ކުޅިވަރު

22 އަހަރަށްފަހު ބަނގުލަދޭޝްއިން ސަރަޙައްދީ ގަދަބާރު އިންޑިއާ ބަލިކޮށްފި

22 އަހަރަށްފަހު ބަނގުލަދޭޝްއިން ސަރަޙައްދީ ގަދަބާރު އިންޑިއާ ބަލިކޮށްފި

އޭއެފްސީ އޭޝިއަން ކަޕް 2027 ކޮލިފައިންގައި އިންޑިއާ އާއި ބަނގުލަދޭޝް ބައްދަލުކުރި މެޗު / ފޮޓޯ: އޯލް އިންޑިއާ ފުޓުބޯޅަ ފެޑެރޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 ނޮވެމްބަރު 2025، 06:58

19 ނޮވެމްބަރު 2025، 06:58

22 އަހަރަށްފަހު ބަނގުލަދޭޝްއިން ދެކުނު އޭޝިއާ ސަރަޙައްދުގެ ފުޓުބޯޅައިގެ ގަދަބާރު، އިންޑިއާ ބަލިކޮށްފިއެވެ.

ބަނގުލަދޭޝްގެ ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެރޭ ކުޅުނު، އޭއެފްސީ އޭޝިއަން ކަޕް 2027 ކޮލިފައިން މެޗުގައި އިންޑިއާގެ މައްޗަށް ބަނގުލަދޭޝް ކުރި ހޯދީ 1-0އިންނެވެ. 

މި މެޗު ކާމިޔާބުކުރި ނަމަވެސް، ކޮލިފިކޭޝަން ބުރުން ސަލާމަތްވުމުގެ އެއްވެސް ފުރުސަތެއް ދެ ޓީމުގެ ތެރެއިން އެއްވެސް ޓީމަކަށް ނެތެވެ. އެހެންނަމަވެސް ބަނގުލަދޭޝްއަށް މިއީ އެއަށްވުރެ ބޮޑު އުފަލެކެވެ. އިންޑިއާ ބަލިކުރެވުމަކީ ކޮލިފައިވުމަށް ވުރެ ބޮޑު ހިންހަމަޖެހުމެއްކަން އެ ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުންނާއި އަދި ދަނޑަށް ކުޅިބަލަން ވަދެތިބި މީހުންގެ ޝުޢޫރުތައް ބުނެދިނެވެ.

ބަނގުލަދޭޝްއިން މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެއީ އެ ޓީމު އުފެއްދި ކައުންޓަރ އެޓޭކެއްގައި، މެޗުގެ 12ވަނަ މިނެޓުގައި ޝެއިޚް މޮރްސަލިންއެވެ.

މެޗުގެ ނަތީޖާ ބަދަލުކުރުމަށް އިންޑިއާއިން ވަނީ ދެވަނަ ހާފުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެ ޓީމުން ބަނގުލަދޭޝްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތައް ދިފާއުކުރުމަށް ގޯލްކިޕަރާއި ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއްދައްކާފައެވެ.

މިއީ ކޮލިފިކޭޝަން ބުރުގައި ކުޅުނު 5 މެޗުން ބަނގުލަދޭޝްއަށް ލިބުނު ފުރަތަމަ މޮޅެވެ. މި ދެ ޓީމު އިންޑިއާގައި ކުޅުނު މެޗު ނިމުނީ 0-0އިން އެއްވަރުވެގެނެވެ. މި ބުރުގައި އިންޑިއާއަށް އަދި އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

މި ގްރޫޕްގެ އެއްވަނައިގައި މިހާރު އޮތީ، އަންގާރަ ދުވަހު 2-1އިން ހޮންގް ކޮންގް ބަލިކުރި ސިންގަޕޫރެވެ. އެގޮތުން ސިންގަޕޫރަށް 11 ޕޮއިންޓު ލިބިފައިވާއިރު، ހޮންގް ކޮންގްއަށް ލިބިފައި ވަނީ 8 ޕޮއިންޓެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން