ދުނިޔެ

ބިންހެލުމުގެ ގެއްލުންތައް ފޫބައްދަން އަފްޣާނިސްތާނަށް 129 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ. އިން ބުނެފި

ބިންހެލުމުގެ ގެއްލުންތައް ފޫބައްދަން އަފްޣާނިސްތާނަށް 129 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ. އިން ބުނެފި

އަފްޣާނިސްތާނަށް އައި ބިންހެލުމުގައި ހަލާކުވެފައިވާ ތަނެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ނޮވެމްބަރު 2025، 04:06

19 ނޮވެމްބަރު 2025، 04:06

އަފްޣާނިސްތާނުގެ އިރުމައްޗަށް އައި ބިންހެލުމުގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދުތަކުގައި ހުރި ގެތަކާއި، ސްކޫލްތަކާއި، މުހިންމު ހިދުމަތްތައް އަލުން ބިނާކުރުމަށް 128.8 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ހެދި އެސެސްމަންޓަކުން ހާމަވެއްޖެއެވެ.

 ނަމަވެސް، އެހީދޭ ފަރާތްތަކުގެ އެހީތެރިކަން ދަށަށް ގޮސްފައިވާތީ، އަލުން ބިނާކުރުމުގެ މަސައްކަތަށް “ބޮޑެތި ދަތިތަކެއް” ކުރިމަތިވެދާނެ ކަމުގެ އިންޒާރު އދ. އިން ވަނީ ދީފައެވެ.

ވޯލްޑް ބޭންކާއި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ހެދި ޖޮއިންޓް ރެޕިޑް ރިކަވަރީ ނީޑްސް އެސެސްމަންޓް (ޖޭއާރުއާރުއެންއޭ) ގައި ވަނީ އިރުމަތީގެ ކުނާރު، ނަންގަރްހާރު އަދި ލަގްމަން ޕްރޮވިންސްތަކުގައި ގެތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ފެނުގެ ނިޒާމުތަކާއި، ދަނޑުވެރިކަމުގެ ބިންތައް އަލުން ބިނާކުރުމަށް ތިން އަހަރުގެ ޕްލޭނެއް ހުށަހަޅާފައެވެ.

އެހީގެ އެސެސްމަންޓް ނެރެފައި މިވަނީ އަފްޣާނިސްތާނަށް ލިބޭ އެހީގެ މިންވަރު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އދ. އިން ލަފާކުރާ ގޮތުގައި މި އަހަރު އެކަނިވެސް 3.2 ބިލިއަން ޑޮލަރުގެ އެހީ ބޭނުންވެއެވެ. 2026 ވަނަ އަހަރު ވެސް މި މިންވަރަށް އެހީ ބޭނުންވާނެ ކަމަށް ލަފާކުރެވޭއިރު، މިހާތަނަށް ފަންޑުކުރެވިފައި ވަނީ ބޭނުންވާ މިންވަރުގެ ދެބައިކުޅަ އެއްބައި ވެސް ނޫނެވެ. “ބިންހެލުން އެރި ކޮމިއުނިޓީތަކަކީ މިހާރުވެސް ހަނަފަސްކަމާއި، ބޮޑު އަދަދެއްގެ ރެފިއުޖީން އެނބުރި އައުމާއި، އިގްތިސާދީ ދަތިކަމާ ކުރިމަތިލާފައިވާ ބަޔެއް. އިތުރު ޝޮކަކާ ކުރިމަތިލާނެ ގާބިލިއްޔަތެއް އެމީހުންގެ ނެތް.” އދ. ގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ސްޓީފަން ރޮޑްރިގޭޒް ރޮއިޓާސް އަށް ވިދާޅުވެފައިވެއެވެ. 

ޖޭއާރުއާރުއެންއޭ ރިޕޯޓުގައިވާ ގޮތުން، ބިންހެލުމުގެ ސަބަބުން 10 ޑިސްޓްރިކްޓަކަށް 86.6 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ. 56،000 އާއިލާއަކަށް އަސަރުކޮށް، 6،200 އަށް ވުރެ ގިނަ ގެ ހަލާކުވެ، 2،000 ގެއަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އަދި 22 ސިއްހީ މަރުކަޒާއި 80 ސްކޫލަށް ގެއްލުން ލިބިފައިވެއެވެ. ނަމަވެސް، ފުރިހަމައަށް އަލުން ބިނާކުރުމަށް 128.8 މިލިއަން ޑޮލަރު ބޭނުންވެއެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ ހައުސިންގ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެތައް ހާސް ގެއެއް އަލުން ބިނާކުރުމަށް 54.9 މިލިއަން ޑޮލަރު ހޭދަވާނެއެވެ. ތައުލީމަށް 14.9 މިލިއަން ޑޮލަރު ބޭނުންވާ އިރު، ފެނާއި، ދަނޑުވެރިކަމުގެ ނިޒާމުތަކާއި، ރަށު މަގުތައް އަލުން ބިނާކުރުމަށް އިތުރު ފަންޑު ބޭނުންވެއެވެ. އދ. ގެ އެޖެންސީތަކުން ވަނީ އެތައް ހާސް އާއިލާއަކަށް ކުއްލި ހާލަތުގެ ފޭލިގަނޑާއި ފައިސާގެ އެހީ ދީފައެވެ. ނަމަވެސް، ރޮޑްރިގޭޒް ވިދާޅުވީ، މި އެހީތެރިކަމަކީ ކުއްލި ހާލަތުން އަރައިގަތުމަށް އެކަނި ދިން އެހީތެރިކަމެއް ކަމަށާއި، ދިގު މުއްދަތުގެ އިންވެސްޓްމަންޓް ނުލިބިއްޖެނަމަ އާއިލާތައް ދިރިއުޅުމުގެ ދަތި ހާލަތުން ނުނިކުމެވޭނެ ކަމަށެވެ.

ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި ބޮުޑެތި އެހީދޭ ފަރާތަކުން މި އަހަރު 80-90 މިލިއަން ޑޮލަރު ކުޑަކޮށްފައިވާތީ، 2025 ވަނަ އަހަރުގެ ފުރަތަމަ ބައިގައި 400 އަށް ވުރެ ގިނަ ޞިއްޙީ މަރުކަޒު ބަންދުކުރަން ޖެހިދާނެއެވެ. މީގެ އިތުރުން، ބޭނުންތައް އިތުރުވަމުންދާއިރު، އަސާސީ ޚިދުމަތްތައް ވެސް ވަނީ ކުޑަކުރެވިފައެވެ. އޭނާ އެ އެހީދޭ ފަރާތުގެ ނަން ހާމައެއް ނުކުރައްވައެވެ.

އަފްޣާނިސްތާނަށް މިހާރު ކުރިމަތިވެފައިވާ ބޮޑު އަނެއް ގޮންޖެހުމަކީ ދުނިޔޭގެ އެންމެ ބޮޑު އަދަދަށް ރެފިއުޖީން ޤައުމަށް އެނބުރި އައުމެވެ. ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރުން ފެށިގެގެން 4.3 މިލިއަނާއި 4.5 މިލިއަނާ ދެމެދުގެ އަފްޣާނިސްތާނުގެ ރައްޔިތުން އެނބުރި އައިސްފައިވެއެވެ. އދ. ގެ ރެފިއުޖީ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރުގެ ސިޔާސަތުތައް ދެމިގެންފިނަމަ އިތުރު 2.5 މިލިއަން މީހުން އިރާނުންނާއި 1.7 މިލިއަން މީހުން ޕާކިސްތާނުން ވެސް އެނބުރި އައުމުގެ ފުރުސަތު އެބައޮތެވެ.

“ޤައުމުގެ ޤަބިލިއްޔަތު މިހާރުވެސް ވަނީ ކުޑަވެފައި. އެނބުރި އައި މީހުންގެ 88 އިންސައްތަ މީހުން ދަރާފައި ތިބޭއިރު، މުސާރަ ލިބޭ ވަޒީފާގައި ތިބީ އެންމެ 4 އިންސައްތަ މީހުން،” ރޮޑްރިގޭޒް ވިދާޅުވިއެވެ. 

ކޮންމެ އަހަރަކު 400،000 ޒުވާނުން ވަޒީފާގެ ބާޒާރަށް ވަންނަ ކަމަށް ފާހަގަކުރައްވަމުން، އޭނާ އިންޒާރު ދެއްވީ އަލުން ބިނާކުރުމުގެ މަސައްކަތް ލަސްވުމަކީ އިޖުތިމާއީ ހަމަނުޖެހުންތަކާއި ޤައުމުން ބޭރަށް ހިޖުރަކުރުން އިތުރުވުމުގެ ނުރައްކާ އެކުލެވޭ ކަމެއް ކަމަށެވެ.

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން