ޚަބަރު
މޫސުމަށް އަންނަ ބަދަލުތަކުގެ ސަަބަބުން މަސައްކަތަށް ކުރާ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ވަޒީރު ޑރ ހައިދަރު މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ
މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވުޒާރާ އާއި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) ގުޅިގެން، ހޫނު ގަދަވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަަބަބުން މަސައްކަތަށް ކުރާ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ، އައިއެލްއޯއިން އެކުލަވާލާފައިވާ ދިރާސާ ރިޕޯޓެއް ހުށަހެޅުމާއި، މިކަމާ ގުޅޭގޮތުން މަސްލަހަތުވެރިންގެ ޚިޔާލު ހޯދުމެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ދަޢުލަތުގެ ކަމާގުޅޭ އިދާރާތަކުގެ އިތުރުން، މަސައްކަތްތެރިން ތަމްސީލު ކުރާ ޖަމްޢިއްޔާތަކާއި، ވަޒީފާ ދޭ ފަރާތްތައް ތަމްސީލު ކުރާ ޖަމްޢިއްޔާތައް އަދި އައިއެލްއޯއިން ވަނީ ބައިވެރިވެފައެވެ. މަސައްކަތްތެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގެ އަސާސަކީ، އައިއެލްއޯގެ ރިޕޯޓު ހުށަހެޅުމެވެ.
މި ރިޕޯޓުގެ މައިގަނޑު މަޤްސަދަކީ، ޤައުމީ ސިޔާސަތުތައް ކަމަށްވާ ނޭޝަނަލް ޑިޓަރމިނޭޑް ކޮންޓްރިބިއުޝަންސް (އެންޑީސީ)، ލޯންގް ޓާރމް ލޯ އެމިޝަން ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް (އެލްޓީ-އެލްއީޑީއެސް)، އަދި ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް (ސީޕީޕީ) ފަދަ ކަންކަމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ވިސްނުންތައް ފޯރުކޮށްދިނުމެވެ.
މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގައި އައިއެލްއޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރާއްޖޭގެ ވަޒީފާތަކާއި، އުފެއްދުންތެރިކަމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި، މިކަމުގެ ސަބަބުން ވަޒީފާގެ މާހައުލަށާއި، މަސައްކަތްތެރިންނާއި، ވިޔަފާރިތަކުގެ އިތުރުން މުޅި އިޤްތިޞާދަށްވެސް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސިޔާސަތުތައް އެކުލަވާލުމަށް މަސައްކަތްކޮށްފައިވާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މަޝްވަރާ ބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ، މަސްލަހަތުވެރިންނާއި ގުޅިގެން މަޝްވަރާކޮށް، އެފަރާތްތަކުގެ ޚިޔާލުތައް ހޯދުމެވެ. މަސްލަހަތުވެރިންގެ އަޑުތައް އަހައި، އެމީހުންގެ ނަޒަރިއްޔާތުގެ އަލީގައި މިހާރު ހުރި ސިޔާސަތުތަކާއި، މޫސުމާއި ތިމާވެށީގެ ސިޔާސަތުތައް އެއްކޮށްލެވޭނެ ގޮތްތަކާ މެދުވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގެ ސަބަބުން މަސްލަހަތުވެރިންނަށް ދިރާސާގެ ނަތީޖާތައް ޙިއްސާ ކުރުމާއި، މި މައުޟޫޢާ ގުޅޭގޮތުން އެމީހުންގެ ވިސްނުންތައް ހާމަކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިފަދަ މަޝްވަރާތަކަކީ، ހޫނު ގަދަވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ޙައްލު ކުރުމަށް މަގުފަހިކޮށްދީ، ދެމެހެއްޓެނިވި ވިޔަފާރިތައް އުފެއްދުމާއި، އިތުރު އަދި ރަނގަޅު ވަޒީފާތައް އުފެއްދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ. މި މަޝްވަރާތަކުގެ ނަތީޖާ، ތިމާވެށްޓާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ލަފާކުރެވެއެވެ.