ޚަބަރު
އެންޓިބައޮޓިކް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި
މެޑަމް ސާޖިދާ މުޙައްމަދު. ފޮޓޯ: ރައީސް އޮފީސް
އެންޓިބައޮޓިކް ޒިންމާދާރު ކަމާއެކު ބޭނުންކުރުމަށް ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
މެޑަމް ސާޖިދާ މިކަމަށް އިލްތިމާސްކުރެއްވީ، އެންޓި މައިކްރޯބިއަލް ރެސިސްޓެންސް ވީކް ފާހަގަކުރުމުގެ މުނާސަބަތުގައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
އެކަމަނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އެންޓި މައިކްރޯބިއަލް ރެސިސްޓެންސް އަކީ ޞިއްޙަތާއި، ކާނާއާއި އަދި އިޤްތިޞާދަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއްކަމަށެވެ. އަދި މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި، ދިވެހިރާއްޖޭގެ ނެޝަނަލް އެކްޝަން ޕްލޭން އޮން އޭއެމްއާރް (2024–2029) ގެ ދަށުން ދެ މައިގަނޑު މަޤްޞަދެއް ހާސިލުކުރުމަށް މަސައްކަތް ކުރަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެއީ ޒިންމާދާރުކަމާއެކު އެންޓިބައޮޓިކް ބޭނުންކުރުމާއި، 'ވަން ހެލްތު' ކޮންސެޕްޓަށް އެހީތެރިވުމެވެ.
މެޑަމް ސާޖިދާ އިލްތިމާސްކުރެއްވީ، ބޭސްތަކުގެ އަސަރު ރައްކާތެރިކުރުމަށާއި، އަދި އެންމެންނަށްޓަކައި ޞިއްޙަތު ރަނގަޅު މުސްތަޤްބަލެއް ކަށަވަރުކުރުމަށް މިހާރުން މިހާރަށް ޢަމަލުކުރުމަށެވެ. އެންޓި މައިކްރޯބިއަލް ރެސިސްޓެންސް ވީކް ފާހަގަކުރަނީ، ބަލި ޖެހޭ އެކި ޖަރާސީމުތަކަށް ބޭހުގެ އަސަރުކުރާ މިންވަރު ކުޑަވާގޮތަށް ބޭސް ބޭނުން ކުރުމާއި މެދު ހޭލުންތެރި ކުރުމަށެވެ. މި ހަފުތާ ފާހަގަކުރުމުގެ މައިގަނޑު އެއް މަޤްޞަދަކީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ބޭސް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ބާރު އެޅުމާއި މިކަމާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް މި ހަފުތާ ފާހަގަކުރަނީ، އެންޓިބައޮޓިކްސް ފަދަ ބޭސްތައް ބޭނުންކުރުމުގައި ޒިންމާދާރުވުމަށް ބާރުއެޅުމަށެވެ. އެންޓިބައޮޓިކްސް ބޭނުންކުރާ މިންވަރު އިތުރުވުމާއި، ޑޮކްޓަރުގެ އިރުޝާދާ ޚިލާފަށް ބޭނުންކުރުމުގެ ސަބަބުން، ބަލިތަކަށް ފަރުވާ ދިނުމުގައި ދަތިތަކާއި ކުރިމަތިވެ، ބައެއް ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސްތަކުގެ އަސަރު ކެނޑިގެންދިއުމަކީ އޭއެމްއާރްގެ ސަބަބުން ދިމާވާނެ ނުރައްކާތެރި ކަމެކެވެ.
މެޑަމް ސާޖިދާގެ މި އިލްތިމާސް އަކީ، ރާއްޖޭގެ ސިއްހީ ދާއިރާގެ ރައްކާތެރިކަމަށްޓަކައި ވަރަށް މުހިންމު މެެސެޖެކެވެ.