ކުޅިވަރު

ނަތީޖާއާ މެދު ހިތްހަމަ ނުޖެހުނަސް ކުޅުންތެރިންނަށް ކުރިއެރުން ލިބިއްޖެކަމަށް މޯހަން ބުނެފި

ނަތީޖާއާ މެދު ހިތްހަމަ ނުޖެހުނަސް ކުޅުންތެރިންނަށް ކުރިއެރުން ލިބިއްޖެކަމަށް މޯހަން ބުނެފި

ފިލިޕީންސް އާއި ރާއްޖެ ބައްދަލުކުރި މެޗު / ފޮޓޯ: އެމްއޭއެމް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 ނޮވެމްބަރު 2025، 10:34

19 ނޮވެމްބަރު 2025، 10:34

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗުން ނެރުނު ނަތީޖާއާ މެދު ހިތްހަމަ ނުޖެހުނަސް، ކުޅުންތެރިންނަށް ކުރިއެރުން ލިބިފައިވާކަމަށް ޤަބޫލުކުރާކަމަށް، ދިވެހި ފުޓުބޯޅަ ޓީމުގެ ކޯޗު، މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުނު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ، ބަލިވުމަކީ ހިތްހަމަޖެހޭނެ ކަމެއް ނޫންކަމަށާއި ނަމަވެސް އޮކްޓޫބަރު މަހު ކުޅުނު ދެ މެޗަށް ވުރެ ޓީމު ރަނގަޅު ކަމަށެވެ.

އެގޮތުން ކުރީ ދެމެޗުގައި ފުރަތަމަ  5 މިނެޓުގެ ތެރޭގައި ބައިކޮޅަށް ގޯލެއް ވަދެފައިވީނަމަވެސް، މި މެޗުގައި ފުރަތަމަ 20 މިނެޓު ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓާލިކަން ކޯޗު ފާހަގަކުރިއެވެ.

މޯހަން އިތުރަށް ބުނީ، ރަނގަޅަށް ކުޅެގެން ގޯލު ޖަހާނެ ފުރުސަތުތަކެއް ވެސް ދިވެހި ޓީމަށް އުފެއްދުނު ކަމަށާއި، ނަމަވެސް ގޯލު ނުޖެހުމުގެ މައްސަލައަކީ އެކުވެރިކަމުގެ ގިނަ މެޗުތައް ކައިރިކައިރީގައި ކުޅުމުގެ ފުރުސަތު ނުލިބޭތީ ދިމާވާ ކަމެއް ކަމަށެވެ. 

ޓީމަށް މިހާރު އައިސްފައި އޮތް އެންމެ ބޮޑު ކުރިއެރުމަކީ ފިޓްނަސް ރަނގަޅުވުމެވެ. އެގޮތުން  ލީގު ފެށުމާއެކީ ކުޅުންތެރިން ވާދަވެރި މެޗުތަކެއް ކުޅުމަށް ފުރުސަތު ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ކޯޗު ފާހަގަކުރިއެވެ. 

މި އަހަރުގެ އޯގަސްޓު މަހު މޯހަން ޤައުމީ ޓީމާ ހަވާލުވިފަހުން ރާއްޖޭގެ ޓީމުން މިހާރު މިވަނީ 3 މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން ދެ މެޗު ތަޖިކިސްތާނާ ދެކޮޅަށް ކުޅުނުއިރު، ދެން ކުޅުނީ އަންގާރަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗެވެ. ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުތަކުން ރާއްޖެ ބަލިވީ 2-0 އަދި 3-0އިންނެވެ. މީގެ ތެރެއިން ތަޖިކިސްތާނުގައި ކުޅުނު މެޗުގައި އެ ޓީމަށް ރާއްޖެކޮޅަށް ޖެހުނީ ދެ ގޯލެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން