Ads by Stelco

ޚަބަރު

ދިއްލީގެ ވައި ތަޣައްޔަރުވުން ހައްދުން ނެއްޓި، ސަރުކާރުގެ އަވަސް ފިޔަވަޅުތަކަށް ރައްޔިތުން ގޮވާލައިފި

ދިއްލީގެ ވައި ތަޣައްޔަރުވުން ހައްދުން ނެއްޓި، ސަރުކާރުގެ އަވަސް ފިޔަވަޅުތަކަށް ރައްޔިތުން ގޮވާލައިފި

ނިއުދިއްލީގައި ހިންގި މުޒާހަރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ނޮވެމްބަރު 2025، 10:41

18 ނޮވެމްބަރު 2025، 10:41

އިންޑިއާގެ ވެރިރަށް ދިއްލީގެ ވައި ތަޣައްޔަރުވުން ނުރައްކާތެރި މިންވަރަކަށް ގޮސްފައިވާތީ، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލާ ގިނަ ރައްޔިތުން ތަކެއް މުޒާހަރާކޮށްފިއެވެ.

ދިއްލީ އާއި ވަށައިގެންވާ ސަރަހައްދުތަކުގައި ވައި މިހާރު ވަނީ ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެފައެވެ.

ގާތްގަނޑަކަށް 30 މިލިއަން މީހުން ދިރިއުޅޭ ދިއްލީ އަދި ވަށައިގެންވާ މެޓްރޮޕޮލިޓަން ސަރަހައްދުގައި ވައިގެ ފެންވަރު ހަފުތާތަކެއް ވަންދެން އޮތީ "ވަރަށް ދަށް" ކެޓަގަރީގައެވެ. ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުގެ ދިރާސާތަކަށް ބަލާއިރު، އަންގާރަ ދުވަހު ބައެއް ސަރަހައްދުތަކުގައި 'އެއަރ ކޮލިޓީ އިންޑެކްސް' (AQI) 402 އަށް އަރާ، "ނުރައްކާތެރި" ކެޓަގަރީއަށް ވަނީ ގޮސްފައެވެ. AQI ގެ 0 އިން 500 އާ ދެމެދުގެ މިންގަނޑުގައި، 50 އަށްވުރެ ދަށުގެ މިންވަރަކީ ރަނގަޅު ވައިގެ ފެންވަރެވެ. ނަމަވެސް 300 އަށްވުރެ މަތީ މިންވަރަކީ ނުރައްކާތެރި މިންވަރެކެވެ.

މުޒާހަރާގެ އިންތިޒާމުކުރި "ސައިންޓިސްޓްސް ފޯ ސޮސައިޓީ" ޖަމިއްޔާގެ އާދިތުޔާ އާނަންދު ވިދާޅުވީ، "ދިއްލީގެ މިހާރުގެ ހާލަތަކީ ވަރަށް ނުރައްކާތެރި ހާލަތެއް. ތަޣައްޔަރުވުން ދަނީ އިތުރުވަމުން، އެކަމަކު އަޅުގަނޑުމެންގެ ސަރުކާރުން އެކަން ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރޭ،" މުޒާހަރާގެ ބައިވެރިން ނިއު ދިއްލީގެ ޖަންތަރު މަންތަރު ސަރަހައްދަށް އެއްވެ، "ނޭވާލާން އެހީވެދީ"، "ވައި ހިލޭނަމަ ނޭވާލުން ޚާއްސަ އިނާޔަތަކަށް ވަނީ ކީއްވެ؟" އަދި "ދުންފިނި ނައްތާލާ" ފަދަ ބެނާތައް ހިފައިގެން ތިއްބެވެ.

ސްވިސް ޖަމިއްޔާއެއް ކަމަށްވާ IQAir އިން އަންގާރަ ދުވަހު ދިއްލީ ވަނީ ދުނިޔޭގައި އެންމެ ތަޣައްޔަރުވެފައިވާ ސިޓީގެ ގޮތުގައި ރޭންކުކޮށްފައެވެ. އެއީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (WHO) އިން ލަފާދޭ މިންވަރަށްވުރެ PM 2.5 ގެ މިންވަރު 49.4 ގުނަ މަތިކޮށެވެ. ދިއްލީގައި އަހަރުގެ ތެރޭގައިވެސް ވައިގެ ފެންވަރު ދަށްކަމަށް ފާހަގަކުރެވެއެވެ. އެއީ އެތައް މިލިއަން ކާރުތަކުންނާއި، އިމާރާތް ކުރުމުގެ މަސައްކަތްތަކުން، ފެކްޓަރީތަކުގެ ދުމުން އަދި ކުނި އަންދާލުމުން ނިކުންނަ ވިހަ މާއްދާތަކުގެ ސަބަބުންނެވެ. ނަމަވެސް، ހާލަތު އެންމެ ގޯސްވަނީ ފަރުމާ ބިންތައް ތައްޔާރުކުރުމަށް ދަނޑުވެރިން ގޮވާންދަނޑުތަކުގެ ބާކީ ތަކެތި އަންދާލުމުގެ ސަބަބުން، ހޫނު މޫސުމުގައި މިކަން އިތުރަށް ގޯސްވެގެންދެއެވެ.

ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން ދިއްލީގެ ވެރިރަށް ސަރަހައްދުގައި ސަރުކާރުގެ 'ގްރޭޑެޑް ރެސްޕޮންސް އެކްޝަން ޕްލޭން' ގެ ތިންވަނަ ފިޔަވަހި ވަނީ ތަންފީޒުކޮށްފައެވެ. މި ފިޔަވަހީގެ ދަށުން ދިއްލީގައި ހިނގާ ބޭނުން ނުޖެހޭ ހުރިހާ ބިނާކުރުމުގެ މަސައްކަތްތަކާއި ޑީޒަލް އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނީ މި ފިޔަވަޅުތައް އަދިވެސް ނުފުދޭ ކަމަށާއި، އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

 "މި ނުރައްކާތެރި ތަޣައްޔަރުވުމުގެ ޒިންމާ ނަގަންޖެހޭ ނިޒާމުގެ ނާކާމިޔާބީއެއްގެ ސަބަބުން މިކަމާ ދެކޮޅަށް އަޅުގަނޑުމެން އެއްވުން މުހިންމު. މި ނުރައްކާތެރި ތަޣައްޔަރުވުން އުފެދެނީ އިންޑަސްޓްރީތަކާއި ދަތުރުފަތުރުގެ ނިޒާމަށް އެއްވެސް ބާރުބެލުމެއް ނެތުމުގެ ސަބަބުންކަން އަޅުގަނޑުމެން ދަނެގަންނަންޖެހޭ،" އާނަންދު އިތުރަށް ވިދާޅުވިއެވެ.

 އެނާ ވިދާޅުވީ އަހަރެއްގެ ތެރޭގައި 17،000 އަށްވުރެ ގިނަ މީހުން މަރުވުމުގެ ސަބަބަކީ ވައިގެ ފެންވަރު ދަށްވުން ކަމަށެވެ.

ދިއްލީގެ ޖަވާހަރްލާލް ނެހްރޫ ޔުނިވަރސިޓީގެ ޕީއެޗްޑީ ދަރިވަރެއް ކަމަށްވާ ނެހާ ބުނެފައިވަނީ "މިކަމުގެ ސަބަބުން ބަލިމީހުންނާއި، ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިންނާއި، ދޮށީ މީހުންނަށް އެއްވެސް ނުރައްކަލެއް ނެތި ގޭން ބޭރަށް ނިކުތުމަކީ ނުކުރެވޭނެ ކަމެއް. އަޅުގަނޑަށްވެސް މިކަމުގެ އަސަރުކުރޭ. އަޅުގަނޑުމެންގެ ތެރެއިން ސިއްހަތު ރަނގަޅުކަމަށް ބެލެވޭ ހުރިހާ ޒުވާނުންނަށްވެސް މިކަމުގެ އަސަރުކުރޭ،" މިހެނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން