ޚަބަރު
އަންނަ އަހަރު ދަރުމަވަންތަ ސްކޫލުގެ ހޯލް އެޅުމުގެ މަސައްކަތް ފެށޭނެ: ވަޒީރު ޝަފީޢު
ދަރުމަވަންތަ ސްކޫލް. ފޮޓޯ: މިހާރު
އަންނަ އަހަރު ދަރުމަވަންތަ ސްކޫލްގެ ހޯލް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު އިސްމާއިލް ޝަފީޢު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދަރުމަވަންތަ ސްކޫލްގެ ހޯލު އެޅުމަށް ދޫކޮށްފައިވަނީ ކުރިން މާލެ ޖަލު ހުރި ބިމެވެ. މިދިޔަ އަހަރު އޮގަސްޓު މަހު، ދަރުމަވަންތަ ސްކޫލު ބޭނުންކުރަން ފެށިއިރު ވެސް ސްކޫލުގައި ހޯލެއް ނެތުމަކީ އެސްކޫލްގެ ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ.
ތަޢުލީމީ ވުޒާރާއިން ކުރިން ވެސް ހަމަޖައްސާފައި އޮތީ އެ ސްކޫލާ ޖެހިގެން ހުރި ޖަލު ހުސްކުރުމަށްފަހު އެ ތަނުގައި ހޯލު އަޅާށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވެ އެ ޖަލު ބަންދުކުރި ނަމަވެސް އެތަނުގައި އެއްވެސް މަސައްކަތެއް ނުކޮށް އޮތުމުން ތަޢުލީމީ ވަޒީރު މަޖިލީހަށް ހާޒިރުކޮށް ވަނީސުވާލުކުރެވިފައެވެ.
އެކަމާގުޅިގެން ތަޢުލީމީ ވަޒީރާއި ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އެ ސްކޫލުގައި ހޯލެއް އޮންނަން ޖެހޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
ތަޢުލީމީ ވަޒީރު ޝަފީޢު ވިދާޅުވީ ޖަލު ހުރި ސަރަހައްދުގައި ކުރީ ސަރުކާރުން ހޯލު އަޅަން ނިންމި ނަމަވެސް އެކަމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށެވެ.
ނޮވެމްބަރު 1، 2023 ގައި ވެސް އެޑިއުކޭޝަނުން އަނެއްކާ ވެސް ހޯމް މިނިސްޓަރަށް ސިޓީއެއް ފޮނުވާފައިވޭ. ޖަލު ހުރި ތަނުގައި ކޮންމެހެން ވެސް ހޯލެއް އަޅަން ބޭނުމޭ، އެޅި ސްކޫލުގައި ކިޔަވައިދޭން ފައްޓައިފިއޭ ދަރިވަރުންނަށް އުނދަގޫ ވާނޭ
ތަޢުލީމީ ވަޒީރު އިސްމާއިލް ޝަފީޢު ވިދާޅުވެފައިވެއެވެ.
ދާޚިލީ ވުޒާރާއަށް އެންމެ ފަހުން ފޮނުވި ސިޓީއަށް ޖަވާބު ދީފައި ވަނީ، ވެރިކަން ނިމުމުގެ ދެ ދުވަސް ކުރިން، މިދިޔަ އަހަރު ނޮވެމްބަރު 15 ގައިކަން ވަޒީރު ޝަފީޢު ފާހަގަކުރެއްވެވިއެވެ. އަދި އޭގައި ވަނީ ޖަލުގައި ތިބި ގައިދީން އެހެން ތަނަކަށް ބަދަލުކުރުމުގައި ހައްލެއް ލިބިފައި ނުވާ ކަމަށް ބުނެފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
2024 ވަނަ އަހަރުގެ ބަޖެޓަށް ހުށަހެޅި އިރު ވެސް އެ ހޯލު ހެދުމަށް ބަޖެޓެއް ދީފައެއް ނެތް. އެހެންވެ އެ މަސައްކަތް 2024 ވަނަ އަހަރު ވެސް ފެއްޓިފައެއް ނުވޭ
ވަޒީރު އިސްމާޢިލް ޝަފީޢު ވިދާޅުވި އެވެ.
ޖުމްލަ 1700 އެއްހާ ދަރިވަރުން އެ ސްކޫލުގައި ކިޔަވަމުންދާއިރު، އެސްކޫލްގައި ހޯލެއް ނެތުމުން ވަގުތީގޮތުން މިހާރު އެކަމަށް ބޭނުން ކުރަނީ ދެ ބްލޮކް ދޭތެރޭ އޮތް ކޮމްޕައުންޑުގައި ޓާފް އަޅައިގެންނާއި ސްކޫލު ތެރޭގައި ހުރި އެހެން ހުސް ޖާގަތަކެވެ.