ޚަބަރު
އެއާ އެމްބިއުލެންސް ޚިދުމަތް ފެށި ފަހުން 1،556 ބަލި މީހުން އުފުލާފައިވޭ: ޞިއްޙީ ވުޒާރާ
އެއާ އެމްބިއުލެންސް
ފަރުދުން
19 ނޮވެމްބަރު 2025، 04:59
19 ނޮވެމްބަރު 2025، 04:59
އެއާ އެމްބިއުލެންސްގެ ޚިދުމަތް ފެށި ފަހުން އަދާ ހަމައަށް 1,372 ދަތުރުކޮށް، 1,556 ބަލި މީހުން އުފުލާފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އެއާ އެމްބިއުލެންސްގެ ޚިދުމަތް ތަޢާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗް މަހުގެ ފުރަތަމަ ދުވަހެވެ.
ޞިއްޙަތާ ބެހޭ ވުޒާރާއިން ޝާއިޢުކުރި ޙިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މާރިޗް 1އިން ފެށިގެން މި ނޮވެމްބަރު މަހުގެ 17ވަނަ ދުވަހަށް 1،372 ދަތުރުކޮށް، 1556 ބަލި މީހުން އުފުލާފައިވެއެވެ.
މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބަލި މީހުންނަށް ދިމާވާ އިމަރޖެންސީ ނުވަތަ ކުއްލި ޙާލަތުގައި އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ފޯރުކޮށްދިނުމަށް ސަރުކާރުން ތަޢާރަފުކޮށްފައިވާ ޚިދުމަތެކެވެ.
މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސެޒްގެ ދަށުން ދޭ މި ޚިދުމަތް ރާއްޖެެއިން ބޭރަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
އަވައްޓެރި ޤައުމުތަކުގެ އިތުރުން، ދުބައި އަދި ތައިލެންޑުން ދިވެހީންނަށް ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދެއްވާފައެވެ. އަދި ހަމަ އެހެންމެ، އެ ޤައުމުތަކަށް އެއާ އެމްބިއުލެންސްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެ ކަމުގެ އެއްބަސްވުމުގައި މޯލްޑިވިއަންއާ އެކު ވަނީ ސޮއިކޮށްފައެވެ.
ޞިއްޙީ ކުއްލި ޙާލަތްތަކުގައި ބަލި މީހުން އުފުލުމަށް ޚާއްޞަކޮށްފައިވާ އެއާ އެމްބިއުލެންސްގެ ޚިދުމަތް ދެމުން އަންނަނީ ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ މަތިންދާބޯޓުގައެވެ.