ޚަބަރު
ދުންފަތް ކޮންޓްރޯލް ކުރުމުން "އިންޓެގްރިޓީ އެވޯޑު" ރާއްޖެއަށް ލިބިއްޖެ
ރާއްޖޭގެ ފަރާތުން އެވޯޑާއި ހަވާލުވަނީ---
ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން އެޅި ހަރުދަނާ ފިޔަވަޅުތަކާ ގުޅިގެން "އިންޓެގްރިޓީ އެވޯޑު" ރާއްޖެއަށް ލިބިއްޖެއެވެ.
މި އެވޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ޤައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި، އެ ސިޔާސަތުތަށް ތަންފީޒުކުރާގޮތް ދިރާސާކުރާ، ބައިނަލް އަޤްވާމީ ޖަމްޢިއްޔާއެއް ކަމުގައިވާ، "ގްލޯބަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީ.ޖީ.ޓީ.ސީ)" އިން ދެމުން އަންނަ އެވޯޑެކެވެ.
އިންޓެގްރީ އެވޯރޑް ރާއްޖެއަށް ހަވާލުކުރެވުނީ މި މަހުގެ 17 އިން 22 އަށް ސްވިޒަލޭންޑް ގެ ޖެނީވާގައި ކުރިއަށްދާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލް އަޤްވާމީ މުޢާހަދާ "ފްރޭމްވަރކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް، (އެފް.ސީ.ޓީ.ސީ)" ގެ ގަވަރނަންސް ބައްދަލުވުން ކަމުގައިވާ، "ކޮންފަރެންސް އޮފް ދަ ޕާރޓީސް (ކޮޕް)" ގެ 11 ވަނަ ސެޝަންގެ ހަވާސާގައެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި އެވޯޑާއި ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ޑޮކްޓަރ ސަލްމާ ރަޝީދުއެވެ.
މި އެވޯޑު ރާއްޖެއަށް ދިނުމުގައި އެފް.ސީ.ޓީ.ސީ.އިން ބަލާފައިވަނީ، 2 އަހަރުން 1 އަހަރު އެ ޖަމްޢިއްޔާއިން ޝާޢިޢުކުރާ "ޓޮބޭކޯ އިންޑަސްޓްރީ އިންޓަރފަރެންސް އިންޑެކްސް" ގައި ރާއްޖެއަށް ލިބިފައިވާ ސްކޯރއެވެ.
މި އިންޑެކްސްގައި، ދުންފަތް ކޮންޓްރޯލްކުރުމުގެ ސިޔާސަތުތަކަކީ ދެ ފުށްފެންނަ، އިޚްލާޞްތެރި އަދި ދުންފަތުގެ ސިނާޢަތުގެ ނުފޫޒުން ސަލާމަތްވެފައިވާ ސިޔާސަތުތަކެއްކަން ކަށަވަރުކުރުމަށް އެ ޖަމްޢިއްޔާއިން ކުރާ ދިރާސާތަކުގެ ނަތީޖާ ވެސް ހިމެނެއެވެ.
މި އެވޯރޑުން ހާމަވެގެންދަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ދިވެހި ރައްޔިތުން ދުންފަތުން ރައްކާތެރި ކުރުމަށާ، ދިވެހިންގެ ޞިއްޙަތު ރައްކާތެރި ކުރުމަށް ތަންފީޒުކުރަމުންގެންދާ ސިޔާސަތުތަކަކީ، ދުނިޔޭގެ ފެންވަރުގައިވެސް ބަލައިގަންނަ ނަމޫނާ ސިޔާސަތުތަކެއްކަމަށް ޞިއްޙީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.