Ads by Stelco

ޚަބަރު

އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓް މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓް މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާގައި ބަޖެޓް ބަހުސް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ނޮވެމްބަރު 2025، 07:15

19 ނޮވެމްބަރު 2025، 07:15

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓަށް ބޮޑު އުނިއިތުރެއް ނުގެނެސް، މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ، 64,202,565,720 ރުފިޔާއެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި 49.2 ބިލިޔަން ރުފިޔާ ހިނގާނެކަމަށް ލަފާކުރެވޭއިރު، މީގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާ ހިމެނެއެވެ. އަންނަ އަހަރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.4 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ.

ބަޖެޓުގެ ބޮޑު އަދަދެއް، އެއީ 9.3 ބިލިޔަން ރުފިޔާ، ވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ހިމަނާފައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި މި ޚަރަދުތައް ކެނޑުމަށްފަހު އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާއެވެ.

ބަޖެޓް ދިރާސާކުރުމުގެ މަރުހަލާގައި އެކި އިދާރާތަކާއި މާލީ ވުޒާރާއާ ވަނީ މަޝްވަރާތައް ކުރެވިފައެވެ. މި މަޝްވަރާތަކަށްފަހު މުޅި ޖުމްލަ ބަޖެޓަށް އުނިއިތުރުވުމެއް ނާންނަ ގޮތަށް އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. މި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ އިދާރާގެ ބަޖެޓަށް 3.5 މިލިޔަން ރުފިޔާ ޚާއްސަ ބަޖެޓުގެ ތެރެއިން އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ. އަދި ދައުލަތުގެ އޮފީސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައި ކުއްޔަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިތުރު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް އަވަސްކުރުމަށް އެންގުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީ މަރުހަލާގައި މިނިވަން މުއައްސަސާތަކުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް، އެ މުއައްސަސާއެއްގެ ޤާނޫނީ ޒިންމާ އަދާކުރަން ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ މުޅި ބަޖެޓުގެ ތެރެއިން ޖާގަ ހޯދައިގެން ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ވަނީ މަޖިލީހަށް ދެއްވާފައެވެ.

ކޮމިޓީން ފާސްކުރި މި ބަޖެޓް ރިޕޯޓް، މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މެންބަރުންގެ މެދުގައި ބަހުސްކުރުމަށްފަހު، ވޯޓަށް އަހާނެއެވެ. ބަޖެޓު ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ލިބޭނީ 7 މިނެޓު ކަމަށް ވަނީ ކަނޑައަޅާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން