ކުޅިވަރު
ޑޭވިސް ކަޕް 2025: ފުރަތަމަ މެޗުގައި ރާއްޖެއިން ޔޫއޭއީ ބަލިކޮށްފި
ޑޭވިސް ކަޕް 2025ގައި ވާދަކުރާ ރާއްޖޭގެ ޓެނިސް ޓީމް---
ބަޙްރެއިންގައި މިހާރު ކުރިޔަށްދާ ޑޭވިސް ކަޕް ނުވަތަ ފިރިހެނުންގެ ޓެނިސް ވޯލްޑް ކަޕްގެ ގްރޫޕް 5ގެ ސަރަޙައްދީ ކެޓަގަރީގައި ދިވެހިރާއްޖޭގެ ޓެނިސް ޓީމުން ކުޅުނު ފުރަތަމަ މެޗުގައި، އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) 2-1 އިން ބަލިކޮށްފިއެވެ.
ގްރޫޕް 5ގެ ސަރަޙައްދީ ކެޓަގަރީގައި ރާއްޖެ ހިމެނެނީ ގްރޫޕް-ޑީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޔޫއޭއީގެ އިތުރުން، ތަޖިކިސްތާން އާއި މަކާއުއެވެ.
މި މުބާރާތުގައި ސަރަޙައްދީ ޤައުމުތައް ފަންތިކޮށް ތިން ކެޓަގަރީއަކަށް ބަހާލާފައިވާއިރު، ސަރަޙައްދީ ގްރޫޕް 5އިން ދެން ޕްރޮމޯޓު ވާނީ ސަރަޙައްދީ ގްރޫޕް 4 އަދި އެއަށްފަހު 3 އަށެވެ. ސަރަޙައްދީ ގްރޫޕްތަކުން އެންމެ މޮޅު ނަތީޖާތައް ހޯދާ ޓީމުތައް ދެން ދާނީ "ވޯލްޑް ކެޓަގަރީ 2"އަށެވެ. އެއަށްފަހު އެ ގްރޫޕުން ދެން ޕްރޮމޯޓު ވާނީ "ވޯލްޑް ކެޓަގަރީ 1"އަށެވެ. އަދި ވޯލްޑް ކަޕް ފައިނަލްސްއަށް ދަތުރުކުރާ ޤައުމުތައް ކަނޑައަޅާނީ ކޮލިފިކޭޝަން ބުރަކަށް ފަހުއެވެ.
ބުދަ ދުވަހު ރާއްޖެއިން ޔޫއޭއީއާ ބައްދަލުކުރިއިރު ސިންގަލްސް ފުރަތަމަ މެޗުގައި ވާދަކުރީ ރާއްޖޭގެ ދާއޫދު ޝަހީބާއި ޔޫއޭއީގެ އަބްދުލްރަޙްމާން އަލް ޖަނާހީއާއެވެ. އެ މެޗު 6-3 އަދި 6-1 އިން ކާމިޔާބުކުރީ ޔޫއޭއީގެ ކުޅުންތެރިޔާއެވެ.
ސިންގަލްސް ދެވަނަ މެޗުގައި ރާއްޖޭގެ އަބްދުالله ފާއީހް ފަޒީލް ވަނީ އަޙުމަދު ބަދުރީގެ މައްޗަށް 6-0 އަދި 6-2އިން ކުރި ހޯދާފައެވެ.
ޑަބަލްސް މެޗުގައި ރާއްޖޭގެ ޓީމުން ފުރަތަމަ ގޭމު 6-2އިން ކާމިޔާބުކުރިއިރު، ދެވަނަ ގޭމު 7-6އިން ގެންދިޔައީ ޔޫއޭއީއެވެ. ނަމަވެސް ފަހު ގޭމު ތަފާތު ބޮޑުކޮށް، 6-1އިން ކާމިޔާބުކުރުމަށްފަހު ރާއްޖެއިން ވަނީ ޔޫއޭއީ ބަލިކޮށްފައެވެ. އެ މެޗު ވަނީ 2 ގަޑިއިރާ 4 މިނެޓަށް ދެމިގެން ގޮސްފައެވެ.
މި މުބާރާތުގައި މިއަދު ރާއްޖެއިން ނިކުންނާނީ މާކާއުއާ ދެކޮޅަށެވެ.