ޚަބަރު
ފަހި ޕްރޮގްރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ގިނަ ބަޔަކަށް އެމްޕީއެލްއިން ވަޒީފާ ފަހިކޮށްދީފި!
ފަހި ޕްރޮގްރާމުގެ ދަށުން ވަޒީފާ ހަމަޖެހުނު ބައެއް ކުދިން ފޮޓޯ: ޕީއެސްއެމް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށްގެންދާ "ފަހި ޕްރޮގްރާމް – އެކުއެކީ ގުޅިގެން"ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެހީތެރިވެދިނުމެވެ. އެމްޕީއެލްއިން ވިދާޅުވީ، މިކުންފުނީގައި މަސައްކަތް ކުރުމުގެ ފުރުސަތު މި ފަރާތްތަކަށް ފަހިކޮށްދެވޭނެ ކަމަށެވެ. މި ރަސްމިއްޔާތުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލްއިން ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައެވެ. މި ވަޒީފާތަކުގެ ތެރޭގައި ކުޅުދުއްފުށި ޕޯޓާއި ސ. ހިތަދޫ ޕޯޓްގެ ވަޒީފާތައް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ސަރވިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، އެމްޕީއެލްގެ އަމާޒަކީ މި ޕްރޮގްރާމަކީ އަބަދުވެސް ދިރުންހުރި ޕްރޮގްރާމަކަށް ހެދުން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިއަދު ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާގެ ފުރުސަތު ހަމަޖެހުނުއިރު، މިހާރުވެސް ނުކުޅެދުންތެރިކަން ހުންނަ 32 މީހަކު އެމްޕީއެލްގެ ވަޒީފާގައި ތިއްބެވެ. އޭގެތެރޭގައި ވަޒީފާގައި އުޅޭތާ 10 އަހަރު ވެފައިވާ މީހުން ވެސް ހިމެނެއެވެ. އަދި ކޮންޓްރެކްޓް އުސޫލުން ވަޒީފާ ހަމަޖެއްސި ނަމަވެސް، އޮނިގަނޑުގެ ތެރެއިން ހުނަރަށް ބަލައި މި ފަރާތްތައް އެމްޕީއެލްގެ ދާއިމީ މުވައްޒަފުންނަށް ވާނެ ކަމަށް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ އެމްޕީއެލްގެ ވެބްސައިޓްގައި ލޮލަށް ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ޚާއްސަ އެކްސެސިބިލިޓީ ފީޗަރެއް އިފްތިތާހުކޮށްފައެވެ. މި ފީޗަރ އިފްތިތާހުކޮށްދެއްވީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު އައިޝަތު ޝިހާމްއެވެ. އެމްޕީއެލްއިން ވިދާޅުވީ މިއީ ރާއްޖޭގެ ވެބްސައިޓެއްގައި މިފަދަ ފީޗާއެއް ތަޢާރަފްކުރެވުނު ފުރަތަމަ ފަހަރު ކަމަށާއި، މިއީ އެ ކުންފުނިން ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށެވެ.
މި ސަރުކާރުގެ 2 އަހަރުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 333 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރުގެ ކުންފުނިތަކުން ފަހިކޮށްދީފައިވާ 288 ވަޒީފާގެ ފުރުސަތާއި، ސިވިލް ސާރވިސްގެ ތެރެއިން ފަހިކޮށްދީފައިވާ 45 ވަޒީފާގެ ފުރުސަތެވެ. މިފަދަ މަސައްކަތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖްތިމާޢީ ގޮތުން ބައިވެރިވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތުތަކެކެވެ.