Ads by Stelco

ޚަބަރު

ދާރުލްއަރްޤަމް ވަޤްފު ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފި

ދާރުލްއަރްޤަމް ވަޤްފު ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފި

ދާރުލްއަރްޤަމް ވަޤުފް އިމާރާތުގެ ބިންގާ އެޅުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ނޮވެމްބަރު 2025، 03:29

20 ނޮވެމްބަރު 2025، 03:29

މާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤްފު ޢިމާރާތް 'ދާރުލްއަރްޤަމް'ގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މި ޚާއްސަ ރަސްމިއްޔާތުގައި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއެކެވެ. ދާރުލްއަރްޤަމްގެ އިތުރުން ހުޅުމާލޭގައި ވަޤްފު އިމާރާތަކާއި، މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު އިމާރާތެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މާލެ ހެންވޭރު 64 ނަމްބަރު ކޮށީގައި 12 ބުރިއަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. މީގެ އިތުރުން އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެވެ. އިމާރާތުގެ ރޫފްޓޮޕް ވެސް އޯޕަން ޓެރަސްއެއްގެ ގޮތުގައި ޤާއިމްކުރެވޭނެއެވެ.

މީގެ އިތުރުން މި ޢިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމު ވެސް ޤާއިމް ކުރެވޭނެއެވެ.

މި މަޝްރޫޢު ހިންގުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ޖުމްލަ 39,462,545.08 ރުފިޔާގެ މި މަޝްރޫޢު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުއަކީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫޢުއެއްކަން ފާހަގަކޮށްލެވެއެވެ. ދާރުލްއަރްޤަމް ޢިމާރާތް ނިމުމުން، ވަޤްފު ފަންޑަށް މާލީ ގޮތުން ބޮޑު މަންފާއެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން