ކުޅިވަރު
އޭޝިއަން ކަޕް ކޮލިފައިން: ފިލިޕީންސްއިން ރާއްޖެ ބަލިކޮށްފި، ނަމަވެސް ގްރޫޕް އެއްވަނައެއް ނުލިބުނު
ރާއްޖޭގެ ކުޅުންތެރިއެއްގެ އަތުން ފިލިޕީންސްގެ ކުޅުންތެރިއަކު ބޯޅަ ހޯދަން މަސައްކަތް ކުރަނީ، ފޮޓޯ: ޕީއެސްއެމް
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ފިލިޕީންސް މިއަދު ބައްލުކުރި މެޗު 2-0އިން ފިލިޕީންސް ކާމިޔާބުކޮށްފިއެވެ. ނަމަވެސް މި މެޗުން ލިބުނު ޕޮއިންޓުތަކާއެކު ވެސް، އެ ޓީމަށް އަދި ގްރޫޕްގެ އެއްވަނައަށް އެރޭ ގޮތެއް ނުވިއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ފިލިޕީންސްއިން އެ ޓީމުގެ ދެ ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުއެވެ. އެގޮތުން މެޗުގެ 25ވަނަ މިނެޓުގައި ޖެޕަސަން ޓެބިނާސްގެ ގޯލަކުން އެ ޓީމުން ލީޑު ނެގުމަށް ފަހު އޭގެ 12 މިނެޓުފަހުން ލީޑު ފުޅާކޮށްދިނީ ސެންޑްރޯ ރެޔޭސްއެވެ.
އަދި ފުރަތަމަ ހާފްގައި ދިވެހި ޓީމަށް ވަނީ ރަނގަޅު ހަމަލާއެއް އުފެއްދޭގޮތް ވަނީ ނުވެފައެވެ.
ފިލިޕީންސް ޓީމުން މެޗަށް ނިކުތީ ރާއްޖެ ކޮޅަށް ގިނަ ގޯލުތަކެއް ޖަހައި، ގްރޫޕްގެ އެއްވަނަ ދެމެހެއްޓުމުގެ އަޒުމުގައިކަން އެ ޓީމުގެ ކުޅުމުން ފާހަގަވިއެވެ.
ފިލިޕީންސްއިން ގިނަ ގޯލު ޖަހަން ބޭނުންވީ ގޯލުގެ ތަފާތުން ގްރޫޕްގެ އެއްވަނައިގައި އޮތް ތަޖިކިސްތާނުގެ މައްޗަށް ކުރި ހޯދުމަށެވެ. ތަޖިކިސްތާނާއި ފިލިޕީންސްއަށް ވެސް މިހާރު ލިބިފައިވަނީ 13 ޕޮއިންޓެވެ. ނަމަވެސް އެ ޓީމު ތާވަލުގެ ކުރީގައި އޮތީ ފައިދާ އެއް ގޯލުންނެވެ.
މެޗުގެ ދެވަނަ ހާފުގައި ރާއްޖެއިން ވަނީ ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ކުޅެ ހަމަލާތަކެއް ވެސް އުފައްދާފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
މިމެޗުގައި ރާއްޖޭގެ ކޯޗު ވަނީ ދެވަނަ ހާފްގެ ފަހު ކޮޅު ޒުވާން މިޑްފިލްޑަރ އީތަން އިބްރާހިމް ޒަކީ ކުޅެންނެރެފައެވެ. މިއީ އުމުރުން 17 އަހަރުގެ އީތަން ޤައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.
މި ގްރޫޕްގައި ތަޖިކިސްތާން އާއި ޓީމޯ ލާސްޓޭ ވެސް މިއަދު ބައްދަލުކުރިއެވެ. އެ މެޗު 5-0 އިން ކާމިޔާބުކުރީ ތަޖިކިސްތާނެވެ.
މި ގްރޫޕްގެ ފަހު މެޗުތައް އޮންނާނީ އަންނަ އަހަރުގެ މާރިޗު މަހުގެ 31ގައެވެ. އެ ބުރުގައި ތަޖިކިސްތާން އާއި ފިލިޕީންސް ބައްދަލުކުރާ މެޗަކީ، މި ގްރޫޕުން ދެން އޮންނަ ބުރަށް ކޮލިފައިވާނެ ޓީމެއް ކަނޑައެޅިގެންދާނެ މެޗެވެ.