ސައިންސް / ދުނިޔެ
މެހީގެ އައު ބާވަތެއްކަމުގައިވާ 'ޑެވިލް ފްލައި' ހުޅަނގު އޮސްޓްރޭލިއާއިން ފެނިއްޖެ!
މެހީގެ އައު ބާވަތެއްކަމުގައިވާ 'ޑެވިލް ފްލައި'
ދުނިޔޭގައި މިހާރުވެސް ނުރައްކާތެރި އަދި ވިހަގަދަ ވައްތަރުގެ ގިނަ ފަނިފަންޏާއި ދިރޭތަކެތި ހުރިއިރު، ސައިންސްވެރިން މިވަނީ "ޑެވިލް ފްލައި" ގެ ނަމުން ނަންދެވިފައިވާ އައު ބާވަތެއް ހޯދާފައެވެ. ހުޅަނގު އޮސްޓްރޭލިއާއިން މި މެހި ހޯދާފައިވަނީ ކާރޓިން ޔުނިވަރސިޓީގެ ދިރާސާވެރިންނެވެ. އެމީހުން މި މެހަށް ނަންދީފައިވަނީ "ލޫސިފަރ" އެވެ. އެއީ ޝައިޠާނާއަށް ނިސްބަތްކޮށް ކިޔާއުޅޭ ނަމެކެވެ.
މި ހޯދުމުގެ އިސް ދިރާސާވެރިޔާ ކެޓް ޕްރެންޑަރގާސްޓަށް މި މެހި ފެނިފައިވަނީ 2019 ވަނަ އަހަރު ނުރައްކާތެރި ހާލަތުގައިވާ ޖަންގަލީގެ ބާވަތްތައް ދިރާސާކުރަމުން ދަނިކޮށެވެ. އޭނާ ވަނީ މި މެހި ފެނުނު ހިނދުން ފެށިގެން އެކަމަށް ސަމާލުކަން ދީފައެވެ. ސަބަބަކީ އެ މެހީގައި ހުރި ތަފާތު ސިފަތަކެވެ. ކެޓް ޕްރެންޑަރގާސްޓް ބުނެފައިވާ ގޮތުގައި މި މެހީގެ އަންހެން ޖިންސްގެ މޫނުމަތީގައި ކުޑަ ކުޑަ ދަޅުތަކެއް ހުރެއެވެ.
ނެޓްފްލިކްސްގެ މަޝްހޫރު ޝޯ 'ލޫސިފަރ' ގެ އެކްޓަރައެއް ކަމަށްވާ ކެޓް ޕްރެންޑަރގާސްޓް ބުނެފައިވާ ގޮތުގައި، މި މެހީގެ ޝައިޠާނީ ސިފަތަކުގެ ސަބަބުން 'ލޫސިފަރ' މި ނަން އެމެއްސަށް އެންމެ އެކަށީގެންވެއެވެ. މި ހޯދުމުން ދައްކައިދެނީ ދުނިޔޭގައި އަދިވެސް ހޯދައި ބަލައި ނުގަނެވި ހުރި ގިނަ އަދަދެއްގެ ދިރޭ ތަކެތި އެބަހުރިކަމެވެ.
ކެޓް ޕްރެންޑަރގާސްޓް އިތުރަށް ބުނެފައިވަނީ، މި ހޯދުމުގެ ސަބަބުން މަޢުދަން ކޮނުމުގެ ނުރައްކާ ކުރިމަތިވެފައިވާ ސަރަހައްދުތަކުގައި ހުރި ހޯދިފައި ނުވާ މެހީގެ ބާވަތްތަކާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އޭނާ ވަނީ ގިނަ މަޢުދަން ކޮންނަ ކުންފުނިތަކުން ހިސާބުގައިވާ މެހީގެ ބާވަތްތައް ދިރާސާ ނުކުރާ ކަމަށް ފާހަގަކޮށްފައެވެ. ނުރައްކާތެރި މަލުގެ ބާވަތްތަކާއި ދިރޭތަކެތި ރައްކާތެރިކުރުމަށާއި، ތިމާވެށީގެ ހަމަޖެހުން ދެމެހެއްޓުމުގައި މުހިންމު ރޯލެއް އަދާކުރާ ގިނަ ބާވަތްތަކެއްގެ މެހިތައް އަހަރެމެންނަށް ގެއްލިގެން ހިނގައިދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.