Ads by Stelco

ޚަބަރު

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް އިހުމާލުވާނަމަ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރަނީ

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް އިހުމާލުވާނަމަ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރަނީ

ކޮއްޓަކަށް ލާފައިހުރި ބުޅާތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ނޮވެމްބަރު 2025، 06:50

19 ނޮވެމްބަރު 2025، 06:50

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް އިހުމާލުވުމާއި، އަނިޔާކުރުމާއި، އާންމު ތަންތަނަށް ދޫކޮށްލުމަކީ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމެއްކަމަށް ކަނޑައަޅައި، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

 މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާޤުންނެވެ.

ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން މަޖިލީހަށް ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާ ކުރުމާއި، ވިޔަފާރި ކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ.

 މީގެ ތެރޭގައި ރާއްޖެއަށް ގެނެވޭ އަދި ގެންގުޅޭ ޖަނަވާރުގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމާއި، ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ބޭސްފަރުވާ ކުރުމުގެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

މި ބިލުގެ ދަށުން ޖަނަވާރު އެތެރެކުރުމަށާއި، ޖަނަވާރު ގެންގުޅުމަށާއި، ޖަނަވާރަށް ބޭނުންވާ ކާނާއާއި ބޭސް އެތެރެކޮށް ވިޔަފާރި ކުރުމަށް ރަޖިސްޓްރީވުން ލާޒިމުވާނެއެވެ. އަދި ޖަނަވާރުގެ ރައްކާތެރިކަމާއި ގުޅޭ ސިޔާސަތުތައް ކަނޑައަޅައި ޤާނޫނު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރާ ހަވާލުކުރެވިފައެވެ.

 މީގެ އިތުރުން، ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތަކާއި އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ޤާއިމުކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ޖަނަވާރަށް އަނިޔާކުރުމާއި އިހުމާލުވުމުގެ އަދަބުތައް

ބިލުގައި ޖަނަވާރުތަކާއި މެދު އިޙުމާލުވާ ފަރާތްތަކާއި މެދު އަޅާނެ ފިޔަވަޅުތައް ވަނީ ސާފުކޮށް ބަޔާންކުރައްވާފައެވެ. އެގޮތުން، ޖަނަވާރަށް އަނިޔާއެއް ދީފިނަމަ ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ، 5،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މި ކަމަކީ، ޚާއްސަކޮށް ބުޅާތައް އާންމު ތަންތަނަށް ދޫކޮށްލާ ކަމުގެ ޝަކުވާ ގިނަވެފައިވާ ދަނޑިވަޅެއްގައި އެކަމަށް ހައްލެއް ހޯދައިދޭނެ ކަމެކެވެ.

އަދި ބޮޑެތި ޢަމަލުތައް މާ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ. ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭ ފަދަ ޢަމަލެއް ކޮށްފިނަމަ 10،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ޤަވާއިދާ ޚިލާފަށް ޖަނަވާރު އެތެރެކޮށް ބޭރުކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން ޤާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކުރުމާއި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފުވުމުގެ ޢަމަލުތަކަށް 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ޖަނަވާރުގެ ރައްކާތެރިކަމަށްޓަކައި މި ފާސްކުރެވުނު ޤާނޫނަކީ، ރާއްޖޭގައި ޖަނަވާރު ގެންގުޅޭ އުސޫލުތަކަށް ބޮޑު ބަދަލެއް ގެނެސް، ޖަނަވާރުތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން