Ads by Stelco

ޚަބަރު

ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް 407 ޑްރައިވަރުން ހޯދަނީ

ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް 407 ޑްރައިވަރުން ހޯދަނީ

ސަރުކާރުން ތަޢާރަފުކުރާ ޓެކްސީ ޚިދުމަތް.

farudhun logo

ފަރުދުން

19 ނޮވެމްބަރު 2025، 02:46

19 ނޮވެމްބަރު 2025، 02:46

ޢާންމު ދަތުރުފަތުރުގައި ކުރިމަތިވަމުންދާ ދަތިތައް ޙައްލުކުރުމަށްޓަކައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ޑްރައިވަރުން ހޯދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީީ.)އިން އިޢުލާންކޮށްފިއެވެ.

އެމް.ޓީ.ސީ.ސީީ.އާ ޙަވާލުކޮށްގެން ސަރުކާރުން ފެށުމަށް ތައްޔާރުވަމުން އަންނަ ޓެކްސީ ލައިނުގެ ޚިދުމަތް ފޯރުކޮށްދޭނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދޭ ގޮތަށެވެ. 24 ގަޑިއިރު އެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވެއެވެ.

ސަރުކާރުގެ ޓެކްސީ ލައިނުގެ ޚިދުމަތް މި އަހަރުގެ ޖުލައި މަހުތެރޭ ފަށާނެ ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ކުރީން ވިދާޅުވި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ ޚިދުމަތް ފެށުން ވަނީ ލަސްވެފައެވެ. ނަމަވެސް އެ ޓެކްސީ ސަރވިސްގައި މަސައްކަތްކުރާނެ ޑްރައިވަރުން ހޯދުމަށް މިހާރު ވަނީ އިޢުލާންކޮށްފައެވެ.

އެމް.ޓީ.ސީ.ސީ.އިން ކުރި އިޢުލާނެއްގައިވާ ގޮތުން، އެ ޚިދުމަތް ފެށުމަށް 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށް ކަމަށް އެމް.ޓީ.ސީ.ސީ.އިން ބުނެއެވެ.

މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ ޑިސެންބަރު މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

އެމް.ޓީ.ސީ.ސީ.އިން ބުނީ، މާލޭ ޓެކްސީ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޮވުމުގައި، މި ވަޤުތު ދަތުރުފަތުރާ ބެހޭ ވުޒާރާގައި އެކުލަވާލެވިފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ނަން ޖައްސާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ޓެކްސީ ޚިދުމަތެއް ތަޢާރަފުކުރުމަށް ނިންމީ، މިހާރު ޓެކްސީގެ ޚިދުމަތަށް 1،500އެއްހައި ކާރު ރަޖިސްޓްރީކޮށްފައި އޮންނައިރު ވެސް، ޢާންމުންގެ ބޭނުންތަކާ ނުބައްދަލު ކަމަށް ޝަކުވާ އަންނާތީއެވެ.

ވަޒީރު އަމީން ކުރީން ވިދާޅުވީ، އެންމެ ފުރަތަމަ ޚިދުމަތަށް ނެރޭނީ 100 އުޅަނދު ކަމަށާއި، އެ ކަމުގެ ސަބަބުން ޢާންމުންގެ ކަންބޮޑުވުމަށް ލުޔެއް ލިބޭނެ ކަމަށެވެ. އަދި އެ ޓެކްސީތަކުގެ ތެރޭގައި ހަނި ގޯޅިތަކަށް ވަދެވޭ ޓެކްސީ ހިމެނޭނެ ކަމަށް ވެސް ވަޒީރު އޭރު ވިދާޅުވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާ އުޅަނދުތައް ޕާކުކުރުމަށް ހުޅުމާލެއިން ތިން ބިމެއް ވެސް ވަނީ ހަމަޖައްސާފައެވެ.

އެމް.ޓީ.ސީ.ސީ.އިން ޓެކްސީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އިލެކްޓްރިކް ވެހިކަލް (އީ.ވީ.) ބޭނުންކޮށްގެންނެވެ. މި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ ޚާއްޞަ އެޕްލިކޭޝަނެއް ފަރުމާކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބަރ އާއި ގްރޭބް ފަދަ އެޕްތަކާ އެއްގޮތަށެވެ.

ސަރުކާރުގެ ޓެކްސީ ލައިން ޚިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ކުރީން ހާމަކުރެވިފައިވާ ގޮތުގައި، ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޚިދުމަތް ދޭން ފަށާނެއެވެ. އެއަށް ފަހު ދެވަނަ ފިޔަވަހީގެ ދަށުން 2026ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެއާއި ތިލަފުއްޓަށް ޚިދުމަތް ފުޅާކުރާނެއެވެ. އަދި ތިންވަނަ ފިޔަވަހީގައި އެ ޚިދުމަތް ރަސްމާލެއާއި ގިރާވަރާއި އައްޑޫ އަދި ފުވައްމުލަކުގައި ވެސް ފަށާނެއެވެ.

އަދި ހދ. ކުޅުދުއްފުއްޓަށް ވެސް، 2028ވަނަ އަހަރާއި 2029ވަނަ އަހަރު އެ ޚިދުމަތް ތަޢާރަފްކުރަން ވަނީ ރާވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން