ޚަބަރު
ހދ. ނާގޯށި ރިސޯޓު ތަރައްޤީ ކުރުމަށް އެމްޓީޑީސީން މުވައްޒަފުން ނަގަން ހުޅުވާލައިފި!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އޯގަސްޓް މަހު ހދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ނާގޮށި ތަރައްގީކުރުމުގެ ޕްލޭން ބައްލަވާލެއްވުން
ހދ. ނާގޯށީގައި ރިސޯޓެއް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މުވައްޒަފުން ނެގުމުގެ މަސައްކަތް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފަށާފައި މިވަނީ، ސަރުކާރުން މި މަޝްރޫޢު އަލުން ފަށައި ކުރިއަށް ގެންދިއުމަށް ދިން ލުއިތަކާއެކު މިދިޔަ އޯގަސްޓް މަހުއެވެ.
އެމްޓީޑީސީން ވަނީ ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތަށް 20 މުވައްޒަފުން ހޯދުމަށް އިޢުލާންކޮށްފައެވެ. މި ވަޒީފާތަކުގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖަރާއި ކޮންސްޓްރަކްޝަން މެނޭޖަރު ފަދަ 13 ތަފާތު މަޤާމު ހިމެނެއެވެ. މި މަޝްރޫޢުގައި މަސައްކަތް ކުރުމަށް ނަގާ މުވައްޒަފުންނަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް އެ ރަށުގައި މަސައްކަތް ކުރާ ގޮތަށް ކަމަށް އެމްޓީޑީސީން ވިދާޅުވެއެވެ. މި ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހެޅުމަށް އެމްޓީޑީސީން ވަނީ ހުޅުވާލާފައެވެ.
ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީޑީސީއާ ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މި މަޝްރޫޢުވަނީ ދިގުދެމިފައެވެ. ފުރަތަމަ ރަޝިއާގެ ތްރީކް ކުންފުންޏަށް ސަބްލީޒްކުރި ނަމަވެސް މަޝްރޫޢު ކުރިއަށް ނުގެންދެވުމުން 2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް ނެގުނެވެ. އަދި 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ރަށް ލިބުމުން، ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްޤީކުރުމަށް ދިނެވެ. ނަމަވެސް ތިން އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާތީ، އެ އެގްރިމެންޓް ވަނީ އުވާލާފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތުން މާލީ ވުޒާރާއިން ވަނީ އެމްޓީޑީސީއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިނޭންސިން ހަމަޖައްސަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އޯގަސްޓް މަހު ހދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު ވަނީ ނާގޯށި ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
އެމްޓީޑީސީން ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ފިޔަވައްސުގެ ދަށުން 183 ކޮޓަރީގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ޑިސެމްބަރުމަހަށް ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނިން ހާމަކުރެއެވެ. މި ކޮޓަރިތަކުގެ ތެރޭގައި ބީޗް ވިލާތަކާއި، ޖަކޫޒީ ބީޗް ވިލާސް، އަދި ވޯޓާ ވިލާސް ހިމެނޭހެން 4 ގިންތިއެއްގެ ކޮޓަރިތައް ހުންނާނެ ކަމަށް އެމްޓީޑީސީން ފާހަގަކުރެއެވެ.
ނާގޯށި ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީޑީސީން ލަފާކުރެއެވެ. މި ރަށަކީ ރާއްޖޭގައި ފަތުރުވެރިކަމަށް ތަރައްޤީކުރެވޭ އެންމެ ބޮޑު އެއް ރަށްކަން ފާހަގަކޮށްލެވެއެވެ. މަޝްރޫޢުގެ މަސައްކަތް ނިމޭއިރު 600 އެއްހާ ވަޒީފާ އުފެދޭނެ ކަމަށް އެމްޓީޑީސީން ވިދާޅުވާއިރު، މީގެ ސަބަބުން މުޅި ހދ. އަތޮޅަށްވެސް ބޮޑެތި އިޤްތިޞާދީ ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ކުރިއަށް އޮތް އަހަރުތެރޭގައި މި ރަށަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށައި ތަމްރީން ދިނުމުގެ މަސައްކަތްވެސް ފައްޓަވާނޭކަމަށް އެމްޓީޑީސީން ހާމަކުރެއެވެ. މީގެ އިތުރުން ނާގޯށި އޮޕަރޭޓް ކުރުމަށް އިންޓަރނޭޝަނަލް ބްރޭންޑެއް ހޯދައި، އެކަމާއި ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް އެމްޓީޑީސީން ވިދާޅުވެފައިވެއެވެ.