Ads by Stelco

ޚަބަރު

ގޮނޑި ގެއްލުމުގެ ކުރިން ދާއިރާގެ ވޯޓެއް ނަގާ ގޮތަށް ހުށަހެޅި އިޞްލާޙު ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފި

ގޮނޑި ގެއްލުމުގެ ކުރިން ދާއިރާގެ ވޯޓެއް ނަގާ ގޮތަށް ހުށަހެޅި އިޞްލާޙު ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފި

ގޮނޑި ގެއްލުމުގެ ކުރިން ދާއިރާގެ ވޯޓެއް ނަގާ ގޮތަށް ހުށަހެޅި އިޞްލާޙު ބަލައިގަނެ، ކޮމިޓީއަށް ފޮނުވުން. ތަޞްވީރު: މަޖިލިސް އިދާރާ

farudhun logo

ފަރުދުން

19 ނޮވެމްބަރު 2025، 04:06

19 ނޮވެމްބަރު 2025، 04:06

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އިންތިޚާބުވާ ޕާޓީ ނޫން ޕާޓީއަކަށް މެންބަރު ބަދަލުވެއްޖެ ނަމަ، ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ، އެ މެންބަރުގެ ގޮނޑި ގެއްލުމުގެ ކުރީން ދާއިރާގެ ރައްޔިތުންގެ މެދުގައި ޢާންމު ވޯޓެއް ނުވަތަ ރޯލް ކޯލް ވޯޓެއް ނަގަން ޖެގޭ ގޮތަށް ހެދުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިޞްލާޙު މަޖިލިހުން ބަލައިގަނެ، އެ ބިލު ދިރާސާކުރުމަށް ކޮމިޓީއަށް އަދު ފޮނުވައިފިއެވެ.

ޤާނޫނުގައި މިހާރު އޮތް ގޮތުން، މެންބަރަކު ނިސްބަތްވާ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން އެ މެންބަރަކު ވަކިކޮށްފި ނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. އެ ކަމުގައި ދާއިރާގެ ރައްޔިތުންގެ ބަހެއް ހޯދާކަށެއް ނުޖެހެއެވެ. އެ ގޮތަށް ޤާނޫނުއަސާސީ ބަދަލުކުރީ، ޕީ.އެން.ސީ.ގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލިހުން މިދިޔަ އަހަރުގެ ނޮވެންބަރުގައެވެ. ނަމަވެސް ގޮނޑި ގެއްލުމުގެ ކުރީން ރައްޔިތުންގެ ޚިޔާލެއް ހޯދަން ޖެހޭ ގޮތަށް މި ފަހަރު ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް އިޞްލާޙު ހުށަހެޅުއްވީ، ޕީ.އެން.ސީ.ގެ ޕާލަމެންޓްރީ ގްރޫޕުގެ ވެރިޔާގެ ނާއިބު، އަދި ބާރަށު ދާއިރާގެ މެންބަރު، އިބްރާހީމް ޝުޖާޢު އެވެ.

ޝުޖާޢު ހުށަހެޅުއްވި އިޞްލާޙުގައި ބުނާ ގޮތުން:

  • ޕާޓީން އަމިއްލައަށް ވަކިވުމުންނާއި އެހެން ޕާޓީއަކަށް ސޮއިކުރުމުން އަދި ޕާޓީން ވަކިކުރާ ޙާލަތުގައި، އެ މެންބަރަކު އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައި ޢާންމު ވޯޓެއް ނަގަން ޖެހޭނެއެވެ.
  • މެންބަރުކަން ގެއްލޭނީ އެ ވޯޓުގައި އެ މެންބަރަކު ވަކިކުރަން އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެކަންޏެވެ.
  • އެ ވޯޓުން އޭނާ މެންބަރުކަމުން ވަކިކުރަން ނުފެންނަ ކަމަށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، އެ މީހަކު މަޖިލިހުގެ މެންބަރުކަމުގައި ދެމިހުންނާނީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ގޮތުގައެވެ.
  • އޭގެ ފަހުން، އެ މީހަކު ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވި ޢުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އޭނާގެ މެންބަރުކަން ގެއްލޭނެއެވެ.

މި ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި ބަޙުސްކުރުމަށް ފަހު، މިއަދުގެ ޖަލްސާގައި ވަނީ ބިލު ބަލައިގަތުމާ މެދު ވޯޓަށް އަހައިފައެވެ. މަޖިލިހުގެ ވަޤުތު އިތުރުކޮށްގެން ވޯޓަށް އަހައި އެ ބިލު ބަލައިގަންނަން ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގަތް 56 މެންބަރުންގެ އިއްތިފާޤުންނެވެ.

ނަމަވެސް މި ބިލާ ބެހޭ ގޮތުން މަޖިލިހުގައި ވާހަކަދައްކަވަމުން، މެޖޯރަޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ ޕީ.އެން.ސީ. މެންބަރު އިބްރާހިީމް ފަލާޙު ވަނީ ރޯލް ކޯލް ވޯޓަކަށް ދިއުމުގެ އެ އިޞްލާހާ ދެކޮޅު ކަމަށް ވިދާޅުވެފައެވެ.

ދާއިރާގެ ރައްޔިތުންގެ ބަހެއްނެތި މެންބަރުކަމުގެ ގޮނޑި އަތުލެވޭ ގޮތަށް ޤާނޫނުއަސާސީއަށް މީގެ ކުރީން ގެނައި ބަދަލު ބާޠިލުކުރަން ސުޕްރީމް ކޯޓަށް އޮތީ ހުށަހަޅާފައެވެ. ނަމަވެސް، އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތް ފަހުން، އެ ކޯޓުގެ ބެންޗު އެކުލެވިގެންވާ ގޮތަށް ބަދަލުގެނައުމާއި، އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންތަކެއް ސަސްޕެންޑުކުރުމާ ގުޅިގެން، އެ މައްސަލަ މިހާރު އޮތީ ހުއްޓިފައެވެ.

ޕާޓީން ވަކިކުރާ ޙާލަތުގައި ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާ ގޮތަށް ހެދުމަށް މީގެ ކުރީން އިދިކޮޅު އެމް.ޑީ.ޕީ.ގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަޙްމަދު ނަސީމް ވެސް ހުށަހެޅުއްވިއެވެ. ނަމަވެސް ޕީ.އެން.ސީ.ގެ ބޮޑު މެޖޯރަޓީއަކުން، 77 މެންބަރުން ވޯޓާ އެކު އެ ހުށަހެޅުން އޭރު ތަޅުމުން ބޭރުކޮށްލިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން