ދުނިޔެ
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އެކަކު ޝަހީދުވެ، ސްކޫލް ދަރިވަރުންނާއެކު 11 މީހަކު ޒަޚަމްވެއްޖެ
ހަމަލާދިން ސަރަހައްދުގައި ޕެރަމެޑިކްސް ހަރަކާތްތެރިވަނީ
ދެކުނު ލުބްނާނަށް އިޒްރާއިލުން ދިން ވައިގެ ހަމަލާއެއްގައި އެކަކު ޝަހީދުވެ ސްކޫލް ދަރިވަރުން ހިމެނޭހެން 11 މީހަކު ޒަޚަމްވެއްޖެއެވެ.
މި ހަމަލާ ދީފައި ވަނީ ޓިރީ އަވަށުގައެވެ. މި ހާދިސާ ހިނގާފައި ވަނީ އިޒްރޭލުގެ ޑްރޯން ހަމަލާއެއް ދެކުނު ލުބުނާނުގެ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއް ކަމަށްވާ އީން އަލް-ހިލްވޭއަށް ދިނުމުގެ ގަޑިއިރުތަކެއް ފަހުންނެވެ. އަންގާރަ ދުވަހުގެ ރޭ ދިން އެ ހަމަލާގައި 13 މީހުން ޝަހީދުވެ، އެތައް ބަޔަކަށް ޒަޚަމްވެފައިވެއެވެ. މި ހަމަލާއަކީ އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު އެއް އަހަރު ކުރިން ހަމަލާ ހުއްޓާލުމަށް އެއްބަސްވި ފަހުން ދިން އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.
ދައުލަތުގެ ނިއުސް އެޖެންސީ އިން ބުނި ގޮތުގައި، ބުދަ ދުވަހުގެ ހެނދުނު ހަމަލާ ދިން ކާރު ކައިރިން ސްކޫލް ދަރިވަރުން ގޮވައިގެން ދިޔަ ބަހެއް ދަތުރުކުރަމުން ދިޔައެވެ. މި ރިޕޯޓްގައި ބުނެފައި ވަނީ ބަސް ޑްރައިވަރާއި ގިނަ އަދަދެއްގެ ދަރިވަރުން ޒަޚަމްވެފައިވާ ކަމަށެވެ. ކާރުގައި ޝަހީދުވި މީހާއަކީ ކާކުކަން އަދި ވަގުތުން އެނގިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާއިން ބުދަ ދުވަހު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ސައިދާ ބަނދަރުގެ ބޭރުގައި އޮންނަ އީން އަލް-ހިލްވޭ ރެފިއުޖީ ކޭމްޕްގައި ބުދަ ދުވަހު ދިރިއުޅުން އާދައިގެ ގޮތަކަށް ހިނގަމުން ދިޔަ ނަމަވެސް، ނޫސްވެރިންނަށް އެތެރެއަށް ވަނުން ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މަނާކޮށްފައެވެ. ހަމަލާ ދިން ތަނުން ޕެރަމެޑިކްސްގެ މީހުން ލޭގެެ ކޯރެއްގެ ވަށައިގެން އިންސާނުންގެ ބައިތައް ހޯދަމުން ދިޔައެވެ. އެތަނުގައި ހުރި ގިނަ ކާރުތަކެއް ވަނީ އަނދާފައި އަދި ބިއްލޫރިތަކާއި ކުނިތައް ބިންމަތީގައި ވަނީ ވިއްސިވިހާލިވެފައެވެ.
އަންގާރަ ދުވަހުގެ ރޭ އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އިޒްރޭލާއި އެ ގައުމުގެ ސިފައިންނާ ދެކޮޅަށް ހަމަލާ ދިނުމަށް ތައްޔާރުވަމުން ދިޔަ ހަމާސްގެ ތަމްރީނު މަރުކަޒަކަށް ހަމަލާ ދިނީ ކަމަށެވެ. އަދި ހަމާސް ހަރަކާތްތެރިވާ ކޮންމެ ތަނަކާ ދެކޮޅަށް އިޒްރޭލުގެ ސިފައިން ހަރަކާތްތެރިވާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ނަމަވެސް ހަމާސްއިން ވަނީ މި ހަމަލާ ކުށްވެރިކޮށް، ހަމަލާ ދިން ސްޕޯޓްސް ކުޅޭ ތަނަކީ އެ ޖަމާއަތުގެ ތަމްރީނު މަރުކަޒެއް ނޫން ކަމަށް ބުނެފައެވެ.
ލުބުނާނުގެ 12 ރެފިއުޖީ ކޭމްޕްގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ޖަމާއަތްތަކުން މި އަހަރުގެ ކުރީކޮޅު ވަނީ އެމީހުންގެ ހަތިޔާރުތައް ލުބުނާނުގެ ދައުލަތަށް ހަވާލުކުރަން ފަށާފައެވެ. ސަރުކާރުން ބުނެފައި ވަނީ ހިޒްބުﷲ އަތުން ވެސް ހަތިޔާރު ނެގުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އިޒްރޭލުން ބޯޑަރުގެ ބައެއް ހިސާބުތައް ހިފާފައިވާހާ ހިނދަކު އަދި ކޮންމެ ދުވަހަކު ހަމަލާ ދެމުންދާހާ ހިނދަކު ހިޒްބުﷲ އިން އެކަން ގަބޫލެއް ނުކުރެއެވެ.
އެމެރިކާއިން ވަނީ ހިޒްބުﷲ އަތުން ހަތިޔާރު ނެގުމަށް އިތުރަށް މަސައްކަތް ކުރުމަށް ލުބުނާނަށް ފިއްތުންތައް ބޮޑުކޮށް، މި ހަފްތާގައި އެމެރިކާއަށް ކުރަން ހަމަޖެހިފައިވާ ލުބުނާނުގެ ސިފައިންގެ ކޮމާންޑަރު ޖެނެރަލް ރުޑޮލްފް ހައިކަލްގެ ދަތުރު ވަނީ ކެންސަލްކޮށްފައެވެ. ލުބުނާނުގެ ސިފައިންގެ އިސް އޮފިސަރަކު އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް މައުލޫމާތު ދެމުން ބުނީ، ލުބުނާނުގެ ސިފައިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ލުބުނާނުގެ ޙާލަތު ގޯސްކޮށް، ދެކުނު ލުބުނާނުގައި ސިފައިން ހަރަކާތްތެރިވުން ހުއްޓުވުމުގެ ކުށް އިޒްރޭލުގެ ބޮލުގައި އެޅުވުމުން އެމެރިކާގެ އޮފިޝަލުން ހިތްހަމަނުޖެހިފައިވާ ކަމަށެވެ. އާންމުކޮށް ވާހަކަ ދެއްކުމުގެ ހުއްދަ ލިބިފައިނުވާތީ، އެ އޮފިސަރު ވާހަކަ ދެއްކީ ނަން ނުޖެހުމުގެ ޝަރުތުގައެވެ.
އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު އެންމެ ފަހުން ފެށުނު ހަނގުރާމަ ފެށިފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު، ހަމާސްއިން ދެކުނު އިޒްރޭލަށް ހަމަލާ ދިނުމުގެ އެއް ދުވަސް ފަހުން، ހަމާސްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ހިޒްބުﷲ އިން އިޒްރޭލަށް ރޮކެޓް ހަމަލާ ދިނުމުންނެވެ. އިޒްރޭލުން ދެ މަސް ދުވަހުގެ ތެރޭގައި ލުބުނާނަށް ބޮޑެތި ހަމަލާތަކެއް ދީ، ހިޒްބުﷲ ވަރަށް ބޮޑަށް ބަލިކޮށް، އޭގެ ފަހުން ބިމުގެ ތެރެއިން ވެސް ހަނގުރާމަ ފަށާފައިވެއެވެ. މި ހަނގުރާމައިގައި، ލުބުނާނުގައި 4000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ސިވިލް ސިފައިންގެ ސަތޭކަ އަށް ވުރެ ގިނަ މީހުން ހިމެނެއެވެ. އަދި ވޯލްޑް ބޭންކުން ބުނާ ގޮތުގައި 11 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.
އިޒްރޭލުގައި 127 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 80 ސިފައިން ހިމެނެއެވެ.