތަކުން 6 ފަލަސްޠީނުގެ ރައްޔިތުން (ދެބެއިން ހިމެނޭގޮތަށް) އިސްރާއީލު ސިފައިން ވަނީ ހައްޔަރުކޮށްފައެވެ. ޤުދުސްގެ އިރުއުތުރުގައިވާ ޙިޒްމާ ޓައުންގެ މައި ދޮރޯށި ކައިރީގައި އިސްރާއީލު ސިފައިން އަސްކަރީ ޗެކްޕޮއިންޓެއް ޤާއިމުކުރުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

ނާބުލުސް ޕްރޮވިންސްގައި އިސްރާއީލު ސިފައިން ވަނީ ފަތިހުގެ ވަގުތުގައި އަލްޢައިން ކޭމްޕާއި ރަފީދިޔާ އަދި ބައިތު ވާޒަން ހިމެނޭހެން އެތައް ސަރަޙައްދަކަށް ވަދެ ގެތައް ބަލައިފާސްކޮށްފައެވެ. އަދި އޫދަލާ ވިލެޖުގައި ހުރި ގެއަކާއި ވިޔަފާރި ގޯތިގަނޑަކުން ކެމެރާ ރެކޯޑިންގތަކެއް ހިފަހައްޓާފައިވެއެވެ. ރާމަﷲ އަދި އަލްބީރާ ޕްރޮވިންސްގައި ވެސް ހަމަލާތައް ހިންގާފައިވާއިރު، އަލްޖަލްޒޫން ކޭމްޕުން ދެ ޒުވާނަކު ހައްޔަރުކޮށްފައިވެއެވެ. މި ޢަސްކަރީ ހަރަކާތްތަކުގެ ތެރެއިން ވަނީ ސިލްވާދު، ދީރު ޖަރީރު، ޔަބްރޫދު، އަދި ބީރުޒައިތު ފަދަ އެތައް ރަށަކަށް ފުޅާވެ، ގިނަ ގެތައް ބަލައިފާސްކޮށްފައެވެ.

ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުން ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށިފަހުން، ހުޅަނގު އައްސޭރީގައި މުސްތަޢުމިރުންގެ ހަމަލާތަކާއި އިސްރާއީލު ސިފައިންގެ އުނދަގޫތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.

 ފަލަސްޠީނުގެ ސިއްޙީ މަސްދަރުތަކުން ބުނާގޮތުގައި، އޮކްޓޯބަރު 7 އިން ފެށިގެން ހުޅަނގު އައްސޭރީގައި 1071 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެ، 10،000 އެއްހާ މީހުން ޒަޚަމްވެ، 1600 ކުޑަކުދިން ހިމެނޭގޮތަށް 20،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން